(27 އޯގަސްޓް 2021 އާ ގުޅޭ)
ކައިވެނީގެ ވަލީމާއަށް އިންތިޒާރު ކުރާކަން ހާމަކުރިއެވެ. ނީރާގެ ބޮލުގައި ފަހަތުގައި ހުރި ލަމްހާ ބޮސްދިނެވެ. ދެ ލޯ މަރާލި ނީރާގެ ތުންފަތަށް ރިހުމުގެ ހިނިތުންވުމެއް ވެރިކޮށްލިއެވެ.
ފެންނަމުން ދިޔައީ ހީނުކުރާ ފަދަ މަންޒަރުތަކަކަށް ވިޔަސް ޔަމާނު ރަހުމަތްތެރިކަން އަދާކުރިއެވެ. އެކަކަށް ވެސް އީހާނުގެ ހިތުގާ ހިނގަމުންދާ އަމިއްލަ އެދުމުގެ ޝުއޫރުތަކެއް ނުފެނެއެވެ. ނަމަވެސް ރިދާ ހުރީ ފުރުސަތަކަށް ބަލަބަލައެވެ. ބެލްކަންޏަށް ނީރާ ނުކުތް ވަގުތު ހަލުވިކޮށް އެކުވެރިޔާގެ ފަހަތުން ރިދާ އައެވެ. އީހާނަށް އެތަން ފެނި ތެދުވާން އުޅުނު ހިނދު އޭނާގެ އަތުގައި ހިފެހެއްޓީ ޔަމާނެވެ.
"ނީރާއާ ވާހަކަދައްކަން ބޭނުންވެފަ ރިދާ އިނީ." ޔަމާނު ބުނުމުން އީހާނު ތެދުވުމުގެ ހިޔާލު ދޫކޮށްލިއެވެ. ކައިވެނީގެ ހަފުލާ ރާވާފައިވާ ގޮތާއި ކައިވެންޏަށް ފަހު ދިރިއުޅުމަށް އަންނާނޭ ބަދަލުތަކާމެދު އިހާނުއާ ޔަމާނު ސުވާލުކުރިއެވެ.
"ނީރާ." ރެއިލިންގަ ހިފަހައްޓާލަމުން ކައިރީގަ ހުރި އެކުވެރިޔާއަށް ރިދާ ގޮވާލިއެވެ. އެއާއެކު ނީރާ ހޫން ލައްވާލިއެވެ.
"ކިހިނެއް؟" ރިދާއަށް ބުނެވުނެވެ.
"ރަނގަޅު." ނީރާ ބުންޏެވެ.
"ކިހިނެއްވީ ކަމެއްހޭ މިއަހަނީ." ރިދާގެ ހިތުގައިވާ ސުވާލަށް ޖަވާބު ލިބޭތޯ އުޅުނެވެ. ރިދާއާ ހަތަރުކަޅި ހަމަކޮށްލުމާއެކު ނީރާ ބަދަލުކޮށްލީ ހިނިތުންވުމެކެވެ. އެ ހިނިތުންވުން މާނަކުރަންވީ ގޮތެއް ރިދާއަކަށް ނޭނގުނެވެ.
"ލައިޒަލްއާ ރައްޓެހިނުވަންތަ؟ ތި ދެމީހުން ފެންނަނީ ވަރަށް ކްލޯޒްކޮށް. ދެމެދުގައި ކަމެއް ނުހިނގާނަމަ އެކަހަލަ ބެލުންތަކެއް ބަދަލެއްނުކުރާނެ. އެވަރު އަހަންނަށް އެނގޭ. އަނެއްކާ އީހާނު އުޅުނީ ޝީންއާ ރައްޓެހިވެގެން... ޝީންއާ ރުޅިވިކަން އެނގުނީ ޔާނު ބުނީމަ. އޭގެ ފަހުން އަދި ގިނަދުވަހެއްނުވޭ. ކީއްވެ އީހާނާ އިންނަން ތިއުޅެނީ؟... ކުއްލިއަކަށް މީހުން ބަދަލުވޭތަ؟ ލައިޒަލް... އޭނާ ކަމުނުދަނީތަ؟. ނީރާ ލައިކެއް ނުވޭތަ އޭނާދެކެ."
