ބޮންޑެ އިބްރާހިމް ރަޝީދު

ބާރު އޮތީ ސަރުކާރަށް ސަނާ ކިޔާ މީހުންގެ އަތުގައި: ބޮންޑޭ

ވެރިކަން ކުރާ އެމްޑީޕީގެ ފުރިހަމަ ބާރު ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެތް ކަމަށާއި ބާރުތައް އޮތީ ސަރުކާރަށް ސަނާ ކިޔާ މަދުބައެއްގެ އަތުގައި ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަަސައްކަތްތެރިންނާ ގުޅޭ އުސޫލުތަކާއި އެކްސްޕެޓް ސިސްޓަމަށް ދިމާވެފައިވާ ދަތިތައް ބަލައި އިގްތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ރަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ބާރުތައް ވަކިބައެެއްގެ އަތުގައި އޮތުމަކީ ޑިމޮކްރަސީއެއްގައި ލަދުހުރިކަމެއް ކަމަށެވެ. އަދި ރާއްޖޭގައި އެތައް ޒަމާނެއް ވަންދެންވެސް އޮތީ އެ އުސޫލު ކަމަށާއި އެގޮތަށް ދެން ވެރިކަން ނުކުރެވޭނެ ކަމަށެވެ.

"....އަޅުގަނޑު މިތަނަށް ގަރާރެއް ލިޔަސް ބަލައެއް ނުގަނޭ. ނެތޭ ރައްޔިތުންގެ ބާރެއް. ރައްޔިތުންގެ ވަކީލުންގެ ވަކި ބައެއްގެ ބާރޭ އޮތީ. އެއީ ސަރުކާރަށް ސަނާ ކިޔާ ސަޖިދަ ޖަހާ ހަމްދު ކިޔާ މީހުންގެ ބާރު އޮތީ." ރަޝީދު ވިދާޅުވި އެވެ.

ރަޝީދު އިތުރަށް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވެސް އޭނާއާ ރަހުމަތްތެރިކަން އޮންނަ ކަމަށާއި ނަމަވެސް އެ ރަހުމަތްތެރިކަމުގެ ބޭނުން ހިފައި ކުޅިވަރު ކުޅެން ޖާގަ ދީގެން ނުވާނެ ކަމަށެވެ. ރައީސް ސޯލިހާ އެކު ކުޅިވަރު ކުޅެގެން ރައްޔިތުންނަށް ދައްކާނެ މޫނެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

"....ތިމާ މެންނަށް ވެރިކަން ލިބުނީމާ ސިދުރަތުލް މުންތަހާއަށް އަރިއިގެން ދެން ރައްޔިތުންނަކީ ނެތް ބައެއް ކަމަަށް ބަލައިގެން އަޅުން ކަަމަށް ބަލައިގެން އަޅުގަނޑުމެން ފުައްދަން ޖެހޭ ވައުދުތައް ނުފުއްދައި މިހިނެއް ނޫޅެވޭނެ." ރަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ރޭ މެންބަރުން އިންތިހާބު ކުރުމަށް ވޯޓު ނެގި ގޮތަށް ވެސް ރަޝީދު މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުގައި ވެރިކަން ކުރި ގޮތަށް މިސަރުކާރުން ވެސް ފަނޑިޔާރުން ލައިގެން ކުރިން އެކުރި ގޮތަށް ދެނެއް ވެރިކަމެއް ނުކުރެވޭނެ ކަމަށެވެ.