ރައީސް އަބްދުﷲ ޔާމީން

އޯޑިއޯއާއި އެކު ޔާމީން މިނިވަންކުރުމުގެ އަޑުގަދަވެއްޖެ

Aug 29, 2021
3

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަސް އަހަރުގެ ހުކުމެއް އިއްވީ ފަނޑިޔާރުން ރަހީނު ކޮށްގެން ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ހުސެއިން ފާއިޒް ރަޝާދު ވިދާޅުވި ކަމަށް ބުނާ އޯޑިއޯ އެއް އާންމުވުމާ ގުޅިގެން ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ މީހުންގެ އަޑު ގަދަވެއްޖެ އެވެ.

ފަނޑިޔާރު ފާއިޒުގެ އޯޑިއޯ އެއް ކަމަށް ބުނާ އޯޑިއޯގައި ވިދާޅުވެފައިވަނީ ފަނޑިޔާރުން ރަހީނު ކުރެވޭނެ ކިތަންމެ ގޮތެއް ހުންނާނެ ކަމަށާއި އޭނާ ރަހީނު ނުކުރި ނަމަވެސް އޭނާގެ އަނބިމީހާ ނުވަތަ ގާތް މީހަކު ރަހީނުކޮށްގެން ވެސް އެ އަމަލު ހިންގިދާނެ ކަމަށެވެ. ފަނޑިޔާރުން ރަހީނުކުރި ކަމަށް ދޭހަވާ ގޮތަށް އޯޑިއޯގައި ވާހަކަދައްކަވާފައިވީ ނަމަވެސް ރައީސް ޔާމީން ޖަލަށް ލުމަށް ކުރި ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް އޯޑިއޯގައި ވިދާޅުވެ އެވެ. އެކަމަކު ތަފްސީލް ހިއްސާ ކުރައްވާފައެއް ނުވެ އެވެ.

އޯޑިއޯ އާންމުވުމާ ގުޅިގެން ރައީސް ޔާމީނަށް ތާއީދުކުރައްވާ ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންނާއި އާންމު ރައްޔިތުން ވެސް ގެންދަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

ރައީސް ޔާމީން މިހާރު ދޫކޮށްލުމަށް ގޮވާލައްވަމުން ޕީޕީއެމްގެ ނައިބް ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވީ ރައީސް ޔާމީނަށް ކުރެވުނު ހުކުމަކީ ނުހައްގުން ސިޔާސީ އަނިޔާއެއް ކަން މިދަނީ ހާމަވަމުން ކަމަށެވެ.

"ހަމަ މިހާރު އެމަނިކުފާނު މިނިވަންކުރަން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން. 2023 ގައި ރާއޖޭގެ ވެރިކަމަށް ރައީސް ޔާމީން އިންތިހާބު ކުރާނަން،" ގައްސާން ވިދާޅުވެފައިވެ އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީނަށް ހުކުމްކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަދި ކޯލިޝަންގެ ވެރިން ކަމަށެވެ. އެކަން ކުރި ގޮތާއި މަގުސަދު ހާސިލްވަމުންދާ ކަމަށާއި އެކަމަކު ތާއަބަދު އިންޑިއާ ކަނޑުވާން ދިވެހިން ނުތިބޭނެ ކަމަށެވެ.

"ބާތިލު ހާލި ހަދައިގެން ހައްގު އުފަން ނުވާނެ ކަން ގަބޫލުކުރުމަކީ ކުއްހީއެއް،" ރައީސް ސޯލިހް ޓެގްކުރައްވާ ކުރެއްވި ޓްވީޓްގައި ސައީދު ވިދާޅުވެފައިވެ އެވެ.

ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ސަރުކާރުން ފަނޑިޔާރުން ރަހީނުކޮށް ރައީސް ޔާމީނަށް ކުރި ހުކުމް އިއްތިފާގަކަށް ނުހައްދަވާ ޖޭއެސްސީން މައްސަލަ ބަލަންޖެހޭނެ ކަމަށެވެ.

ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ރައީސް ޔާމީނަށް ކުރި ހުކުމަކީ "ހަރާމް ހުކުމެއް" ކަން އޭރުވެސް ރައްޔިތުން އޮތީ ނިންމާފައި ކަމަށެވެ. އެހެންވެ ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަންކުރުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

"ފަނޑިޔާރުން އެ ތިއްބެވީ ސަރުކާރުން ދިން ހަދިޔާގައި ހިފައިގެން ހަޑިވެފައި. ދައުލަތް ތާހިރު ކުރެވެން އޮތީ ރައްޔިތުން ނިކުމެގެން،" ހުސައިން ވިދާޅުވެފައިވެ އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ޖޭއެސްސީ ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާޒީން ރަހީނުކޮށްގެން، މަޖުބޫރުކޮށްގެން ކުރާ ހުކުމް ކަނޑައެޅިގެން ބާތިލްވާނެ ކަމަށެވެ.

"މިކަން ތަހުގީގުކުރަންޖެހޭ. އަދި ރައީސް ޔާމީން ވަގުތުން މިނިވަން ކުރަންޖެހޭނެ،" ޝަހީމް ވިދާޅުވެފައިވެ އެވެ.

އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް ކުރި އެންމެ ފުރަތަމަ ދުވަހު ވެސް އެއީ "ހަރާމް ހުކުމެއް" ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.

"މިއަދުވެސް މިބުނަނީ އެއީ ހަރާމް ހުކުމެކޭ. ފަނޑިޔާރު މަނިކުފާނު އިއްވި ހުކުމަށް ނުފޫޒު ފޯރުވި މީހުންނާއި ފަނޑިޔާރު މަނިކުފާނާ ގާނޫނު އަރާ ހަމަކުރާނެ،" ޝުޖާއު ވިދާޅުވެފައިވެ އެވެ.

ލީކްވި އޯޑިއޯ އާއި ގުޅިގެން ރައީސް ޔާމީންގެ އިސް ވަކީލް އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މީގެއިތުރުން ޖަމީލް ވަނީ ޖޭއެސްސީގެ ރައީސް އަދި ހިސާން ހުސައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި "ރައީސް ޔާމީނަށް ހުކުމްކުރި ގާޒީންނަށް ލިބުނު ކުރިއެރުމަކީ އިއްތިފާގެއް" ކަމަށް ވިދާޅުވުމާ ގުޅިގެން އެތައް ސުވާލެއް ވެސް ކުރިމަތިކުރައްވާފަ އެވެ.

"ހުކުމާ ދިމާކޮށް ގާޒީ ސަސްޕެންޑް ކުރުމަކީ އިއްތިފާގެއް؟ ދެން އައި ބެންޗުގެ ގާޒީގެ ޕްރޮމޯޝަނަކީ އިއްތިފާގެއް؟ ރައީސް ޔާމީންގެ ކޮންމެ ޝަރީއަތަކާ ގުޅިގެން ސުލޫކީ މައްސަލަ ބެލުމަކީ އިއްތިފާގެއް؟ ލީކުވި އޯޑިއޯ އަކީ އިއްތިފާގެއް؟ ޖޭއެސްސީ ރިފޯމް ނުކުރަނީ އިއްތިފާގުތަކުގެ ކޮންޓްރޯލް ގެއްލޭތީ؟" ޖަމީލް ކުރެއްވި ޓްވީޓެއްގައިވެ އެވެ.

ފަނޑިޔާރު ފާއިޒްގެ އޯޑިއޯއެއް ކަމަށް ބުނާ އޯޑިއޯގެ މައްސަލަ ބަލައިދިނުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ޕީޕީއެމުން މިހާރު ވަނީ މައްސަލަ ހުށަހަޅާފަ އެވެ.