"ނީރާ، ކީއްވެ އެއްޗެކޭ ނުބުނަން ތިހުންނަނި. އީހާންގެ ބާތްޑޭ ނައިޓްގަ ލައިޒަލްއާ ދެއްކީ ކޮންވާހަކައެއް. މެރީކުރާ ވާހަކަ އީހާނު ބުނީމަ ނީރާ ސަޕްރައިޒްވީ ކީއްވެ؟." ނީރާ ވާހަކަ ނުދެއްކުމުން ވެސް ރިދާ ހުއްޓައެއް ނުލިއެވެ.
"ރިދާ. އީހާނާ އިންނަން މިއުޅެނީ. އިރުކޮޅެއް ކުރީން މޭޒުދޮށުގައި ހިނގާ އެ ދިޔަ ކަންކަމަކީ ފެނުނު ހުވަފެނެއްނޫންކަން އެނގެއެއްނު. އަހަރެން ރަންކީ އީހާނާ އިންނަން. އެނޫން އެހެން ހަގީގަތެއްނެތް. އަންހެނަކަށް އިނދެވޭނީ އެންމެ ފިރިހެނަކާ. އެހެން މީހުންގެ ވާހަކަ ނާހާ." އެކުވެރިޔާއާ ރިދާ ކުރިމަތިލައި ވާހަކަދެއްކިއެވެ. އޭނާ ރިދާގެ އަތުގައި ހިފާލިއެވެ. ރިދާގެ ސުވާލުތަކަށް ޖަވާބު ދޭން ނީރާ ބޭނުންނުވަނީއެވެ. އެކަން ރިދާއަށް ސާފުވިއެވެ. އިތުރު ސުވާލެއް ނުކުރަން ރިދާ ނިންމީ އެހެންވެއެވެ.
"އެހެންވިޔަސް ބުނަންތަ؟. އަހަންނަށް ލައިޒަލްއާއި ނީރާ މާގުޅޭ." ރިދާ ފަހު ބަހަކަށް ބުނެލިއެވެ. ނީރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޚުދު އޭނާ ވެސް އެކުގައިވުމަށް އެދުނު ހަމައެކަނި ފިރިހެނަކީ ލައިޒަލްއެވެ. އެ ވާހަކަ ދެއްކުން މިއަދު މުހިންމެއް ނޫނެވެ. އޭނާއަށް މުޅި އުމުރު ލައިޒަލްއާއެކު ހަޔާތް ވޭތުކުރާނޭ ފުރުސަތު އޮތެވެ. އެހެންވިޔަސް އަމިއްލައަށް އެގޮތް ބޭނުންނުވިއިރު އެކަމާ ޝަކުވާކުރުމުގެ ހައްގެއް މިއަދު ނީރާއަކަށް ނެތެވެ.
* * * * *
މިއުޒިކު ޝޯ ދިނުމަށް ރިސޯޓަށް ދިޔަގޮތަށް ލައިޒަލް ގަސްދުކުރީ އެކޮޅުގައި މަޑުކުރާށެވެ. ފިރާގު ސުވާލު ގިނަކޮށްފާނޭތީ ކުރީބައިގަ ކާފަ ގާތު ކުރު ޗުއްޓީއެއް ނަގަނީކަމުގައި ލައިޒަލް އޮތީ ބުނެފައެވެ. ނީރާގެ ކައިވެނި ކުރެވޭއިރު މާލޭގައި ހުންނަން ލައިޒަލް ބޭނުންނޫނީއެވެ. އެކުވެރީންގެ ގުރޫޕަށް ކައިވެނީގެ ދަޢުވަތު ކާޑު އީހާނު ލާފައި އޮތްތަން ލައިޒަލް ދުށްޓެވެ. އެ ގުރޫޕުން ނުކުންނަން އޭނާ ކިތަންމެ ފަހަރަކު ހިތައް އެރިއެވެ. އެފަދައިން ކަންތައް ނުކުރެވިފަ އޮތީ ނީރާގެ ހާލު އޮޅުންފިލާނޭ ގޮތެއް އެ ގުރޫޕުން ނުކުމެއްޖެނަމަ ނޯންނާނޭ ހީވާތީއެވެ. ދެމީހުން ވަކިވީ ފަހުން ނީރާގެ ފަރާތުން އެއްވެސް އިޝާރާތެއް ލިބިފައެއް ނެތެވެ. ރައްޓެހިންގެ އެ ގުރޫޕުގައި ވެސް ވާހަކައެއް ނީރާ ނުދައްކައެވެ. ހުރިހާ ޚަބަރެއް ހިއްސާކުރަނީ އީހާނެވެ. ލައިޒަލް ވެސް ހުރީ ނީރާގެ ނިންމުމުގެ ސަބަބުން ގޮތްދޫ ނުކުރާށެވެ. އިތުރަށް ފަހަތުން އާދޭސް ކުރަމުން ނުދާށެވެ. އެކަމަކު ހިތާއި ސިކުނޑީގައި އަދިވެސް ހިނގަނީ ނީރާ ހޯދުމުގެ ހިޔާލުތަކެވެ. މީހެއްގެ އަނތްބަކަށް ވިޔަސް ލައިޒަލްއަށް ވަރިހަމައެވެ. އޭނާ ނީރާ ބޭނުމެވެ.
