ވާހަކަ

ވީމޭ ކަލާޔާނުލާ

(27 އޯގަސްޓު 2021އާ ގުޅޭ)

މުޅި ތަނަށް ވެރިވީ ހިމޭން ކަމެކެވެ. އެއްވެސް މީހެއް އެއްޗެއް ނުބުނެ ޖެހި ބުދެއްހެން ހުރި އިރު، ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހައިރާން ކަމެވެ. ބުނާނެ އެއްޗެއް ނޭނގި ޔޫހާގެ ޢާއިލާ ވެސް ތިބީ އަނގަ ބަންދުވެ، ތަޅު އެޅުވެފައެވެ. ހުސްނާ އާއި ޝަހުރުގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާން ކަމާ އެއްވަރަށް ރުޅިވެރި ކަމެވެ. އެވަރުގެ ކަމެއް ޒަކްވާން ސިއްރު ކުރީތީއެވެ. އަދި ޝަހުރުގެ ސިކުނޑިން އޭނާއަށް އަންގައި ދެމުން ދިޔައީ ހުސް ނުބައި ޚިޔާލު ތަކާއި ފިކުރުތަކުން ފުރިފައިވާ ޝައްކާއި ވަހުމެވެ. ލިވިޔާގެ އުޅުން ޝަހުރަށް މިހާރު ދަސްވެފައިވާ ގޮތުން، ޝަހުރަށް ލިވިޔާ ސިފަވެގެން ދިޔައީ އިތުރަށް މުޑުދާރު އަންހެނެއްގެ ގޮތުގައެވެ.

ޝަހުރުގެ ސިކުނޑި އޭނާ ގަންބުވައިލީ މީގެ ދުވަސްކޮޅެއްގެ ކުރީގެ ހަނދާންތަކަށެވެ. އެއީ ލިވިޔާ އާއި ޒަކްވާން ދިމާވި ދުވަހެވެ. އެއާރޕޯޓުގެ މާހައުލެވެ. އެތަނުގައި އެދެމީހުން ފެނުނު ވަގުތުގައި އެކަކު އަނެކަކަށް އެވީ ގޮތެވެ. ޝަހުރަށް ލިބުނު ހައިރާން ކަމާއެކު ކޮށްލި ސުވާލަށް އެދެމީހުން ހެދީ ދޮގު ކަމުގައި ޝަހުރަށް ޤަބޫލު ކުރެވި، އޭނާއަށް މިވީ ގޮތް އަމިއްލައަށް އެނގުނު ކަހަލައެވެ.

"އެނގިއްޖެ! އަހަރެންނަށް އެނގިއްޖެ! މަންމާ. ލިވީއާ ކޮއްކޮއާ އެއީ މާކުރިން ވެސް ކަމެއް. ލިވީ އަހަރެންނަށް އޮޅުވައިލީ މަންމާ. ދޮގު ހެދީ މަންމާ! ކޮއްކޮ ވެސް.." ޝަހުރު ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ.

"އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލީ ޒަކްވާން ކޮއްކޮ. އަހަރެން އޭނައަށް މާފެއް ނުދޭނަން! ދުވަހަކުވެސް.. ދުވަހަކުވެސް ޒަކްވާނަށް މާފެއް ނެތް! އެއީ އަހަރެންގެ ކޮއްކޮ އެއް ނޫން.." ޝަހުރަށް ލިބުނީ ދެރަ އިޙްސާސެކެވެ. ޝަހުރުގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. ހިތަށް ވަރަށް އަސަރުކުރިއެވެ.

"ނުރޮއި ޝަހުރު.. ޝަހުރު ތީ ކެތްތެރި ކަމުގެ ލާމަސީލު ކުއްޖެއް. މީހަކަށް ދެރަ ދީފަ އަނެކާއަށް އުފަލެއް ނެތް." ރާދާ ފިރުމަން ފެށީ ޝަހުރުގެ ގައިގައެވެ. ރާދާގެ ދާދި ގާތުގައި ހުރި ޔޫހާ ބަލަން ހުރީ ސީދާ ޝަހުރުގެ މޫނަށެވެ.

