(31 އޯގަސްޓް 2021 އާ ގުޅޭ)
ދުނިޔޭގެ އެކިއެކި ލޯބީގެ މަންޒިލްތަކަށް އަނބިމީހާ ގޮވައިގެން އީހާނު ދަތުރުކުރާނެއެވެ. މިހާރުއްސުރެ ނީރާއަށް ވިސްނާ ފިކުރު ކުރެވެނީ އެކަމާއެވެ. ކައިވެންޏަށްފަހު އީހާނާއެކު އޭނާ އުޅޭނޭ ގޮތަކާމެދުއެވެ.
"ހިނގާ ދާން." ޔަމާނުގެ އަތުގައި ހިފާލަމުން ރިދާ ބުނެލިއެވެ.
"ނިމެންދެން މަޑުކޮށްލަންވާނެއެއްނު." ޔަމާނު ބުންޏެވެ. އިހާނުގެ ފަރާތުން ކައިވެނީގެ ހަފުލާގައި ބައިވެރިވި އެންމެ ގާތް ރަހުމަތްތެރިއަކީ ޔަމާނެއެވެ. އަނެއްކޮޅުން އެއީ "ބިޒްނަސް ޕާޓްނަރުން" ނެވެ. އޭނާއަށް ވިސްނޭ ގޮތުގައި ހުރިހާ ކަމެއް ނުނިމެނީސް ހަފުލާ ދޫކޮށް ދިއުން ރަނގަޅު ގޮތަކަށްނުވާނެއެވެ. އީހާނަށް އެހީތެރިކަމެއް ފޯރުކޮށްދޭން ހުންނާނީ ވެސް އޭނާއެވެ.
"އަހަންނަށް އަދިވެސް ގަބޫލެއްނުކުރެވޭ. އެ ދެމީހުން ލޯބިން ގުޅުނީއޭ ހީވޭތަ؟. ނީރާ ކުއްލިއަކަށް ހާދަ ބޮޑަކަށޭ އެ ޗޭންޖުވީ. ކުރިން ފެންނަ މަޖާ ގޮތެއް ވެސް ނެތް. ދެރަވެފަ ހުންނަހެން ހީނުވޭތަ."
"ރިދާ މާބޮޑަށް ތިވިސްނަނީ. ނީރާއާ މެދު އީހާން ކެއާކުރާކަން އެނގެއެއްނު. އެދެމީހުން ރައްޓެހިވާން ލަސް ވެސް ވެއްޖެ." ޔަމާނު ފުނަށް ފީނަން ބޭނުންނުވަނީއެވެ.
"ލައިޒަލް ކޮބާ؟ ކީއްވެ އަހަރެމެންނާއެކު ނައީ؟. އެރެއަށްފަހު އޭނާ ނުދެކެން. އޭނާވެސް އަހަރެމެންނާ ދުރުވެލީ ކުއްލިއަކަށް." ރިދާ ބުންޏެވެ.
"ލައިޒަލް މާލެއަކުނޫން ހުރީ. އެހެންވެ ނާދެވުނީ." ތަފްސީލު ދޭން ބޭނުންނުވާތީ ޔަމާނު ބުނެލިއެވެ. ލައިޒަލް އުޅޭ ގޮތުގެ ވާހަކަ ދައްކައިފިނަމަ ރިދާގެ ވިސްނުން އަދި މާ ދުރަށް ހިންގާނޭކަން ޔަމާނަށް އެނގެއެވެ.
"ރިދާ ތި ހީކުރާ ގޮތަށް ހިނގިކަމަކަށް ނުވެދާނެ. އެ ދެމީހުންގެ ނިންމުން އެއީ... އަހަރެމެންނަށް އޮތީ އެކަން އެކްސެޕްޓު ކުރުން. ލޯބިނުވާނަމަ މެރީއެއް ނުކުރާނެ. އެވަރުގެ ކަމެއް އީހާނު ނުކުރާނެ." ރިދާގެ އަތްތިލައިގެ ފިރުމާލަމުން ޔަމާނު ވާހަކަދެއްކިއެވެ. ރިދާ އެ ވާހަކައަށް ބޯޖަހާލީއެވެ. އޭނާގެ ނަޒަރު މޭޒުތަކާއި ދުރުގައި އަތިރިމައްޗާ ވީ ފަރާތުގައި ހުއްޓިލައިގެން ތިބި އީހާނާއި ނީރާއަށް ދަތުރުކޮށްލިއެވެ. މެހެމާނުންނާ ހިނިތުންވެ ސަލާމްކޮށް ވާހަކަދައްކާ ހެދި ނަމަވެސް އަލަތު ކައިވެންޏާމެދު ފެންނަންޖެހޭ ހިތްއަވަސްވާފަދަ އުފާވެރިކަމުގެ އަސަރުތަކާއި ހަރަކާތްތައް ނީރާގެ ފުށުން ނުފެންނާތީ ރިދާ ހައިރާންވަނީއެވެ. ނީރާއަކީ ހިމޭންވެފައި މަޑުމަޑުން ހުންނަ ފަދަ މިޒާޖެއްގެ އަންހެންކުއްޖެއް ނޫނެވެ. އޭނާއަކީ އަނގަ ގަދަ ސަމާސާ ބޮޑު ޒުވާނެކެވެ. އަބަދުވެސް ހުންނާނީ ނިކަން ހިނިއައިސްފައެވެ.
