ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޖޭއެސްސީ

ވެކްސިން ނުޖަހާ ފަނޑިޔާރުން ވެސް ޕީސީއާރް ހަދަން ޖެހޭ

Aug 31, 2021

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަ ނުކުރާ ފަނޑިޔާރުން ވެސް ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީ އިން މިއަދު އާންމުކުރި ސާކިއުލާއެއްގައި ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށެގެން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަނޑިޔާރުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ބޭފުޅުން ކޮންމެ ދެ ހަފްތާއަކުން ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ ކަމަށެވެ.

މިގޮތަށް ނިންމާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށެގެން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުން ވަޒީފާތަކަށް ނިކުމެވޭނީ ކޮންމެ 14 ދުވަހަކުން ޕީސީއާރް ޓެސްޓް ހަދައިގެން ކަމަށް އެޗްޕީއޭ އިން ކަނޑައަޅާފައި ވާތީ ކަމަށް ސާކިއުލާގައިވެ އެވެ.

ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށެގެން ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެ އެވެ. އެގޮތުން ވެކްސިން ފުރިހަމަ ނުކުރާ މީހުން ދަތުރުފަތުރުކުރާ އުޅަނދުތަކަށް ނޭރުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ އަންގާފަ އެވެ.

އޮފީސްތަކުގެ މުވައްޒަފުންވެސް އޮފީހަށް ނިކުންނަން ޖެހޭނީ ޕީސީއާރް ހަދާ، ނެގެޓިވް ނަތީޖާއަކާ އެކު އެވެ.

މީގެ އިތުރުން ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސުކޫލްތަކަށް ވެސް ނުވަދެވޭނެ ކަމަށް ވަނީ ނިންމާފަ އެވެ.