އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތައް އެ ސަރަހައްދުން ނަގައި އެހެން ސަރަހައްދަކަށް ގޯތިތައް ބަދަލުކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުން މުރާޖާކުރަން އެ ކައުންސިލުން ނިންމައިފި އެވެ. އެ ނިންމުން ނިންމާފައިވަނީ މިރޭ ބޭއްވި ކުއްލި ބައްދަލްވުމެއްގައެވެ.
މިރޭގެ ބައްދަލްވުމަކީ ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު ހުށައެޅުއްވި ކުއްލި މައްސަލައަކާ ގުޅިގެން ބޭއްވެވި ބައްދަލްވުމެކެވެ. އޭނާ އެ ބައްދަލްވުން ބާއްވަން ހުށަހެޅުއްވީ ހަ ކައުންސިލް މެމްބަރުންގެ ސޮޔާ އެކުއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ތިން ކައުންސިލަރުންނާއި ޕީޕީއެމްގެ ދެ ކައުންސިލަރުންގެ އިތުރުން މިނިވަން ކައުންސިލަރެއް ހިމެނެ އެވެ.
މިރޭގެ ބައްދަލްވުމުގައި އިކުއަޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތައް އެ ސަރަހައްދުން ނަގައި އެހެން ސަރަހައްދަކަށް ގޯތިތައް ބަދަލުކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުން މުރާޖާކުރަން ފެންނަ ކަމަށް ހަތް ކައުންސިލަރަކު ވޯޓް ދެއްވިއެވެ. ދެކޮޅަށް ވޯޓް ދެއްވީ ފަސް ކައުންސިލަރުންނެވެ.
ހުށައެޅުމުގައި ބުނެފައިވަނީ ކައުންސިލްގެ ނިންމުމާއި ގުޅިގެން އެ ގޯތިތަކުގެ ވެެރިންނާއި މަޝްވަރާ ކުރުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާ 15 ދުވަސްތެރޭގައި ތަފްސީލީ ރިޕޯޓެއް ހުށައެޅުމަށެވެ. އަދި އޭގެ ފަހުން ކައުންސިލުން އަލުން ގޮތްތަކެއް ނިންމުމަށެވެ.
ގޯތިތައް ނަގަން ނިންމުމުން އެ ގޯތިތަކުގެ ވެރިފަރާތުން އެ މައްސަލަ ކޯޓަށްވެސް ހުށަހެޅި އެވެ. ނަމަވެސް ކޯޓުންވެސް ނިންމީ ކައުންސިލުން ބޭނުންވާ ގޮތަށް ގޯތިތައް ނެގޭނެ ކަމަށެވެ. ނަމަވެސް އަދުލުވެރި ބަދަލެއް ދޭން ޖެހޭނެކަމަށް ކޯޓުން އޮތީ ނިންމައިފަ އެވެ.
ނިމިގެން ދިޔަ ސަރުކާރުގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކޮށްފައިވާ 42 ގޯތި ނަގަން މިހާރުގެ ކައުންސިލުން އޮތީ ނިންމާފަ އެވެ
ގޯތިތައް ނެގި މައްސަލާގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މީގެ ކުރިން ވިދާޅުވީ ގޯތިތައް ނެގުމުން އެއްވެސް ބަަޔަކަށް ގެއްލުން ނުވާނެ ކަމަށާއި އަދި އޭގެ ސަބަބުން އައްޑޫގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލަން ވެސް ފަސޭހަ ވެގެން ދާނެ ކަމަށެެވެ. ހަމަ އެހެންމެ ގޯތިތައް ނެގުމަށްފަހު ހިތަދޫ ސްޓޭޑިއަމް ސަރަހައްދުން އެ ފަރާތްތަކަށް ގޯތި ދޭނެ ކަމަށް ނިޒާރު ވިދާޅުވެފައިވެ އެވެ. އަދި ބައެއް ގޯތިތަކަށް ބަދަލުދޭ އިރު ކުރިން ލިބިފައި ހުރި ގޯތިތަކަށް ވުރެ ބޮޑެތި ގޯތިތަކެއް ދޭނެ ކަމަށެވެ. އެގޮތުން ކުރިން 2400 އަކަފޫޓާއި 2500 އަކަފޫޓުގެ ގޯތި ލިބިފައި އޮތް މީހުންނަށް ދެން ދޭނީ 3000 އަކަފޫޓުގެ ގޯއްޗެވެ.