އިރުއޮއްސި އަނދިރިކަން ވެރިވެއްޖެއެވެ. އާ ކައިވެނީގެ ހަފުލާ ވެސް ނިމުނީއެވެ. ތަނުގައި ހަރަކާތްތެރިވާތީ ފެންނަނީ ޔަމާނާއި ރިދާގެ އިތުރުން އަލަތު ދެމަފިރިންގެ އާއިލާއެވެ. ދެން އުޅެނީ ހަފުލާގެ އެކި އިންތިޒާމުތަކާއި ހަވާލުވެ ތިބި މީހުންނެވެ. އެއްއަތުން ހެދުމުގެ ފަސްބައި ކުޑަކޮށް ހިއްލާލައިގެން އަނެއްއަތުން ހަފުލާގައި ހިފަހައްޓާލައިގެން ހުރި މާބޮނޑި ހިފައިގެން ނީރާ ފޭބީ އަތިރި މައްޗަށެވެ. އޭނާގެ ގާތަށް ރިދާ އައީ ނުހަނު އަވަހަށެވެ.
"ކޮންގްރާ..." ރިދާ ބުނެލިއެވެ. ވަރުބަލި ބެލުމަކާއެކު ނީރާ ބަލާލިއެވެ. ދެން އޭނާ ކުރިއަށް ޖެހިލައި ރިދާގެ ގައިގާ ބައްދާލިއެވެ. ކޮންމެވެސް މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައި ހުރި މީހަކު ހެންނެވެ. ނީރާ އަމިއްލައަށް ދުރަށް ޖެހިލަންދެން އޭނާގެ ގައިގާ ހިފަހައްޓާލައިގެން ރިދާ ހުއްޓެވެ.
"ލައިޒަލް ދުށީންތަ؟" ދުރަށް ޖެހިލި ގޮތަށް ނީރާ އަހާލިއެވެ.
"އޭނާ މާލެއަކުނެތް. އެހެންވެ ނައީ." ރިދާ ބުންޏެވެ.
ދެ އަންހެންކުދީންނަށް އީހާނު ގޮވާ އަޑު އިވިގެން އެއްގަމަށް ހިނގައިގަތެވެ. ލަމްހާ އައިސް ނީރާގެ ގާތުގައި ހުއްޓިލިއެވެ. ކާރުގައި ނައްޓާލަންވީ ކަމުގައި ލަމްހާ ބުންޏެވެ. ހުޅުމާލޭގައި ސަފާރީ ކައިރިކޮށްފަ އޮތް ދިމާއަށް ދާންވީއެވެ. ބަޔަކާ ވާހަކަދައްކަން ހުރެފައި ސުޖާއު އެނބުރި އެމީހުންގެ ގާތަށް އައެވެ. ޔަމާނާއި ރިދާ އެމީހުންގެ ފަހަތުން ސައިކަލުގަ ދާނަން ކަމުގައި ބުންޏެވެ. އެމީހުން ގެއަށް ދާނީ އޭގެ ފަހުންކަން ޔަމާނު ބުނެލިއެވެ.
"ފޮށި އެކޮޅަށް ލާފަވަނީ. ކަމެއް ދަތިވަންޏާ ބޭބެއަށް ގުޅާތި." ކާރު ދުއްވަން އިން ސުޖާއު ބުނެލިއެވެ. އޭނާއާ ޖެހިގެން ކުރީ ސީޓުގައި ދެން އިނީ އީހާނެވެ. ފަހަތުގައި ނީރާއާއެކު އިނީ ލަމްހާއެވެ.
"އީހާނު، ނީރާ ވަރަށް މަދުން ކައިގެން އޭނީ. އެކުއްޖާއަށް ރަނގަޅަށް ކާންދޭތި. މަންމައަށް ގުޅަން ހަނދާން ކުރާތި." ނީރާގެ އަތުގައި ހިފާލަމުން ލަމްހާ ވާހަކަދެއްކިއެވެ.
