އެސްޓީއޯ

ފުށް ފެކްޓަރީ އަޅަން ބިން ހޯދަނީ

ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން ކުރުމުގެ ގޮތުން ރޯ ގޮދަން ރާއްޖެ ގެނެސް، ރާއްޖޭގައި ފުށް އުފައްދާ ބަންދު ކުރާ ފެކްޓަރީއެއް / ކާރުހާނާއެއް އަޅަން ބިން ހޯދަން ފަށައިފި އެވެ.

މި މަސައްކަތާއި ގުޅޭގޮތުން އެސްޓީއޯގެ އޮފިޝަލަކު މިއަދު އަވަސް އަށް މައުލޫމާތު ދެއްވައި ވިދާޅުވީ މިހާރު ކުރިއަށް ދަނީ ފެކްޓަރީ އަޅާނެ ބިމެއްގެ މަސައްކަތް ކަމަށެވެ. ފެކްޓަރީ އަޅަން ބިން ހޯދަނީ މާލެ ސަރަހައްދުގެ މާލެ، ތިލަފުށި އަދި ގުޅީފަޅުންވެ.

ގޮދަންފުށް ކާރުހާނާ އަޅަން ސާވޭއެއް ހަދަން ފަށާފައި ވާއިރު އެ މަސައްކަތް ނިމޭނެ ތާރީހެއް އަދި ނޭނގޭ ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.

"ފުރަތަމަ އަޅުގަނޑުމެން ބިން ކަނޑައަޅާފައި ސަރުކާރުގައި އެދެން ޖެހޭނީ އެ ތަން ފެކްޓަރީ ހޯދަން. އެ ހުއްދަ ލިބުމުން މަސައްކަތް ފެށިގެން ދާނެ." އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮދަށްފުށް ބަންދު ކުރަން ނިންމާފައި ވަނީ ބޭރުން ގޮވާން އެތެރެ ކޮށްގެން ކަމަށެވެ. އަދި ފުށް ތައްޔާރުކޮށް ފެކްޓަރީގައި ބަންދު ކުރާ ގޮތަށެވެ. އެ ފެކްޓަރީގައި ތަފާތު ބާވަތްތަކުގެ ފުށް އުފައްދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އަމިއްލަ ފަރާތްތަކާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި ވިޔަފާރިވެރިން ބޭނުންވާ އެކި ވަތްތަރުގެ ފުށް، އެ ފެކްޓަރީން ރާއްޖޭގެ ބާޒާރަށް ނެރޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެސްޓީއޯއިން ބުނީ މި ފެކްޓަރީގެ ސަބަބުން ކާޑު އެތެރެ ކުރަން ކުރާ ހަރަދު ލުއި ވެގެންދާނެ ކަމަށާއި ފުށް ރައްކާކޮށްފައި ބެހެއްޓޭ މުއްދަތު ވެސް އިތުރުވާނެ ކަމަށެވެ.