މިހިނގާ ދިރާސީ އަހަރަށް ޗާޕުކޮށްފައިވާ ގުރޭޑް އެކެއްގެ ދަރިވަރުންގެ ކްރިއޭޓިވް އާޓްސް ފޮތްތައް ދަރިވަރުން އަތުން ނެގުމަށް އެންގީ މުގައްރަރު ބަދަލުވެފައި ވާތީ ގެނެވުނު އިސްލާހަކާ ގުޅިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގްރޭޑް އެކެއްގެ ދަރިވަރުންނަށް މިހިނގާ ދިރާސީ އަހަރުން ފެށެގެން ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ މުގައްރަރަށް ގެނެވުނު އިސްލާހާ އެއްގޮތަށް ތައްޔާރުކޮށްފައިވާ އާ ފޮތްބަޔަކުން ކަމަށެވެ.
ދަރިވަރުންނަށް އެ މާއްދާ ކިޔަވައިދިނުމަށް ބޭނުންކުރަން ނިންމާފައިވަނީ ޓީޗަރުން ބޭނުންކުރާ ފޮތަކާއި ކުރެހުމުގެ ނަމޫނާ ދެއްކުމުގެ ގޮތުން ކްލާހުގައި ހާއްސަކޮށް ގްރޫޕުތަކުގައި ބޭނުންކުރުމަށް ހާއްސަކޮށްފައިވާ ސައިޒުގެ ގޮތުން ބޮޑު ރެފަރެންސް ފޮތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން ރެފަރެންސް ފޮތްތައް ބޭނުންކުރަން ހަމަޖެހިފައިވަނީ ފަސް ދަރިވަރުންގެ ގްރޫޕްތަކަށް ބަހާލައިގެންނެވެ.
މިނިސްޓްރީން ބުނީ ކްރިއޭޓިވް އާޓްސްއަށް ގްރޭޑް އެކަކަށް ދަރިވަރުންގެ ފޮތެއް ނޯންނާނެ ކަމަށާއި މި މާއްދާ އަކީ އެހެން މާއްދާތަކާއި ހިލާފަށް ފަންނީ ހުނަރު ތަރައްގީ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ މާއްދާއެއް ކަމަށެވެ.