ކާރު މަޑުކުރުމުން އީހާނު ފައިބައިގެން އައިސް ފަހަތު ދޮރުފަތް ހުޅުވާލިއެވެ. މަންމަ ފައިބަންދެން ނީރާ މަޑެއް ނުކުރިއެވެ. އަމިއްލައަށް އަނެއްފަރާތުގެ ދޮރުފަތް ހުޅުވާލައި އޭނާ ފޭބީއެވެ. ކާރުގެ ފަހަތުންލާފައި އޭނާ އައިސް ލަމްހާގެ ކައިރީ މަޑުކޮށްލިއެވެ. ޔަމާނާއި ރިދާ ސައިކަލުން ފައިބައިގެން އެމީހުންގެ ގާތަށް އައެވެ. ތޮށިގަނޑާ ކައިރިކޮށްފައި އޮތް ސަފާރީއަށް އީހާނުގެ އަތުގައި ހިފައިގެން ނީރާ އެރިއެވެ. ވަދާއުގެ ސަލާމަށް އެންމެން އަތް ހޫރާލިއެވެ. ސަފާރީގަ އުޅޭ ސްޓާފަކާއެކު އީހާނާއި ނީރާ އެތެރެއަށް ވަދެގެން ދިޔައީ ބޯޓު ނައްޓާލީމައެވެ.
ދެމަފިރިންނަށް ހާއްސަ ކުރެވިފައި ހުރީ ތަނަވަސް ކޮޓަރިއެކެވެ. އެއީ ދެ ޑެކުގެ މައްޗަށް، އެންމެ މިޒަމާނުގެ ފެންވަރަށް ހަދާފައިވާ ބޮޑު ބޯޓެކެވެ. ކޮޓަރި ހުރީ އޭސީ ކޮށްފައެވެ. ހުދުބެޑުޝީޓުގެ މަތީ އަލަތު ދެމަފިރިންނަށް މަރުހަބާ ކިޔާފައިވަނީ ރަތް ފިނިފެންމަލުގެ ފިޔަތަކުންނެވެ. ހިތްގައިމުކަމާއި މަސްތުކަން ވެރިވާ ފަދަ މާހައުލެކެވެ. އަލަތު ކައިވެނީގެ ވަގުތުތައް ހޭދަކުރަން ހިތް އެދޭފަދަ މާހައުލެކެވެ. އެހެންވިޔަސް ނީރާއަށް ހީވީ ނޭވާ ހާސްވެދާނޭ ހެންނެވެ. ކޮޓަރީގެ ދޮރުފަތް އީހާން ލައްޕާލި ހިނދު އެ ކޮޓަރީގެ ތެރެއިން ވަދެވެން ހުރި ފާޚާނާއަށް ނީރާ ހަލުވިކޮށް ގޮސް ވަނެވެ.
ފާހާނާގައި ގިނައިރުވާން ފެށުމުން އީހާނު ގޮވާލިއެވެ. ނީރާ ޖަވާބެއް ނުދިނެވެ. އިރުގަނޑެއް ފަހުން ނީރާ ފާހާނާއިން ނުކުތެވެ. އީހާނު ލައިގެން ހުރި ސޫޓުގެ ޖެކެޓު ބާލައި އެނދުގައި ބާއްވާލައި އޮތެވެ. އޭނާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. ނީރާ ބަލައެއް ނުލިއެވެ. އޭނާ ފޮށި ހުޅުވަން އުޅުނެވެ. ނީރާގެ ހަރަކާތްތަކަށް ބަލަން އީހާން އިނީއެވެ. ޖިންސަކާއި ސްވެޓާއަކާއެކު ނީރާ ބޭނުންކުރާ އެއްޗެހި އަޅާފައިވާ ކުޑަދަބަސް ނެގިއެވެ. އެ ހިފައިގެން އަނެއްކާ ވެސް އޭނާ ވަނީ ފާހާނާއަށެވެ. ގިނައިރެއްނުވެ ފާހާނާގެ ދޮރު ކުޑަކޮށް ހުޅުވާލުމާއެކު ބޭލި ކައިވެނި ހެދުން ބޭރަށް ނީރާ އެއްލާލިއެވެ. އީހާން އެނދުން ތެދުވެގެން އައިސް ފާހާނާގެ ކައިރީ ހުއްޓުނެވެ. ފެންއޮހޭ އަޑުން ނީރާ ފެންވަރަނީކަން ނަގައިގަންނަން އީހާނަށް އުނދަގުލެއް ނުވިއެވެ. އޭނާ ގުދުވެފައި ނީރާ އެއްލާލި ކައިވެނި ހެދުން ނެގިއެވެ. ދެއަތުގެ ތެރޭ ހެދުން ފަތުރާލައި ބަލާލިއެވެ. މަޑުމަޑުން ހެދުން ގެނެސް ނޭފަތުގައި ޖައްސާލިއެވެ. ނީރާގެ ވަސް ހެދުމުން ދުވިއެވެ.
