ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން ފަނޑިޔާރު ހުސެއިން ފާއިޒް ރަޝާދު ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ލީކުވުމާއި ގުޅިގެން އެ މައްސަލަ ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިނުލުންނުވެ އަދި ގާނޫނާ އެއްގޮތަށް ކަންތައްތައް ނިންމުންމަތީ ދެމިތިބެން ޖެހޭ ބައެއް ކަމަށެވެ.
އެހެންކަމުން އަމިއްލަ ފަރުދަކަށްވީ ނަމަވެސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކަށް ވީނަމަވެސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާކަމަށް ކުރެވޭ ތުހުމަތުތަކަކީ، ކޯޓުގެ އިތުބާރު ނެގެހެއްޓުމާއި، ކޯޓުގެ މިނިވަންކަމާއި، އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި، ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ކޮމިޝަނުން ބަލައި ތަހުގީގު ކުރާނެ ކަމެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
ލީކުވި އޯޑިއޯގައި ގާޒީ ފާއިޒް ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ބަޔަކު ރަހީނު ކުރުމުން ކަމަށެވެ. އަދި ރަހީނު ކުރީ އޭނާ ނޫން ކަމަށާއި އަންހެނުން ކަމަށް ނުސީދާ ގޮތަކަށް ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލަމުން ދިޔައިރު ފުރަތަމަ މައްސަލަ ބެއްލެވީ ފަނޑިޔާރު އަހުމަދު ހައިލަމެވެ. ނަމަވެސް ހުކުމް ކުރަން ތިން ގަޑިއިރަށް ވެފައި ވަނިކޮށް ހައިލަމް ސަސްޕެންޑްކުރީ އެވެ.
ފަހުން އެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކުރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަހުމަދު ސަމީރާއި ގާޒީ ހުސެއިން ފާއިޒު ރަޝީދާއި އަދި ގާޒީ އަލީ އާދަމެވެ.