ކޮޓަރީން ނުކުމެގެން އަތިރިމަތީގަ ޖަހާފައި ހުރި ބީޗުގޮނޑިތަކުން ގޮނޑިއެއްގަ ލައިޒަލް އިށީނެވެ. އިރުގެ ދޯދިތައް އުޑުމަތިން ކިރިޔާ ފާޅުވެލީއެވެ. ދުރަށް ނަޒަރު ހުއްޓާލައިގެން އިންއިރު ނީރާގެ ހިޔާލު ނޫން އިތުރު ހިޔާލެއް ލައިޒަލްގެ ސިކުނޑިއަކު ނުވެއެވެ. އެހެން އިނދެފައި ލައިގެން އިން ސޯޓުގެ ޖީބުން ފޯނު ނަގައި ބަލާލީއެވެ. ދެފިކުރެއްގައި އިން ކަހަލައެވެ. ނީރާއަށް ގުޅާ އެ އަޑު އަހާލަން ލައިޒަލްގެ ހިތް އެދެނީއެވެ. އެ ހިތަށް ތަދުވާވަރަށް ނީރާގެ މަތިން ހަނދާންވަނީއެވެ. ނީރާއާއި އީހާނު ކައިވެނި ކުރަން އުޅޭއިރު އެ ނިންމުމާމެދު ރުހިގެން ނީރާއަށް ހުރެވޭނެބާއޭ ލައިޒަލްގެ ހިތް ތަކުރާރުކޮށް ސުވާލު ކުރިއެވެ. ފޯނުގައި ހުރި ފޮޓޯތައް ލައިޒަލް ބަލަންފެށިއެވެ. އެ ފޮޓޯތައް ނޫނީ އޭނާގެ އަތުގައި ނީރާގެ އެއްވެސް އެއްޗެއް ނުވެއެވެ. އެތަނުން ބައެއް ފޮޓޯތަކުގައި އެވަނީ އެހެން މީހަކަށް ދުވަހަކުވެސް ނީރާގެ ފަރާތުން އޭނާ ދުށުމަށް ނޭދޭ ފަދަ މަންޒަރެވެ. ޚުދު އޭނާ އެ ފޮޓޯތައް ނެގީ ނީރާ ޖެހިލުންވެ ނިންމުން ބަދަލުކުރާނޭ ކަމަށް ހީކޮށެވެ. އެ ފޮޓޯތަކުގެ ބޭނުން ނުބައި ގޮތެއްގަ ހިފުމުގެ ހިޔާލު ވެސް ލައިޒަލްގެ ސިކުނޑީގައި ވެއެވެ. ކެތްތެރިކަން ކޮޅުންލީމާ ކުރަން ގަސްދުނުކުރާ ކަންކަން ވެސް ކުރެވޭ ވަގުތު އާދެއެވެ. އެހެންވިޔަސް ލައިޒަލް ބެލީ އޭނާގެ ރުޅިއާއި ހިތްދަތިކަމުގައި ހައްދުފަހަނަ އަޅައި ނުގޮސް އެހެން މަގެއް ފެނޭތޯއެވެ.