ނީރާ ފެންވަރައިގެން ނުކުތް އިރު އީހާނު އިނީ ކުރީން ވެސް އިން ގޮތަށް އެނދުގެ އަރިމަތީ އިށީނދެލައިގެންނެވެ. ރީތިކޮށް ފަތްޖަހައި ކަވަރަށް ލާދީފައި އޮތް ނީރާގެ ކައިވެނި ހެދުން ފޮށިމަތީ އޮތެވެ. ދެ ލޯ މަރާލި ގޮތުން ނީރާ ހީވީ ބޮލުގައި ރިއްސައިގަނެފައި ހުރީ ހެންނެވެ. ތުވާލިން އިސްތަށިގަނޑު ހިއްކަމުން އޭނާ އިށީނީ އެތަނުގައި ހުރި ކުޑަކުޑަ ޑްރެސިން ޓޭބަލްގެ ގޮނޑީގައެވެ. ފުރަގަސްދީގެން އިނުމުން އީހާނު ކުރާ ކަމެއް ނީރާއަކަށް ނުފެނެއެވެ. އޭނާ ވެސް ކައިވެނި ހަފުލާއަށް ލައިގެން ހުރި އެއްޗެހި ބަދަލުކުރީއެވެ. ސޯޓު ލައިގެން ޓީޝާޓު ބޮލުން މަހާލަމުން އީހާނު ކޮޓަރިން ނުކުތީއެވެ. ފުން ނޭވާއެއް ނީރާ ލީއިރު ހީވަނީ މި ހުރިހާއިރު އޭނާ އެ އިންނަނީ ނޭވާ ހިފަހައްޓައިލައިގެން ކަހަލައެވެ.
އެނދުގައި ނީރާ އޮށޯވެލީ ނިދާކަށް ނޫނެވެ. އެހެންނަމަވެސް އޭނާގެ ލޯ މެރުނީ ކޮންއިރަކުކަމެއް ނޭނގެއެވެ. ހޭލެވުނީ ކައިރިން އީހާނުގެ އަޑު އިވިގެންނެވެ. ލޯ ހުޅުވާލިއިރު އީހާނު އިނީ ނީރާގެ ކައިރީ އިށީނދެލައިގެންނެވެ.
"ކާލަން ތެދުވަންވީނު." އީހާނު ބުނެލިއެވެ. ނީރާ ތެދުވިއިރު އެއްފަރާތުގައި ހުރި ސައިޑްޓޭބަލް މަތީ ތަށި ހުއްޓެވެ. އީހާން ދިއްކޮށްލި ފެންތަށީގައި ނީރާ ހިފީ ކަރުހިއްކައިގަނެފަ ހުރީމައެވެ. ގަޑިތަކުންވީއިރެއް ބެލުމަށް އޭނާ ބާލީސް ކައިރިން ފޯނު ހޯދާލިއެވެ.
"އަހަރެމެން އެކަނިވީމަ ބުފޭއެއް ނުނަގާ، ބަދިގެއިން ބޭނުން އެއްޗެއް ރެޑީކޮށްދޭނެއޭ ބުނީ... އަހަރެން ކައިފިން." ކާތަށި ނަގައި ނީރާއަށް ދިއްކޮށްލަމުން އީހާނު ބުންޏެވެ. ފޯނަށް ބަލާލައިފަ ނީރާ ކާން ފެށިއެވެ. އޭނާ ކައި ނިމުމުން ތަށި ހިފައިގެން އިހާނު އަނެއްކާވެސް އެތަނުން ނުކުތީއެވެ.
