އެމްޑީޕީ

އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް އިސް ލީޑަރުގެ ކެންޑިޑޭޓުން ހޮވިއްޖެ

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް އިސް ލީޑަރުގެ ކެންޑިޑޭޓުން ހޮވިއްޖެ އެވެ.

މިރޭ ބޭއްވި އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް 18 ކެންޑިޑޭޓަކު ވާދަކުރިއެވެ. އެ މަޖިލީސް ހިމެނެނީ ނުވަ މެންބަރުންގެ މައްޗަށެވެ. އިންތިހާބަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނުވަ ކެންޑިޑޭޓަކަށް ތާއީދު ކުރައްވާފައެވެ. އަދި ދެން ވާދަކުރެއްވީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތް ނުވަ ކެންޑިޑޭޓުންނެވެ.

ދެ ބޭފުޅުންގެ ފަރާތްޕުޅުންވެސް ވަނީ އެ ބޭފުޅުން ތާއީދު ކުރައްވާ ކެންޑިޑޭޓުން ހޮއްވެވުމަށް އެތެރޭގެ ކެންޕެއިނެއް ކުރައްވާފައެވެ. އަދި ރައީސް ނަޝީދު ވަނީ ރައީސް ސޯލިހްގެ ފަރާތްޕުޅުން ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރެއްވި އަލިފުށީ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ސެކްރެޓަރީ މުހައްމަދު ރަޝީދު (ބިގޭ) އަށް ވަރުގަދަ ރައްދެއްވެސް ދެއްވާފައެވެ.

މިރޭގެ އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އަހުމަދު ރިޝްވާން އާއި ފާތިމަތު އިނާޝާ އާއި ހުސައިން ރަޝީދު އާއި އިބްރާހިމް މުހައްމަދު ދީދީ އާއި އަހުމަދު މައުރޫފް އާއި ނައުޝާދު އަބްދުލް އަޒީޒު އާއި އަހުމަދު ނިޝާދު އާއި އާދަމް މާހިރު އަދި އަނަސް އަބްދުއްސައްތާރެވެ.

ރިޝްވާނަށް 71 ވޯޓް ލިބިފައިވާއިރު އިނާޝާއަށް ލިބިފައިވަނީ 66 ވޯޓެވެ. ހުސައިން ރަޝީދަށް 66 ވޯޓް އަދި އިބްރާހިމް މުހައްމަދު ދީދީއަށް 67 ވޯޓް ލިބިފައިވެއެވެ. މައުރޫފަށް 67 ވޯޓް ލިބުނުއިރު ނައުޝާދަށް 63 ވޯޓް އަދި ނިޝާދުއަށް 64 ވޯޓް ލިބިފައިވެއެވެ. އާދަމް މާހިރަށް 66 ވޯޓް އަދި އަނަސްއަށް 76 ވޯޓް ވަނީ ލިބިފައެވެ.

މި އިންތިހާބުގައި ދެން ވާދަކޮށްފައިވަނީ އަމީން ފައިސަލް އާއި ފާތިމަތު ޝަހީދާ އާއި އަހުމަދު ޒުހައިރު އާއި ސޫޒަން އިބްރާހިމް އާއި އަހުމަދު އަފްރާހް އާއި ފަޞާހް އަހުމަދު އާއި މުހައްމަދު ކަމާލް އާއި ހަސަން ޒާހިރު އާއި އަބްދުލް މަޖީދު ޝަމީމެވެ.

އިންތިހާބުގައި ހަތަރު ވޯޓް ބާތިލު ވޯޓްގެ ގޮތުގައި ގުނާފައިވެއެވެ. ޖުމްލަ ވޯޓްގެ އަދަދަކީ 1036 އެވެ. ވޯޓްލީ 120 މެންބަރުންނެވެ. އަދި ނުލާ ވޯޓްގެ އަދަދަކީ އަށެކެވެ.

އިންތިހާބަށް އަމާޒުކޮށް ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއަޕް ގުރޫޕްގައި ފޮނުއްވެވި މެސެޖްގައި ވިދާޅުވީ އެ ޕާޓީގެ ފަނޑިޔާރުންގެ މަޖިލީސް ހޮވަނީ ރަައީސުލްޖުމްހޫރިއްޔާ އާއި ދެކޮޅަށް ކަމެއް ކުރާން ކަމަށް ވިދާޅުވެ މެންބަރު ރަޝީދު ދައްކަވަނީ ހުސް ދޮގު ވާހަކަ ކަމަށެވެ. އަދި އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެކަހަލަ ކަމެއް ނުވެސް ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެފަދަ ފިތުނަވެރި ވާހަކަތަކަކީ މި ގުރޫޕްގެ ތެރޭގައި އަޅުގަނޑާއި އާރުޖޭ [ރައީސުލްޖުމްހޫރިއްޔާ] އާ ޖެއްސުމަށް ދައްކާ ވާހަކަތަކެއް. މި ވާހަކަތައް ގަބޫލު ނުކުރެއްވުމަށް އެދެން،" ނަޝީދުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

އޭގެ ފަހުން ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ މެންބަރު ރަޝީދު ގެންގުޅުއްވާ ލިސްޓްގައި އެމްޑީޕީގެ ކަންކަމުގައި އުޅެފައިވާ މީހުން ވަރަށް މަދުވާނެ ކަމަށެވެ.