* * * * *
ކައިވެނީގެ ހަފުލާއަށް ބޭނުންވާނޭ އިންތިޒާމްތައް ހަމަޖެއްސުމާއި އެކަމުގެ މަޝްވަރާތައް ކުރިޔަށް ދިޔައިރު އެންމެންގެ ތެރޭ ނީރާ ވެސް އިނެވެ. އޭނާގެ ހިޔާލަށް ލަމްހާ އަހާލައިފިނަމަ ދެނީ އެއް ޖަވާބެކެވެ. މަންމައަށް ކަމުދާގޮތެއް ރަނގަޅުވާނޭ ކަމެވެ. އޭނާ ބޭނުންވެގެން ކުރަން އުޅޭ ކައިވެންޏަކަށްނުވާއިރު ދޭނޭ ހިޔާލެއް ވަކި އޮންނާނެ ހެއްޔެވެ. ގޭތެރޭގައި އޭނާ ނޫނީ އެހެން އެންމެން އުޅެނީ އުފަލުންނެވެ. ނަމަވެސް ނީރާ ސިއްސުވާލީ އީހާނެވެ. ކައިވެނީގެ ހަފުލާއަށް ލައިޒަލްގެ ބޭންޑު ގެންނަން އޭނާ ބުނީމައެވެ.
"ނޫން... އެމީހުންނެއްނޫން. އަހަރެން ގަބޫލެއްނޫން." ކުއްލިއަކަށް ނީރާއަށް ވާހަކަދެއްކުނީ ތަންކޮޅެއް ބާރަށެވެ. އީހާނު އިތުރަށް ވާހަކަދައްކަން އުޅުމުން ނީރާ ވަގުތުން ހުއްޓުވިއެވެ. ލަމްހާއާއި ސުޖާއުއަށް ބަލާލިއެވެ. އެއްވެސް ކަމަކަށް ނީރާ އެ ނޫނީ ނޭދޭކަން ލަމްހާ ދެނެގަތީ ނުހަނު އަވަހަށެވެ. ލައިޒަލްއަކީ ކާކުކަމެއް ލަމްހާގެ ހަނދާނުގައި ނެތެވެ. އެނގެނީ އެއީ އީހާނާއި ނީރާގެ އެކުވެރީންގެ ތެރެއިން ހިމެނޭ ޒުވާނެއްކަމެވެ. ނީރާ ބޭނުންނުވާއިރު ލައިޒަލްގެ ބޭންޑު ގެންނާން ލަމްހާ ގަބޫލެއް ނުވިއެވެ. އެހެންބަޔަކު ހިޔާރުކުރުމަށް ލަމްހާ ބުނުމުން އީހާނަށް އިތުރު ގޮތެއް ނެތުނީއެވެ. އިތުރަށް ހިޔާލު ހޯދާނޭ ކަމެއްނެތުމުން ނީރާ ދިޔައީ ކޮޓަރިއަށެވެ.
"ނީރާ..." ކޮޓަރީގައި ޓަކި ދެމުން އީހާނު ގޮވާލިއެވެ. ޖަވާބެއް ނައުމުން ދެ ފަހަރަކު ގޮވާލައި ވަންނަން ކަމުގައި ބުންޏެވެ. އަދި ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެނދުގައި އޮށޯވެލައިގެން ނީރާ އޮތްތަން އީހާނަށް ފެނުނެވެ. ނީރާގެ ނަޒަރު އީހާނަށް އަމާޒުވެލާފައި ވަކިކޮށްލީ ފަރުވާކުޑަ ގޮތަކަށެވެ. އީހާނަކީ އޭނާގެ ސަމާލުކަން ދޭހާ މުހިންމު މީހެއް ނޫން ފަދައިންނެވެ.
"ކީއްކުރަނީ؟" އީހާނު އައިސް ނީރާގެ އެނދުގެ ފައިލާކޮޅުގައި އިށީނެވެ.
"ކީއްކުރަން ތިއައީ؟ ކަމެއްނެތިއްޔާ މިކޮޓަރިން ނުކުމޭ." ނީރާ ބިއްދޮށަށް އެނބުރުނެވެ.
"އަހަރެމެންނަށް ކުރީން އުޅުނުހާ ގާތްކޮށް ނޫޅެވޭނެތަ؟" އީހާނު އަހާލިއެވެ. އެހިނދު ނީރާ ފުންމައިގެން ތެދުވިއެވެ. އީހާނަށް ބަލާލީ އިންތިހާ ދަރަޖައިގެ ފޫހިކަމާއި ރުޅިވެރިކަމާއެކުއެވެ.