ޖިންސުގެ ފަހަތު ޖީބަށް ފޯނު ކޮށްޕާލަމުން ނީރާ ކޮޓަރިން ނުކުތެވެ. ފިނި ވައިރޯޅީގެ އިހްސާސް ކުރެވެން ފެށީ ބޯޑުގެ ފަހަތުގައި ހުސްކޮށް އޮތް ބަޔަށް ނުކުމެވުމުންނެވެ. އެތަނުގައި ޖަހާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ނީރާ އައިސް އިށީނެވެ. ފޯނު ވައިބްރޭޓްވެލީ އެވަގުތެވެ. އަވަހަށް ފޯނު ބަލާލިއެވެ. ދެ ލޯ ބޮޑުކޮށްލެވުމާއެކު ނީރާއަށް ވަށައިގެން ހޯދާލެވުނެވެ. ދެން ނިކަން އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ނީރާއަށް ގުޅީ ލައިޒަލްއެވެ. ނަމަވެސް ވާހަކައެއް ނުދެއްކިއެވެ. ނީރާއަށް އެންމެ ކުޑަމިނުން ހެލޯއޭ ބުނާނޭ ހިތްވަރެއް ވެސް ނުލިބުނެވެ. އިތުރަށް ދައްކަން އޮތީ ވެސް ކޮން ވާހަކައެއް ހެއްޔެވެ. ހިމޭންކަން ދިގުލާން ފެށުމުން ލައިޒަލްއަށް އޮޅިގެން ގުޅިފައި ހުރީބާއޭ ނީރާ ހިތަށް އެރިއެވެ. އެހެންވިޔަސް އެ ކޯލު ކަނޑާލާކަށް ނީރާ ބޭނުމެއްނޫނެވެ. އެއްވެސް އަޑެއްނީވުނަސް އެ ހިމޭންކަން ކަމުދިޔައީ ކޯލުގެ އަނެއްކޮޅުގައި ހުރީ ލައިޒަލްއަށްވީމައެވެ.
"ފިނިވެދާނެ." ފަހަތުން އީހާނުގެ އަޑު އިވުނެވެ. މަޑުމަޑުން ފޯނު ތިރިކޮށްލުމާއެކު ފޯނުކޯލު ކަނޑާލީ ނީރާއެވެ. ދެން ގޮނޑިއަށް ދެފައި އަރުވާލުމާއެކު ދުރަށް ނަޒަރު ހުއްޓާލިއެވެ. އީހާނު އައިސް ނީރާގެ ކައިރިއަށް ގޮނޑިއެއް ޖައްސާލާ އިށީނެވެ. ނީރާގެ ހޭވިފައި އޮތް އިސްތަށިގަނޑުން ކުރަމުން ދިޔަ ގޯނާތައް ބަލަން އިނދެފައި އީހާނު ކުރިއަށް ޖެހިލިއެވެ. ނީރާގެ މޫނުން އިސްތަށިތައް އެއްފަރާތްކޮށްލަން އުޅުނެވެ.
"ކީއްކުރަން ތިއުޅެނީ." ގޮނޑިން ފުއްމާލައި ފިލަން އުޅުނު ކަހަލަ ގޮތަކަށް ނީރާ ދުރަށް ޖެހުނެވެ. އޭނާއާ އެއްވަރަށް ގޮނޑިން ތެދުވި އީހާނު ދަތްކުނޑިވިކާލި ކަމުގެ އަސަރު އެ މޫނުން ފާޅުވެލިއެވެ.
"ވީ އާ މެރީޑް. ތިވަރުތިވީ، ނޭނގޭތަ ތީ އަހަރެންގެ އަނބިމީހާކަމެއް." އީހާނު ބުންޏެވެ.
"ހެވޭ! އަތްލައިގެން ނުވާނެ." ނީރާ ދެ ލޯ ބޮޑުކޮށްލައިގެން ބަލަން ހުރިއިރު ރުޅިއާއެކުވެ އެ ދެ ލޮލުން ކަރުނައިގެ އަސަރު ފާޅުވެއެވެ. ނީރާގެ ޠަބީޢަތް ގޯސްވީ އައި ފޯނުކޯލުގެ ސަބަބުންނެވެ. ނީރާ ހަލުވިކޮށް ހިނގައިގަތީ ކޮޓަރިއަށް ދިއުމަށެވެ. އީހާނު ޗަސްޖަހާލުމާއެކު ބޮލުގައި ކަނާއަތްތިލަ ހިންގާލިއެވެ. ނީރާގެ ފަހަތުން އޭނާ އައެވެ.
"ނީރާ..." ކޮޓަރިއަށް ވަން ގޮތަށް އީހާނު ގޮވާލިއެވެ.
"ވަޓް..." ހަޅޭލަވައިގަތް ފަދައިން ނީރާ ބުނެލިއެވެ.
"ލިސެން ޓު މީ. ކަމް ހިއާ... އިހަށް މިތާ އިށީނދެބަލަ." އީހާނު އެނދު ދައްކާލިއެވެ. ނީރާ އަޑުނީވޭކަމަށް ހަދާ ކޮޅަށް ހުރީއެވެ. އީހާނު އައިސް ނީރާގެ އަތުގައި ހިފިގޮތަށް ގެނެސް އެނދުގައި ބައިންދައިފިއެވެ. އޭނާގެ ކުރިމަތީ ހުރެ އީހާން ވާހަކަދައްކަން ފެށިއެވެ.
