ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ގާނޫނީ އިމުން ބޭރުން ކޮށްފައިވާ ހުކުމެއް ކަމަށް އެ ހުކުމް އިއްވި ފަނޑިޔާރުންގެ އަމިއްލަ އިއުތިރާފުން ސާބިތުވެފައިވާތީ ސުޕްރީމް ކޯޓުން އިސްވެ މަޖިލީހެއް ބާއްވަވާ ދަށު ކޯޓްގެ ހުކުމް ބާތިލުކުރަން ޖެހޭ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން އެ ހުކުމް އިއްވި ބެންޗުގައި އިންނެވި ތިން ފަނޑިޔާރަކު ވާހަކަ ދައްކަވާ އޯޑިއޯތަކެއް މިހާރު ވަނީ އާންމުވެފައެވެ. އެ އޯޑިއޯތަކުގައި އެ ފަނޑިޔާރުން ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާމެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ވިދާޅުވެފައެވެ. އެއް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެކެވެ. އެހެން ފަނޑިޔާރަކު ވިދާޅުވީ ހުކުމްގައި އޮތް އެއްޗެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށާ ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަަމަށެވެ.
ޕީޕީއެމް އާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލް ބައްދަލްވުމުގައި މިރޭ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އިދިކޮޅު ލީޑަރުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ "އުންސުރު" ހަމަނުވާ ހުކުމެއްކަން ސާބިތުވެއްޖެ ކަމަށެވެ. އެހެން ވިދާޅުވާން ޖެހިވަޑައިގަތީ ހުކުމް ކުރި ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަށްވެސް އިއްވެވި ހުކުމްގައި އޮތް އެއްޗެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުން ކަމަށެވެ. ޝިޔާމް ވިދާޅުވީ މިއީ ރީތި ގޮތުގައި ރައީސް ސޯލިހް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ވަގުތު ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ ހުންނެވީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ހިލާފުވެވަޑައިގެންފައި، މަނިކުފާނު ރީތި ގޮތުގައި އިސްތިއުފާ ދެއްވާށޭ. ގާނޫނު އަސާސީން ރައީސް ޔާމީނަށް ލިބިދޭ އެތައް ހައްގެއް ނިގުޅައިގެންފައި ވަނީ،"
ޝިޔާމް ވިދާޅުވީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާ މުޅީން ހިލާފަށް ރައީސް ޔާމީންގެ އެތައް ހައްގުތަކެއް ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް އިންސާފު ހޯދަން މިއަދު ދާނެ ތަނެއް ނެތް ކަމަށެވެ. ޝިޔާމް ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަ ބަލަން އޮތް ޖޭއެސްސީ އޮތް ހާލަތާއި ޖީނާއީ ކުށްތައް ތަހުގީގު ކުރަން އޮތް ފުލުހުންގެ މުއައްސަސާ އޮތް ހާލަތާއި ޕްރޮސެކިއުޓަރު ޖެނެރަލްގެ ހާލަތު ހުރި ގޮތުން އިންސާފު ލިބޭނެ މަގަކީ ކޮބައިތޯ ސުވާލު އުފެދޭ ކަމަށެވެ.
މިވަގުތު ރައްޔިތުންނަށް އޮތް ހަމައެކަނި އުންމީދަކީ ސުޕްރީމް ކޯޓް ކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މިއީ އެ ކޯޓުން އިސްވެ މަޖިލީހެއް ބާއްވަވާ ދަށު ކޯޓްގެ ހުކުމް ބާތިލުކުރަން ޖެހޭ ވަގުތު ކަމަށެވެ.
"އަޅުގަނޑަކަށް މިއަދު ނޭންގެ ދިވެހިރައްޔިތުން އިންސާފު ހޯދަން ދާނެ ތަނެއް. އެހެން މި ދެންނެވީ މި ހުރިހާ ފަނޑިޔާރުން އެބަ ކުށްވެރިވޭ. މި މީހުންނަށް ނުފޫޒު ފޯރުވި މީހުން އެބަ ކުށްވެރިވޭ. އެހެންވީމަ އެ މަގާމުތަކަކު ނުތިބެވޭނެ. ކޮންތާކަށްތޯ ދިވެހިރައްޔިތުން އިންސާފު ހޯދަން ދާނީ. ޖޭއެސްސީން މި މައްސަލަ ބަލަންޖެހޭ. ފަނޑިޔާރުންގެ މައްސަލަ ބެލެން އޮތީ ޖޭއެސްސީއަށް. ޖޭއެސްސީ އޮތް ހާލަތު ދިވެހި ރައްޔިތުންނަށް އެބަ އެނގޭ. މިއީ ޖިނާއީ ކުށެއް. މިކުށް ތަހުގީގު ކުރަން އޮތީ ދިވެހި ފުލުހުން. ފުލުހުން ރައީސް ޔާމީނާމެދު އަމަލުކުރި ގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ. ދިވެހި ފުލުހުންނަށް ތަހުގީގު ނުކުރެވޭ ކަމަށްވަންޏާ ޕްރޮސެކިއުޓަރު ޖެނެރަލްވެސް އެކަން ކުރަން އެބަޖެހޭ. އެހެން ނަމަވެސް އޭނަ ހުރި ހާލު އަޅުގަނޑުމެންނަށް އެބަ އެނގޭ. އޭނަ [ޕީޖީ ޝަމީމް] މީގެ ތެރޭގައި ހޭވި ހަޑި އަޅުގަނޑުމެންނަށް އެބަ އެނގޭ. އެހެންވީމަ ދިވެހިރައްޔިތުން ކޮންތާކަށްތޯ އިންސާފު ހޯދަން ދާނީ،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޔާމީން މިނިވަންކޮށް އިންސާފު ގާއިމުކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް އިދިކޮޅު ދެ ޕާޓީން ކުރާނެ ކަމަށެވެ. އަދި މާދަމާ މަޖިލީހުގެ ކަމާގުޅޭ ހުރިހާ ކޮމެޓީތަކާއި ޖޭއެސްސީއަށްވެސް މައްސަލަ ހުށައަޅުއްވާނެ ކަމަށެވެ. އަދި އިންސާފު ގާއިމުކުރުމަށް ރައްޔިތުން ނިކުންނަން ޖެހޭ މި ހާލަތުގައި އިދިކޮޅު ކޯލިޝަން ރައްޔިތުންނާއެކު ނިކުންނާނެ ކަމަށެވެ.