"އައި ހޭޓް ޔޫ. ކަލެއާއެކު ހޭދަވާ ކޮންމެ ހިނދުކޮޅެއްގަ މި ރުޅިވެރިކަމާއި ފޫހިކަންވާނީ އިތުރު. މި ދުނިޔޭގަ ވެސް އަހަރެން ނަފުރަތުކުރާނެ ހަމައެކަނި މީހަކީ ތީ. އަޑުއިވިއްޖެ." ނީރާ ދަތްކުނޑިވިކާލިއެވެ. އޭނާގެ އެ ހަރުކަށިކަމުން އީހާނަށް އަސަރުކުރިކަން އެ ދެ ލޮލުން ފާޅުވިއެވެ. ނިކަން އަވަހަށް އީހާނު އިސްޖަހާލީ އެ އަސަރުތައް ނީރާއަށް ނުދެއްކުމަށް ކަހަލައެވެ.
"އަހަރެން... ލޯބިވޭ... ވަރަށް ލޯބިވޭ." އީހާނުގެ ހިތުގައި ވިއެވެ. އެއީ ދުލުން ހާމަކުރަން އޭނާ ޖެހިލުންވާ ލަފުޒުތަކެކެވެ. ހާމަކުރުމުން މިހާރަށްވުރެ ވެސް ބޮޑަށް ނީރާ ނުރުހޭނޭ އީހާނަށް ހީވަނީއެވެ.
"ނުކުމޭ މިތަނުން. ތި ސިފަ ފެނުނަސް ފޫހިވޭ." އީހާނު ހިމޭންވެފައި އިންނަން ފެށުމުން އަނެއްކާ ވެސް ނީރާ ބުނެލިއެވެ.
"ކައިވެންޏަށްފަހު ތީ އަހަރެންގެ އަނބިމީހާ."
"މީ ކައިވެންޏެއްތަ؟ އެއަށްވުރެ ކަރުގަ ވާގަނޑެއް ޖަހާ އަހަރެން އެލުވިނަމަ މާ ރަނގަޅުވީސް." ނީރާގެ އަޑު ފަހަރަކަށްވުރެ ފަހަރެއް އައީ ބާރުވަމުންނެވެ.
"ތިހެން ތި ވާހަކަދައްކަނީ ކީއްވެ؟ ނީރާ ބުނަންވީނު މަންމަ ކައިރީ، ހުރިހާ ތައްޔާރީތަކެއް ހުއްޓާލާށޭ... ކައިވެނި ކުރާކަށް ބޭނުމެއްނޫނޭ." އީހާނުގެ ހިތުގެ ހާލު ފަރުދާކުރުމަށް އޭނާ ވެސް ހިޔާރުކުރީ ހަރުކަށިކަމެވެ.
"ޝުކުރިއްޔާ... އަހަންނަށް އަހަރެންގެ މަގާމު ބުނެދިނީމަ. މިތާ އަހަރެންގެ އެއްވެސް އެއްޗެއްނެތްކަން ހަނދާންކޮށްދީފި. ވަރަށް ބޮޑަށް ޝުކުރިއްޔާ." ނީރާ ބުންޏެވެ.
އީހާނު ތެދުވި ގޮތަށް އެ ކޮޓަރިން ނުކުތީއެވެ. އުފަންދުވަސް ފާހަގަކުރި ރޭގެ ފަހުން އީހާނާއި ނީރާ ބޭއްވި ގާތްކަން ނެތިގެން ހިނގައްޖެއެވެ. އީހާނު ރީތިކޮށް ވާހަކަދައްކަން މަސައްކަތް ކުރި ނަމަވެސް ނީރާ އެ ފުރުސަތެއް ނުދެއެވެ. ދެމީހުން ހީނ ސަމާސާކުރި ވަގުތުތައް އެނބުރި އައުމަށް އީހާނު ބޭނުންވެއެވެ. އަބަދާއަބަދު ނީރާއާ ޒުވާބު ކުރާކަށް އީހާނު ނޭދެއެވެ. ދެމެދުގައި ގާތްކަން އުފެދެން އެދެވެނީ އެ ގާތް ލޯތްބަށް ބަދަލުވާނޭކަމުގެ އުންމީދުގައެވެ. ނީރާއަށް ލޯބިދޭން އީހާނު ހުރީ ތައްޔާރަށެވެ. ކައިވެންޏަށްފަހު ނީރާގެ މައްޗަށް އީހާނުގެ ހައްގު އިތުރުވާނެއެވެ. އޭރުން އެ އަނބިމީހާއާ ގާތްވުމުގެ އިޒުނަ އޮންނާނެ ހަމައެކަނި މީހާ ކަމުގައި ވާނީ އީހާނެއެވެ. އެ ބާރު ހޯދުމަށް އޭނާ ހުރީ ކެތްމަދުވެފައެވެ.