"މިރެއިން ފެށިގެން އަހަރެމެން ދެ މީހުންގެ ދިރިއުޅުން މިވަނީ ގުޅިފަ. މީގެ ކުރީން ހިނގާފައި އޮތް އެއްވެސް ކަމެއް މުހިންމެއްމޫން. ހަޔާތަށް އައި މީހުންނެއް ވެސް މުހިންމެއްނޫން... ނީރާ، އައި ލައިކް ޔޫ. މީ ހަމައެކަނި އަހަރެންގެ ނިންމުން އެކަންޏެއްނޫން. ނީރާ ވެސް އެއްބަސްވެގެން މެރީކުރީ." ކުއްލިއަކަށް އީހާނުގެ ވާހަކަ ނީރާ ހުއްޓުވާލިއެވެ.
"ރުހުމުގަ އެއްބަސްވީތަ ނޫނީ މަޖޫބުރުކޮށްގެން އެއްބަސްކުރުވީކީ ނޫންތަ؟ މި ކައިވެނިކުރާކަށް ބޭނުމެއްނޫންކަން ރަނގަޅަށް އެނގޭނެ. އަހަރެން ލޯބިވާ މީހަކު އެބަހުރި. މޮޔަވާ ވަރަށް އޭނާދެކެ އަހަރެން ލޯބިވޭ... ކިހިނެއް މި ދިރިއުޅުން އުޅޭނީ. އޭނާ ނޫން މީހަކާ ގާތް ގުޅުމެއް ބާއްވާކަށް ބޭނުމެއްނޫން. ދުވަހަކުވެސް އީހާނު ތިކުރި ކަންތަކަށް މަޢާފެއް ނުކުރާނަން. އަހަރެން ދުވަހަކުވެސް އީހާނުގެ ލައިފްގެ ކަމަކާ ނުބެހެން، އެއްވެސް ކަމެއްގައި މަޖުބޫރު ކޮށްފައެއް ނޯންނާނެ."
"އަހަރެންދެކެ ލައިކް ނުވަންތަ؟ އަހަންނަށް އެނގޭ ނީރާ އަހަންނަށް ބޭނުންވެފައި ހުންނަކަން." އީހާނު ބުނެލިއެވެ.
"ތި ދައްކަނީ ކޮންއިރެއްގެ ވާހަކަ. މިހާރު އަހަންނަކީ އެ ނީރާއެއްނޫން. އީހާނަށް އަހަރެންގެ އިހްސާސް ތިހާ ރަނގަޅަށް އެނގޭއިރު އެ ދުވަހު އަހަރެން ހޯދަން މަސައްކަތް ކުރިނަމަ. އެކަމަކު އެ ދުވަސް މާޒީވެއްޖެ... އެ އިހްސާސްތައް ފަނޑުވަމުން ގޮސް އެކަމުގެ އަސަރު ވެސް ފިލައިފި. ކައިވެނީގެ ވާހަކަ ދެއްކީ މަންމަކަމެއް ނޫނީ އީހާނުކަމެއް އަހަންނަކަށް ނޭނގެ. އެހެންވިޔަސް އިހާން ތިކުރާ ކަންތައްތަކުން އަހަންނަށް ހާޓްވާކަން އެނގޭތަ. އެއްގޮތަކަށް ވެސް އުފަލެއްނުވާކަން ނޭނގޭތަ. އީހާން ބޭނުންވަނީ މިގޮތަށް ހިތްދަތިކަމުގަ އަހަރެން ދިރިއުޅޭތަން ދުށުމަށްތަ؟. ވައި އާ ޔޫ ޑުއިން ދިސް ޓު މީ. ޔޫ އާ ހާޓިން މީ. އައި ޖަސްޓް ވޯންޓް ޓު ބީ ވިތް ހިމް. އެހެން މީހެއްދެކެ ދުވަހަކު ވެސް ލޯތްބެއް ނުވެވޭނެ." މޫނުގައި ދެއަތް އަޅައި ފޮރުވާލީ ނީރާއަށް ރޮވޭވަރުންނެވެ. ލައިޒަލް ގުޅާފައި އަނގައިން ނުބުނިއިރު އޭނާއަށް ވެސް ބުނާނޭ އެއްޗެއް ނޭނގެއެވެ. އަމިއްލައަށް ގޮތް ނިންމީ ލައިޒަލް އާދޭސްކޮށްކޮށް ހުއްޓައެވެ. ހިތާއި ސިކުނޑި ފުރި ބާރުވަމުން އައީ ލައިޒަލްގެ ހިޔާލުތަކުންނެވެ. މިވަގުތު ނީރާ އެދެނީ ލައިޒަލްގެ ގާތުގައި ވުމަށެވެ.
