ކ. ރަސްފަރި ފަރަށް އާގު ބޯޓެއް އުރުނު މައްސަލަ ބަލައި ފިޔަވަޅުތައް އަޅަން ސަރުކާރަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އެވެ.
މައްސަލަ ހުށަހަޅުއްވަމުން ރާއީ ވިދާޅުވީ ބޯޓު ފަރަށް އެރިޔަ ނުދޭން ބޯޓުގެ ކެޕްޓަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އެކަން ރާއްޖޭގެ ކޯސްޓުގާޑަށް ވެސް އަންގާފައި ނުވާ ކަމަށެވެ. އަދި ބޯޓު އެރި ފަރަކީ ހިމާޔަތްކޮށްފައިވާ ފަރެއް ކަމަށެވެ.
ރާއީ ވިދާޅުވީ އެ ހާދިސާގެ ތިމާވެއްޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި އަދި ރާއްޖޭގެ ސަލާމަަތަށް ވެސް ނުރައްކާވާނެ ކަަަމަކަށް ވާތީ އެ ހާދިސާ ހިނގި ގޮތް އެންމެ ފުރިހަަމައަށް ބަލައި އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަައް ބަލައި އެފަދަ ކަންކަންކުރިއަށް އޮތް ތަނުގައި ނުހިނގާނެ ގޮތަށް އެޅެން ހުރި ފިޔަވަޅުތައް އަޅަން ސަރުކާރަށް ގޮވާލާ ކަމަށެވެ.
ޕެނަމާގެ ރަޖިސްޓްރީގައި އޮތް ބޯޓު ފަރަށް އެރީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. ފަރަށް އެރިތާ 10 ދުވަސް ފަހުން އިއްޔެ ބޯޓު ފުންކޮށްފައިވާ އިރު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ބުނީ އެ ބޯޓު ދޫކޮށް ލާނީ 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދެއްކުމުން ކަމަށެވެ.
ރާއްޖޭގައި މީގެ ކުރިން ވެސް ކާގޯ ބޯޓުތައް ފަރަށް އަރައި ބޮޑެތި ގެއްލުންތައް ފަރުތަކަށް ލިބުމުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފައިވެ އެވެ.