* * * * *
ހުޅުމާލޭގެ އަތިރިމަތީގައި ކައިވެނީގެ ހަފުލާއަށް ތައްޔާރު ކުރެވެމުންދިޔައެވެ. ސުޖާއުއާއި އީހާނު ހެނދުނުއްސުރެ އުޅުނީ އެކިއެކި ހަމަޖެހިފައި ހުރި ކަންކަން ފުރިހަމައަށް ކުރިއަށް ދޭތޯ ބެލުމުގައެވެ. ހަވީރު އޮތް "ބީޗް ވެޑިން"އަށް އަންހެންކުއްޖާ ތައްޔާރު ކުރުމަށް ޓަކައި އެކަމުގެ ފަރުމާވެރީން ގޭތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. ކައިވެނީގެ ފޮޓޯތައް ނެގުމަށް ހަވާލުކުރެވިފައިވާ ފަރާތުން ހުރިހާ މަންޒަރުތަކެއް ކެމެރާތަކުގައި ރައްކާކުރަމުން ދިޔައެވެ. ނީރާއާއި އީހާނުގެ ތައްޔާރީތައް ވީޑިއޯ ކުރެވުނެވެ. ހަތަރުގަޑި ބައިވަންވާއިރަށް ކާރުތަކުގައި ހަފުލާއަށް ތައްޔާރުކޮށްފައި އޮތް ހުޅުމާލޭގެ އަތިރިމަތީ ސަރަހައްދަށް އެންމެން އަތުވެއްޖެއެވެ. ނީރާމެންނަށްވުރެ ކުރީން ސުޖާއުއާއި އީހާނު ތިބީ އެތަނަށް އައިހެވެ. ކާރުން ފައިބައިގެން އީހާނުގެ ގާތަށް ނީރާ އައެވެ. އޭނާގެ ކޮންމެ ހަރަކާތެއް ވީޑިއޯއާއި ފޮޓޯތަކަށް އަރާނޭކަން އެނގޭތީ ނީރާގެ ފަރާތުން ފެންނަމުން ދިޔައީ ހަގީގަތެއްނުވާ ދެއްކުންތެރިކަމެކެވެ. އުފާވެރިކަމެއްނެތް ހިނިތުންވުމާއި ގަޔާނުވެފައި ހުރެ ވެސް އީހާނާއި ގާތްވާ ގާތްވުމެވެ. ދެހަން ބީހެން ނޭދި ހުރެ ވެސް އީހާނު އަތުގައި ހިފާލުމުން އެ އަތް ފޮޅުވާނުލެވިފައި ނީރާއަށް ހުންނަން ޖެހުނީއެވެ.
މުޅިތަން ތައްޔާރު ކުރެވިފައިވަނީ ނުހަނު ފުރިހަމައަށެވެ. މޫދުގެ ކުލަތައް އެކި ދިމާއިން ފެންނާނޭ ގޮތަށެވެ. މޭޒުތަކުގައާއި އެހެން ދިމާތަކުން ފެންނަނީ ހުދާއި މަޑުނޫކުލައިގެ މާތައް ބޭނުންކޮށްފައި ވާތަނެވެ. ކައިވެނީގެ ކޭކުން ފެންނަނީ ކަނޑުގެ ދިރުމެވެ. އެތަނުގައި ސުޖާއުއާއި ލަމްހާގެ ރައްޓެހިންނާއި ގާތް މީހުން ގިނައެވެ. އީހާނާއި ނީރާއާއެކު އުޅޭ އެކުވެރީން ވެސް ޖަމާވެފައިވެއެވެ. ދާލިޔާއާއި އެނޫން ވެސް ނީރާއާއެކު މަސައްކަތްކުރާ އެކުވެރީންނަށް ކައިވެނީގެ ދައުވަތު ފޮނުވީ އީހާނެވެ. އެކަމުގައި ވެސް ނީރާގެ އިހްތިޔާރެއް ނުވިއެވެ. ދާލިޔާއަކީ އޭނާގެ ރައްޓެއްސެކެވެ. އޭނާ އެކަމުގެ ޚަބަރު ދޭން ބޭނުންނުވެފައި ހުއްޓާ އީހާނު އެކަން ކުރީއެވެ. މުޅި ދުނިޔެއަށް އޭނާ މިކައިވެނީގެ ޚަބަރު އިއުލާން ކޮށްފިއެވެ.
