ފިނިޕޭޖް

ސަނަމް އިން އަނެއްކާވެސް ރާއްޖޭގެ ހިތްގައިމުކަމާ އެކު ލަވައެއް ނެރެފި

އެންމެ ފުރަތަމަ "ސަނަމް" އޭ ކިޔުނު މި ބޭންޑެއްގެ ޖާދޫގައި ޖެހުނީ ދިވެހިންނެވެ. އެކަމަކު މިހާރު މި ފެންނަނީ ރާއްޖެ އާއި ދިވެހިންގެ ޖާދޫއެއްގައި ޖެހުނު ގޮތަށް "ސަނަމް" އަށް މި ރާއްޖެ އާއި މި ކުދި ރަށްތަކުގެ އަހުލުވެރިންގެ ކިބައިން ސަލާމަތްނުވެވިގެން އުޅޭ މަންޒަރެވެ.

މިވަރުން ދަންނާމު، "ސަނަމް" ބޭންޑްގެ ނަން "ސަނަމް މޯލްޑިވްސް" އަށް ވެސް ބަދަލުކުރުން ގާތެވެ.

އިންޑިއާގައި ކަވާ ލަވަތައް ކިޔަމުން މަޝްހޫރުކަން ހޯދާފައިވާ "ސަނަމް" ބޭންޑުން އަނެއްކާވެސް ރާއްޖޭގެ ހިތްގައިމު މަންޒަރުތަކާ އެކު ވީޑިއޯ ލަވައެއް އާންމުކުރީ އެވެ. މިފަހަރުގެ ލަވައިގައި ވެސް ހުދު ކުލައިގެ ބީޗާއި ވިލު ނޫކުލައިގެ ހިތްގައިމުކަމާއި އިރުއޮއްސޭ ދަޅައިގެ ކުލަތަކާ އެކު ނިކަން ރަނގަޅަށް ރާއްޖެ އިޝްތިހާރުކޮށްދެ އެވެ.

މި ލަވަ އަކީ މިއަދު އެމީހުން އާންމުކުރި "ގުލާބީ އާންކޭން" އެވެ. މިއީ އިންޑިއާގެ މަޝްހޫރު ފިލްމެއް ކަމުގައިވާ "ދަ ޓްރެއިން" ގެ ހަމަ އެވަރަށް މަޝްހޫރު ލަވަ "ގުލާބީ އާންކޭން" ގެ ކަވާ އެކެވެ. އޮރިޖިނަލް ލަވަ ކިޔާފައި ވަނީ އެފަދަ ދެ ވަނައެއް ނެތް މުހައްމަދު ރަފީ އެވެ.

ސަނަމް ބޭންޑްގެ ހަތަރު މެމްބަރުން ފެންނަ މި ލަވަ އެއްކޮށް ޝޫޓްކޮށްފައި ވަނީ އެމީހުން މިފަހުން އައްޑޫ ސިޓީ އަށް ކުރި ދަތުރުގައި ތިބި ހެރެތެރަ ރިސޯޓްގަ އެވެ. އެކަމަކު ގަމާއި ފޭދޫއާ ދެމެދު އޮންނަ މަޝްހޫރު ކޯޒްވޭގެ ހިތްގައިމު އޭރިއަލް ޝޮޓެއް ވެސް ހިމަނާފައިވެ އެވެ.

ލަވައިގެ އޭރިއަލް ވީޑިއޯގްރެފީގެ ކްރެޑިޓް ދީފައި ވަނީ އިބްރާހިމް ނިހާދަށެވެ.

މީގެ ކުރިން "ސަނަމް" ބޭންޑުން ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާއާ އެކު ރިކޯޑްކުރި ލަވައިގެ ވީޑިއޯ ވެސް ޝޫޓްކޮށްފައި ވަނީ ހެރެތެރަ ރިސޯޓްގަ އެވެ. އެ ލަވައިގެ ވީޑިއޯގައި ވެސް މީރާ ޕާފޯމްކޮށްފައިވެ އެވެ.

އެ ލަވަ އަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު މިފަހަރުގެ ލަވަ އަށް ވެސް ދަނީ ތައުރީފު އޮހެމުންނެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ ހިތްގައިމުކަމަށް ލިބޭ ތައުރީފު ފާހަގަކޮށްލެވެ އެވެ.

ޔަގީނަށް ވެސް "ސަނަމް" އެއް މި ރާއްޖެ ގެނެވުމަކީ މިއީ ނަސީބެކެވެ. ޓޫރިޒަމް ދަށްވެފައިވާ މި ދަނޑިވަޅުގައި ޔަގީނަށް ވެސް މީގެ ފައިދާކުރާނެ އެވެ.