ދުނިޔެ

މަންކީޕޮކްސް ޔޫއޭއީގައި

މަންކީޕޮކްސްގެ އިތުރު ކޭސްތަކެއް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފެނިއްޖެ ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަންއިން ބުނެފި އެވެ.

ޔޫއޭއީއިން ބުނި ގޮތުގައި އެ ގައުމަށް މަންކީޕޮސް އެރީ ހުޅަނގު އެފްރިކާއިން އެ ގައުމަށް ދިއަ މީހެއްގެ ކިބައިންނެވެ. އޭނާއާ މެދު ސަމާލުވެ ވިޔަވަޅުތައް އަޅާފައި ވަނިކޮށް އިތުރު ކޭސްތަކެއް މިހާރު އެވަނީ ފެނިފަ އެވެ.

އާންމުން ވަރަށް ބޮޑަށް ސަމާލުވެ އުޅުމަށް އިދާރާތަކުން މިހާރު ވަނީ ނަސޭހަތްތެރިވެފަ އެވެ. މަންކީޕޮކްސް އަކީ ވަރަށް ބޮޑަށް ގާތްވެގެން ނޫން ގޮތަކަށް ގައިން ގަޔަށް އަރާ ބައްޔެން ނޫން ކަމަށް ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

މަންކީޕޮކްސް ފެތުރެން މެދުވެރި ވަނީ ހަށިގަނޑުގެ ތެތްކަމެވެ. ދަލާއި ކުޅާއި އަދި ބަލިޖެހިފައި ހުންނަ މީހެއްގެ ގައިން ނުކުންނަ އެހެން ތެތްކަމަކުން ވެސް މިބަލި ފެތުރިގަނެ އެވެ.

ބަލިޖެހިފައި ހުންނަ މީހަކު ބޭނުންކުރާ ތުވާއްޔާއި ނިދާ އެނދު އަދި ގެންގުޅޭ ސްމާޓްފޯނަކީ ވެސް ބަލި ފެތުރުމަށް މެދުވެރިއަކަށް ވެއެވެ.

ރަހިމުގައި އޮންނަ ތުއްތު ދަރިފުޅަށް ވެސް މަންމަގެ ގައިން މިބަލިއަރާ ކަމަށް އިދާރާތަކުން ވަނީ ބުނެފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުން މަންކީޕޮކްސް އަކީ ފުރާނައަށް ނުރައްކާ ބޮޑު ބައެއް ނޫނެވެ. ބަލީގެ އާންމު ނިޝާނަކީ ގައިގައި ނަގާ ބޮޑެތި ފޮޅުތަކެކެވެ. ބަލިޖެހުމުގެ އަލާމާތެއް ގޮތުން ހުންއައިސް ގައިގައި ރިއްސި ނަމަވެސް، ހުން އައުމާއި ގައިގައި ރިހުމަކީ ހަމައެކަނި މަންކީޕޮކްސްއަށް ހާއްސަ އަލާމާތެއް ނޫނެވެ.

މަންކީޕޮކްސް ޖެހުމުން ފާހަގަ ކުރެވޭ އެހެން އަލާމާތްތަކުގެ ތެރޭގައި ކަރުދަށުގައި އަދި އަތާއި ފައި ހަށިގަނޑާ ގުޅޭ ހިސާބުގައި ގޮށްލުން ހިމެނެ އެވެ. އާދަޔާ ޚިޔާފަށް ހީކެރުވުމާއި ނޭވާ ކޮޅުންލުން އަދި ޗިކަންޕޮކްސް -- ފާނަބަސަންދު ޖެހުމުން އަތާއި މޫނުގައި ފާޅުވާ ރޮނގުތައް ފެންނަން ހުރެ އެވެ.

މަންކީޕޮކްސް ޖެހުމުން ޔޫއޭއީގައި އަމަލުކުރާނެ އުސޫލުތަކެއް ވަނީ ކަނޑައަޅާފަ އެވެ. ބަލިޖެހުމުން ރަނގަޅުވަންދެން ވަކިން ހުންނަން ޖެހެ އެވެ.

ސިއްހީ އިދާރާއަކަށް އެނގިއްޖެ ނަމަ އެމީހަކު ހޮސްޕިޓަލުގައި ވަކިކޮށްފައި ބަހައްޓަ އެވެ. ބަލިމީހަކާ ކޮންޓެކްޓްވެއްޖެ ނަަމަ ގޭބަންދުގައި 21 ދުވަހު ހުންނަން ޖެހެ އެވެ.