މަޑުނޫކުލައިގެ ސޫޓުގައި އީހާނު އިންއިރު އޭނާއާ ޖެހިގެން މޭޒުދޮށުގައި ނީރާ އިނީ އަތްދިގު ހުދުކުލައިގެ ލޭސް ކައިވެނި ހެދުމެއްގައެވެ. ކައިވެނިކޮށްދޭ މީހުން މޭޒުދޮށުގައި ތިއްބެވެ. އެމީހުންގެ މަސައްކަތް ފެށުމާއެކު މުޅިތަނަށް ތަފާތު ހިމޭންކަމެއް ވެރިވިއެވެ. އެންމެން ގާޟީ ދައްކަމުން ދިޔަ ވާހަކައަށް ސަމާލުވެ ތިބިއިރު އެކަން ނުފެންނަނީ ނީރާގެ ފުށުންނެވެ. އޭނާގެ ނަޒަރު ގެއްލިފައި ހުރީ ދުރަށް ފެތުރިފައި އޮތް މޫދަށެވެ. އެ ހިތުގެ ތެރޭ ކިޔެމުންދިޔައީ ހަމައެކަނި ލައިޒަލްގެ ނަމެވެ. ކައިވެނި ކުރެވެންވީ ވަގުތު ޖެހެމުން އައިރު ރޭ ހަތަރުދަމުން ނިންޖަކަށްވާ ކަހަލަ ނިންޖެއް ނީރާއަށް ނުނިދެއެވެ. ކިތަންމެ ފަހަރަކު ލައިޒަލްއަށް ގުޅަން އޭނާ ފޯނު ނެގިއެވެ. ލައިޒަލް އެދޭ ފަދައިން ހުރިހާ އެއްޗެއް ދޫކޮށްލާފައި އޭނާގެ ގާތަށް ދާން ނީރާގެ ހިތަށް ވެސް އެރިއެވެ. އެކަމަކު އެފަދައިން ކަންތައްކުރާން ކެރުނުނަމަ މިވަގުތު ކައިވެނީގެ މަޖިލީހުގައި ނީރާއެއް ނީންނާނެއެވެ. އަމިއްލަ ފިނޑިކަމާމެދު އަމިއްލައަށް މަލާމާތް ރައްދުކުރެވުނެވެ. ގިނައިރެއްނުވެ އިހާނުގެ ހަލާލު އަނބިމީހާގެ ގޮތުގައި ގާޟީ އޭނާ އީހާނަށް އަނބިކޮށްދީފިއެވެ. ހިނިތުންވުމާއެކު އީހާނު އަނބި ގަބޫލުކުރީ ހިތްހަމަޖެހިފައި އިނދެއެވެ. މޭޒުދޮށުން ތެދުވުމުގެ ކުރީން ނީރާގެ ރަން އީހާނު ހަވާލުކުރިއެވެ. ރަނުގެ އަގު ފެންނާނޭހެން ބޮލިން ފަރުމާކުރެވިފައިވާ ފްރޭމެކެވެ. އޭގައި ނީރާއަށް ހިފުނު ގޮތުން އަތުން ދޫވީއެވެ. ހުސިޔާރުކަމާއެކު އީހާނު ހިފަން އުޅުނެވެ. ބިންމައްޗަށް ވެއްޓުމުގެ ބަދަލުގައި އީހާނުގެ އަތުގައި ޖެހިފައި އެ ފްރޭމް ވެއްޓުނީ މޭޒު މައްޗަށެވެ. އެންމެންގެ ނަޒަރު އެ ދިމާއަށް ހުއްޓިފައި ވިއެވެ. ނީރާ ހާސްވެ ފިނިވެފައި ހުރިވަރުން ވީގޮތެއް ކަމުގައި ލަމްހާއަށް ހީވިއެވެ. އެދިމާއަށް އޭނާ އަވަސްވެލިއެވެ. މޭޒުމަތިން އީހާނު ފްރޭމް ނެގުމުން އޭގައި ލަމްހާ ހިފީ އެހެންވެއެވެ. މަންމަގެ އަތުގައި އިހަށް ބާއްވާނީއޭ ލަމްހާ ބުނެލިއެވެ. ނީރާގެ ބުރަކަށީގައި ފިރުމާލީ ހަމަޖެހޭށޭ ބުނާ ފަދައިންނެވެ.
