ރައްޔިތުންގެ މަޖިލިސް

ލައިސަންސްއާ ގުޅޭ ޖޫރިމަނާތަކަށް ލުއިދޭން ހުށަހަޅަނީ

އުމުރުން 18 އަހަރުވުމުގެ ކުރިން އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވެގެންނާއި ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވައިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކަށް ލުއި ހޯދައިދިނުމަށް ގަވައިދު އިސްލާހުކުރަން ކަމާ ބެހޭ ފަރާތްތަކަށް އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އަށާރަ އަހަރު ނުފުރޭ ކުދިންގެ ލައިސަންސްއާ ގުޅޭ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެވެ.

އެ މައްސަލަ އިތުރަށް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މަޖިލީހުގެ ގަވައިދު ކޮމިޓީ އިން އެވެ. އެ ކޮމިޓީގެ މެމްބަރުން ވަނީ މައްސަލައިގެ ހައްލެއް ހޯދުމަށް ސަރުކާރުގެ އިދާރާތަކާ މަޝްވަރާކޮށް އެޅިދާނެ ފިޔަވަޅުތައް ހިމަނައި ރިޕޯޓެއް އެކުލަވާލައިފަ އެވެ.

އެ ރިޕޯޓް ފާސްކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަކަމަށް 49 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ލައިސަންސްއާ ގުޅޭ ގޮތުން ސަރުކާރުގެ ކުންފުނިތައް ހިމެނޭ ގޮތަށް އެކި އިދާރާތަކާއެކު ކުރި މަޝްވަރާތަކުގައި ވަނީ އެތަންތަނުގައި ކޮމިއުނިޓީ ސާވިސް ފުރިހަމަ ކުރުމުގެ ފުރުސަތު އޮތްތޯ ބަލައި އެކަން ފުރިހަމަ ކޮށްގެން ޖުރިމަނާ އުނިކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

އެހެންކަމުން ކޮމިއުނިޓީ ސާވިސްގައި ބައިވެރިވެވޭނެ ހާލަތްތައް ބަލައި އެކަމުގައި އަމަލުކުރާނެ އުސޫލުތަކާއި ކުރެވޭނެ މަސައްކަތްތަކާއި އަދި މަސައްކަތް ކުރެވޭނެ ތަންތަން ކަނޑައަޅައި ގަވައިދުތައް ހަދަން މިއަދު ފާސްކުރި އެވެ.

ހަމަ އެހެންމެ ޖޫރިމަނާ އުނިކުރެވޭނެ އުސޫލުތަކާއި ކޮމިޔުނިޓީ ސާވިސް އަށް ނުކުންނަން ޝައުގުވެރިވާ ފަރާތްތަކަށް ލައިސަންސް ނެގުމަށް އޮތް ހުރަސް ނައްތާލައި ޖޫރިމަނާގެ ފައިސާ ބަހައިލައިގެން ދެއްކޭނެ އުސޫލު ގަވައިދުގައި ގަވައިދުގައި ހިމަނަން އެދުނެވެ.

އަށާރަ އަހަރު ނުވަނީސް އުޅަނދުތައް ދުއްވައިގެން ކުރި ޖޫރިމަނާތަކުގެ އަދަދު 116 މިލިއަނަށް ވަނީ އަރައިފަ އެވެ. އަދި އެ މައްސަލަ ހައްލުކުރަން ބެލެނިވެރިޔާގެ ހުއްދައާއެކު އުމުރުން 16 އަހަރު ފުރިފައިވާ ކުދިންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ލައިސަންސްއެއް ދިނުމާ ގުޅޭ ގޮތުން ވެސް މަޖިލީހުން މިހާރު ދަނީ މަޝްވަރާކުރަމުން ނެވެެ.