"ނީރާ..." އީހާނު އައިސް ނީރާގެ ގާތުގައި އިށީނެވެ. ގާތްކޮށްލުމުން ނީރާ ދެކޮޅެއް ނުހެދިއެވެ. ދެއަތުގައި ތެރޭ ނީރާ ހިފަހައްޓާލަމުން ބޮލުގައި އީހާނު ބޮސްދިނެވެ. ނުރޯށޭ ބުންޏެވެ.
"އައި ކާންޓް... އީހާނު ބުންޏަސް އަނތްބަކަށް ނުވެވޭނެ. ޕްލީޒް... ޕްލީޒް ހެލްޕް މީ." އީހާނުގެ މޭގައި މޫނު ޖައްސާލައިގެން ރޮމުން ދިޔަ ނީރާ ވާހަކަދެއްކިއެވެ. އޭނާއަށް އެހީވެވޭނީ އީހާނަށްކަން އެނގޭތީ މަދަދަށް އެދުނީއެވެ. އޭނާގެ ކަރުނައިގެ ތެތްކަން މަޑުމަޑުން އީހާނުގެ ޓީޝާޓު ތެތްމަމުން ދިޔައެވެ. މެޔަށް ފިނިކަން އިހްސާސް ކުރެވެމުންދިޔައިރު އެ ހިތަށް ނީރާގެ ރުއިމުން ހިތްދަތިކަން ލިބެއެވެ. ނަމަވެސް އީހާނުގެ ހިތް ބަދަލެއް ނުވިއެވެ. ނީރާ ދޫކޮށްލުން އެއީ އޭނާ ނުކުރާނޭ ކަމެކެވެ. އެ މިނިވަންކަމެއް ނީރާ ރޮއެ އާދޭސްކުރިޔަސް ނުލިބޭނެއެވެ. އެއަށްވުރެ ނީރާއަށް ބޭނުންވާ ބޭނުންވުމުގެ ޖަޒުބާތު އެ ހިތުގައި ވަރުގަދައެވެ.
* * * * *
އެކުވެރީންގެ ގުރޫޕަށް ނީރާއާއި އީހާނު ކައިވެނި ހަފުލާގައި ތިއްބާ ނެގި ފޮޓޯތައް ލީ އުޝާއެވެ. އެ ފޮޓޯތައް ފެނުމާއެކު ލައިޒަލްގެ ލޯ ފުރުނީ އިހްތިޔާރުން ބޭރުގައެވެ. ނީރާއަށް ގުޅީ ކެތްނުކުރެވިގެންނެވެ. ފޯނުކޯލު ނަގާނޭ ލައިޒަލް ހިޔެއްނުކުރެއެވެ. އަނގައިން ނުބުނީ ނީރާ ހެލޯ ބުނާނޭ ކަމަށެވެ. ނަމަވެސް ނީރާގެ އަޑެއް ނީވުނެވެ. އެހެންވެ ލައިޒަލް ހިމޭންކަން ހިޔާރުކުރީއެވެ. ނީރާ އެއްޗެކޭ ބުނޭތޯ މަޑުކޮށްގެން ހުރީއެވެ. އީހާނުގެ އަޑު ލައިޒަލްއަށް އިވުނު ހިނދުން ކުއްލިއަކަށް ފޯނުކޯލު ވެސް ކެނޑިއްޖެއެވެ. މަންޒަރު ނުފެނުނު ކަމުގައި ވިޔަސް ކަންތައްވީ ގޮތް ލަފާކޮށްލަން ލައިޒަލްއަށް އެނގުނެވެ.
