ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހައިފައިވޭތޯ ކަށަވަރުކޮށްފައި ނޫނީ ދަތުރުކުރުމަށް ފުރުސަތު ނުދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ އަންނަ ބުދަ ދުވަހުން ފެށިގެން އެއްގަމުންނާއި ކަނޑުދަތުރާއި ވައިގެ ހިދުމަތް އަދި ޓެކްސީ ދަތުރުކުރާއިރު ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިވޭތޯ ހިދުމަތްދޭ ފަރާތްތަކުން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންގައި ޝަރުތު ކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު ނޫނީ ހިދުމަތް ނުދިނުމަށް ވަނީ އެދިފަ އެވެ.
މިއީ ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުންންނާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުމަށް ނިންމާފައިވާ ނިންމުމެކެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ މިމަހުގެ ނިޔަލަށެވެ. އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރުނާ މީހުންނާނަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަތިތަކަކާއި ކުރިމަތިވާނެ އެވެ.
އެގޮތުން ވެކްސިން ފުރިހަމަ ނުކުރާ މުވައްޒަފުން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮފީހަށް ނިކުންނަން ޖެހޭނީ ޕީސީއާރް ހަދާ، ނެގެޓިވް ނަތީޖާއަކާ އެކު އެވެ. އަދި ވެކްސިން ފުރިހަމަ ކުރެވެންދެން ކޮންމެ ދެ ހަފްތާއަކުން ޕީސީއާރް ހަދާ ނެގެޓިވް ނަތީޖާ ހުޅަހަޅަން ޖެހެ އެވެ.
މީގެ އިތުރުން ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށެގެން ސުކޫލްތަކަށް ވެސް ނުވަދެވޭނެ ކަމަށް ވަނީ ނިންމާފަ އެވެ.