ދުނިޔެ

ސިނޮފާމް ދެޑޯޒްޖެހި މީހުންނަށް އަބޫދާބީގައި ބޫސްޓާ ޝޮޓެއް

އަބޫދާބީގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮވިޑުން ރައްކާތެރިވާން ހަމަސް ކުރިން ސިނޮފާމް ދެޑޯޒް ޖަހާފައި ތިބި މީހުން ސެޕްޓެމްބަރު 20 ގެ ކުރިން ބޫސްޓާ ޝޮޓެއް ޖަހަން ޖެހޭނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

އަބޫދާބީން ބުނީ ބޫސްޓާ ޑޯޒެއް ޖަހަން ޖެހެނީ ބައިނަލްއަގްވާމީ ސިއްހީ މިންގަނޑު ދެމެހެއްޓުމަށްޓަކައި ކަމަށާއި ކޮވިޑުން ދިފާއު ވުމަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ސިއްހީ މާހިރުން ލަފާދެއްވާފައިވާތީ ކަމަށެވެ.

ތިންވަނަ ޑޯޒެެއް ނުޖަހާ މީހުނަށް ޔޫއޭއީ އަލް-ހުސްން އެޕްލިކޭޝަނުން ފެހިކަން ކަނޑައިގެން ދާނެ ކަމަށް މީޑިއާ އޮފީހުން ބުނެ އެވެ. މޮބައިލް އެޕުން ފެހިކަން ކަނޑައިގެން ދިއުމުން އާންމުން އެއްވާ ތަންތަނަށް ވަދެއުޅުން މަނާވާނެ އެވެ. ޝޮޕިން މޯލާއި ޖިމް އަދި ސްކޫލްތަކަށް ވެސް ނުވަދޭނެ އެވެ.

އަބުދާބީން ބުނީ ސެޕްޓެމްބަރު 20 އަށް ވެކްސިން ފުރިހަމަކުރި ކަމަށް ބަލާނީ ތިން ޑޯޒް ޖެހުމުން ކަމަށާއި އެނޫން ގޮތެއްގައި ކުރިން އޮތް ލުއިތަކުން މަހުރޫމްވާނެ ކަމަށެވެ.

ޗައިނާގެ ސިނޮފާމް ކޮވިޑް ވެކްސިން އުފައްދާފައި ވަނީ ގަދީމީ ޒާތަށެވެ. އޭގައި ބޭނުންކުރަނީ މުޅިން ބާރުކަނޑުވާފައި ހުރި ކޮވިޑް ވައިރަހުގެ ބައިތަކެވެ. ހަށިގަނޑަށް ވަނުމުން ދިފާއު ހޭލަައި ކޮވިޑުން ދިފާއުވުމަށް މަސައްކަތް ފަށަ އެވެ.