ފޯނު އަތަށް ލައިގެން އޮވެ ނީރާގެ ފޮޓޯތައް ބަލަމުން ދިޔަ ވަރަކަށް ސިކުނޑީގައިވި ހިޔާލުތައް އައީ ގިނަވަމުންނެވެ. އޭނާއަށް ނީރާގެ ފުށުން ފެނިފައި ހުރި އަސަރުތައް މިރޭ އެހެން ފިރިހެނަކަށް ފެންނާނޭ ލައިޒަލްގެ ހިތަށް އަރަމުންދިޔައެވެ. ކެތްކުރަން އެންމެ ދަތިވީ އެ ހިޔާލަށެވެ. އެ ފިރިހެނެއްގެ އަތުގެތެރޭ ނީރާ އޮންނާނެތީއެވެ. އެހެން އަތަކުން އެ ހަށިގަނޑުގައި ބީހޭނެތީއެވެ. އެހެން ތުންފަތަކުން ބޮސްދީ ހަދާއިރު ނީރާ އިޖާބަދޭނޭ ގޮތް ލައިޒަލްގެ ހިތަށް ސިފަކުރެވެނީއެވެ. ފޯނު ދޫކޮށްލުމާއެކު ބޮލުގައި އޭނާއަށް ހިފަހައްޓާލެވުނެވެ. އެނދުން ތެދުވި ގޮތަށް އޭނާ ކޮޓަރިން ނުކުތީއެވެ. މަޑު ހިނގުމުގައި އައިސް އަތިރިމައްޗަށް ފޭބިއެވެ. ދުރަށް ފެތުރިފައި އޮތް ކަނޑާއި އަނދިރީގައި ވިދަމުންދިޔަ ތަރިތަކަށް ބަލަން ހުރެ ހަށިފުރާ ނޭވާއެއް ލައިޒަލް ލިއެވެ. ހިޔާލުތަކުން ސަލާމަތްވާން އޭނާ މަސައްކަތް ކުރިއެވެ. އެހެންނޫނީ އޭނާ މޮޔަވެދާނެއެވެ.
އާ ދުވަހެއްގެ ފެށުން އުދަރެހުން ފާޅުވާން ފެށިއެވެ. ރަތްވެފައި ދެ ލޮލާއި ވަރުބަލިކަމުގެ އަސަރާއެކު ބީޗް ގޮނޑީގައި އޮށޯވެލައިގެން ލައިޒަލް އޮތެވެ. ހަފްތާ ބަންދާ ދިމާކޮށް އެ ދުވަހު ހަވީރު އޭނާގެ އެކުވެރީން އަންނާނޭކަން އެނގެއެވެ. މިއުޒިކު ކުޅެފައި އެނބުރިދާއިރު މިފަހަރު ލައިޒަލް ވެސް މާލެ ދާނެއެވެ. ލައިޒަލްގެ ދިރިއުޅުން ހުއްޓުމަކަށް އަންނަން ބޭނުންވިޔަސް ދުނިޔޭގެ އުސޫލަކަށް އެކަން ނުވެއެވެ. ދިރިހުރިހާ ހިނދަކު ދިރިއުޅުން ދާނީ ކުރިއަށެވެ. ވަގުތު ހުންނާނީ ހިނގަހިނގައެވެ. އެ ވަގުތު ކެތްކުރާން ލައިޒަލްއަށް ދަސްކޮށްދޭނެއެވެ.
* * * * *
ރޭގަނޑު ކެއުން ނިންމާފައި އީހާނާއެކު ނީރާ ނުކުތެވެ. އެމީހުން ރިސޯޓަށް އައީ ހެނދުނުއެވެ. ސުޖާއުވަނީ އޭގެ ދެމަފިރިންނަށް ވޯޓާބަންގްލޯއެއް ހަމަޖައްސައި ދީފައެވެ. ހަފްތާއެއް ވަންދެން އެމީހުން ތިބޭނީ ރިސޯޓުގައެވެ. ރޭވުމާއެކު ތަފާތު ދިރުމެއް ރިސޯޓަށް ވެރިވެފައި ވެއެވެ. އީހާނު އެދުމުން ނީރާ ދާން ބޭނުމެއްނުވިއެވެ. އެހެންވިޔަސް އީހާނު ހިނގައިގަތީ ނީރާގެ އަތުގައި ހިފައިގެންނެވެ. މިއުޒިކު ކުޅެމުންދިޔަ މާލަމަށް ނީރާ ގޮވައިގެން އީހާނު ވަނެވެ. ގެސްޓުން ހުޅުވާލެވިފައި ރިސޯޓުގެ ބާ ހުއްޓެވެ. ތަނުގެ ތެރޭގަ ހޭލަމޭލަވާ މީހުން ގިނައެވެ. އެއްފަރާތުގައި ވަށައިގެން ކަހަލަ ގޮތަކަށް ޖަހާފައި ހުރި މޭޒުތަކުން މޭޒެއް ކައިރީ އީހާނު އިށީނެވެ. ބޭންޑަށް ނީރާގެ ނަޒަރު ހުއްޓުނީ ދެނެވެ. ތަގްދީރުގެ ސަމާސާއަކަށް ނޫނީ އެވަގުތުކޮޅު ނުވެއެވެ. ގިޓާ ހިފަހައްޓާލައިގެން އެހުރީ ލައިޒަލްއެވެ. އޭނާއަށް މާކުރިން ނީރާ ފެނިގެން ބަލަން ހުރި ކަހަލައެވެ. (ނުނިމޭ)