މުޅިން އައު ދުވަހަކަށް އިރު އެރި އިރު، ޒަކްވާން އިނީ ލިވިޔާ ދިރިއުޅޭ އެޕާރޓުމެންޓުގެ ދޮރު ބުޑުގައި އިށީންދެލައިގެންނެވެ. ލިވިޔާއާ ދިމާކޮށްފައި ނޫނީ ދެން އިތުރަށް އެއްވެސް ކަމެއް ކުރާކަށް ޒަކްވާން ބޭނުމެއް ނުވެއެވެ. އެތައް ފަހަރަކު ޒަކްވާން ގުޅާއިރު، އެ ކޯލްތަކަށް ލިވިޔާ އިޖާބަ ނުދިނުން ވެގެން ދިޔައީ ޒަކްވާންގެ ހިތްވަރު އެލުވާލެވުނު ކަމަކަށް ނޫނެވެ.

ޝަހުރުގެ ހުށައެޅުމާ އެކު، ޔޫހާގެ ޢާއިލާ އާޢި ޝަހުރުގެ ޢާއިލާ ބޭނުންވީ ލަސްނުކޮށް ޔޫހާ އާއި ޝަހުރުގެ ކައިވެނި ކުރެވޭނެ ގޮތް ހަދާށެވެ. އެކަމާ އެންމެ ބޮޑަށް އުޅެނީ ވެސް ހުސްނާ އާއި ޝީލާ އެވެ. އެއީ ރޭވުމެއް ކަމުން، މިކަމަކީ ލަސް ކުރަން ޖެހޭނެ ކަމެއް ނޫންކަން އެދެމީހުން ވެސް ވިސްނައިގެން ކައިވެނީގައި ކުލަ ޖެއްސުމަށް އެމީހުން ދިޔައީ ވަރަށް މަސައްކަތް ކުރަމުންނެވެ.

"މަންމައަށް ހެޔޮ ޒަކްވާން ގެއިން ނުކުތަސް، މަންމަ ބޭނުމީ ދަރިފުޅަށް އުފާވެރި ޙަޔާތެއް. މަންމަ ލޯބިވާ ފިރިހެން ދަރިއަކީ ޝަހުރު. މަންމަގެ މި ނިންމުން މީ ރަނގަޅު ނިންމުމެކަން ޒަކްވާން ރޭގަ ވެސް ސާބިތު ކޮށްދިނީ.. ކުޑަ ކަމެއްގަ ހަމަ ހުރެފަ، ކަލޭ ކަލޭ ކިޔައިގެން.. ތިމާއަށް ވުރެށް ބޮޑު މީހުންނަށް އެހާ ހުތުރުކޮށް އެވާހަކަ ދައްކާލީ.." ޒަކްވާނާ މެދުގައި ހިތްހަމަ ނުޖެހިގެން ހުރެ ހުސްނާ އެވާހަކަ ދެއްކީ ޝަހުރުގެ ގާތުގައެވެ. އަދި ޝަހުރަށް ވިސްނިގެން ޔޫހާއާ ކައިވެނި ކުރަން އުޅޭތީ އެކަމާ އުފާވާ ކަމާއި، އެއީ ރަނގަޅު ނިންމުމެއް ކަމަށް ބުނެ، ހުސްނާ ގެންދިޔައީ ޝަހުރަށް ހިތްވަރުދީ، ނަސޭހަތްތެރި ވަމުންނެވެ.

އެނދުމަތިން ތެދުވެގެން ލިވިޔާ ވަނީ ފާޚާނާ އަށެވެ. އަދި މޫނު ދޮވެލައިގެން އަނެއްކާ ވެސް އައި ގޮތަށް ލިވިޔާ އަށް ޖެހެގަނެވުނީ އެނދަށެވެ. ލިވިޔާގެ ފަރާތުން ފެންނަނީ ވަރުބަލި ކަމެވެ. ވަރަށް ބޮޑަށް ލިވިޔާ ވަނީ ލޮނޑުވެފައެވެ. ގައިގައި ހަކަތައެއް ނެތެވެ. ބޭނުން ވަނީ އަބަދުވެސް އޮށޯވެގެން އޮންނާށެވެ. ލޮލުން ކަރުނަ ހުސްވިޔަސް، އަބަދުވެސް ރޯލުން އެއީ ލިވިޔާ އެންމެ ކުރާ ހިތްވާ ކަންތަކަށް ވެއްޖެއެވެ. ދުނިޔެމަތިން ވެސް ލިވިޔާ ފޫހި ވެއްޖެއެވެ.