އަލަތު ދެމަފިރިން ތިބެން ތައްޔާރުކުރެވިފައިވާ މަގާމުގައި އީހާނާއެކު ނީރާ މަޑުކޮށްލައިގެން ހުއްޓެވެ. ހާމަ މާހައުލަކަށްވެފައި ކަނޑުން އަރައިގެން އަންނަ ރޯޅި ބީހިލަނީ އެއްވެސް ހުރަހެއްނެތިއެވެ. ފަޒާގައިވަނީ ލޮނުވަހެވެ. ރާޅުގެ އަޑު އެކަނިވެސް ހިތްގައިމު މިއުޒިކަކަށް ފުދެއެވެ. ދެމަފިރިންނަށް ކައިވެނީގެ ތަހުނިޔާ ކިޔުމާއި ފޮޓޯނެގުން ކުރިއަށް ދިޔައެވެ. ކާއެއްޗިއްސަށް އިންސާފުކުރަން މީހުން ފެށުމުން އެއްފަރާތުގައި ތައްޔާރު ކުރެވިފައިވާ ބުފޭއިން ހައިކަން އިތުރުވާ ފަދަ މީރު ވަސް އަރަންފެށިއެވެ.
"އާ ޔޫ އޯކޭ. ފެންތަށްޓެއް ގެނެސްދެންތަ؟." ނީރާގެ ކަންފަތް ދޮށުގައި އީހާނު އަހާލިއެވެ.
"ޒަހަރެއް ދީފިއްޔާ ބޯނަން." އީހާނަށް ބަލާލަމުން ނީރާ ބުނެލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. އީހާނުގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ނީރާއާ ނަޒަރު ވަކިކޮށްލީއިރު ވެސް އެ ތުންފަތުން ހިނިތުންވުން ފަނޑުވެގެން ނުދިޔައެވެ.
"އަނބިމީހާ..." ހިނިތުންވުމުގެ އަސަރާއެކު ލުއި ގޮތަކަށް އީހާނު ބުނެލިއެވެ. އެ އަޑު އިވުނުކަމަށް ނީރާ ނުހެދިއެވެ.
އިރުއޮއްސެންވާއިރަށް ކައިވެނީގެ ހަފުލާ ނިންމާލާނެއެވެ. އަދި ސުޖާއު ހަމަޖައްސާފައި އޮތް ސަފާރީގައި ދެމަފިރިން ދަތުރު ފަށާނެއެވެ. ކައިވެނީގެ އަލަތު ރޭ އޭގެ ދެމަފިރިން ހޭދާކުރާނީ ސަފާރީގައެވެ. އެއަށްފަހު ރިސޯޓުގައެވެ. ހަފްތާއެއް ރިސޯޓުގައި ހުރުމަށްފަހު ރާއްޖޭން ބޭރަށް ފުރާނެއެވެ. މާމުއިހަނދުގެ ދުވަސްތައް އެއްމަހަށް ދެމިގެން ދާނެއެވެ. އެ ދުވަސްތަކުގައި ދުނިޔޭގެ އެކިއެކި ލޯބީގެ މަންޒިލްތަކަށް އަނބިމީހާ ގޮވައިގެން އީހާނު ދަތުރުކުރާނެއެވެ. މިހާރުއްސުރެ ނީރާއަށް ވިސްނާ ފިކުރު ކުރެވެނީ އެކަމާއެވެ. ކައިވެންޏަށްފަހު އީހާނާއެކު އޭނާ އުޅޭނޭ ގޮތަކާމެދުއެވެ. (ނުނިމޭ)