ކުއްލިއަކަށް ހުރެފައި، ލިވިޔާއަށް ފޯނަށް ބަލައިލެވުނީ ފޯނު ވައިބްރޭޓުވާ ފެށުމުންނެވެ. ގުޅަމުން ދިޔައީ ޒަކްވާނެވެ. ކުރިންވެސް ހަދާ ގޮތަށް ލިވިޔާ ބޭނުންވީ ކޯލަށް ޖަވާބު ނުދޭށެވެ. ޒަކްވާންގެ ކޯލްތަކަށް "އިގްނޯރ ބޯރޑް" ޖަހައިގެން ލިވިޔާ ހަމަ އިނީއެވެ. ވައިބްރޭޓުވުން ނިމުމާ އެކު، ލިވިޔާ ނެގީ ފޯޯނެވެ. އަދި ފޯޯނަށް ރަނގަޅަށް ބަލައިލިއެވެ. ފޯނަށް ވަރަށް ގިނަ މެސެޖުތައް ވަނީ ލިބިފައެވެ. މުޅިންހެން ޒަކްވާންގެ މެސެޖެވެ.

"އަހަރެން މިހުރީ ރެއިންސުރެށް، ތިގޭ ބޭރުގަ. ހެޔޮނުވާނެ ދޮރު ހުޅުވާލަބަލަ!" ޒަކްވާންގެ މެސެޖު ފެނުމާ އެކުގައި، ލިވިޔާއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ.

"ޒަކްވާނަށް ކަމެއްވީބާ؟" ލިވިޔާ މޭޖެހޭ ގޮތްވިއެވެ. ވަރަށް އަވަސްކޮށް ފޯނު އެނދުމަތީގައި ބޭއްވުމަށްފަހު، ލިވިޔާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ހުއްޓުނީ ދޮރުގެ ކުރިމަތީގައެވެ. އަދި ލަސްނުކޮށް ދޮރު ހުޅުވައިލިއެވެ.

"ކިހިނެއްވެފަ ތީނީ މިތާ؟ ކަމެއް ވީތަ؟" ލިވިޔާގެ އަޑުގައި ވަނީ ރާޅު ކަމެވެ. ޒަކްވާން ބަލައިލީ ލިވިޔާގެ މޫނަށެވެ. އެމޫނު މަތިން ފެންނަނީ މޮޅިވެރި ކަމެވެ. ހިތާމަ އާއި ގިލަންވެރިކަމެވެ. ހިތްދަތި ކަމުގެ ތޫފާނެއްގައި ޖެހި އެ ރީތި ހަންގަނޑު މިލައި މޯޅިވެފައިވާކަން ޒަކްވާނަށް އެމޫނުމަތުން ފާހަގަ ވިއެވެ. ޒަކްވާން ކޮޅަށް ތެދުވިއެވެ.

"އަހަރެންނަށް ކަމެއް ނުވޭ! އެކަމު، ލިވިޔާ.." ޒަކްވާން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

"އަހަރެންގެ ޙާލަތަށް ނުވިސްނާ! ޕްލީޒް!"ލިވިޔާ އެހެން ބުނެ ލޯ މަރައިލިއެވެ.

"އަހަރެން ބޭނުން ވާހަކަދައްކަން." ޒަކްވާން އެހެން ބުނުމާ އެކުގައި ލިވިޔާ ހިފައިލީ ދޮރުގެ ތަޅުގައެވެ.

"ޝަހުރުގެ ވާހަކައެއް އަހާކަށް އަހަރެން ބޭނުމެއް ނޫން. ސޮރީ." ލިވިޔާ އުޅުނީ ދޮރު ޖަހާށެވެ. ނަމަވެސް އެކަން ލިވިޔާއަށް ނުވީ އެއް އަތުން ޒަކްވާން ދޮރުގައި ބޭރުން ހިފައިގެން ހުރީމައެވެ.

"މީ ކޯއްޗެއް؟" ޒަކްވާންގެ ޖީބުން ނެގި ޓެސްޓު ކިޓު، އޭނާ ދައްކައިލީ ލިވިޔާއަށެވެ. ވަގުތުން ލިވިޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. (ނުނިމޭ)