ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެއްކެވި ވާހަކަތަކަށް ކްރިމިނަލް ކޯޓުން ރައްދު ދީފި އެވެ.
ޔާމީންގެ މަރުގެ މައްސަލައާއި ގުޅޭ ގޮތުން ޕީޖީ ޝަމީމް ވާހަކަ ދައްކާފައިވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގަ އެވެ.
ޕީޖީ ދެއްކެވި ވާހަކަތަކާއި ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަ ދެ ދުވަސް ތެރޭގައި ނިންމައި ހުކުމް ކުރެވޭނެ ކަމަށް ޕީޖީ ޝަމީމް ޖުޑިޝަރީ ކޮމެޓީގައި ވިދާޅުވީ ނަމަވެސް ކޯޓުން ޝަރީއަތްތައް ހިންގަން ޖެހެނީ ގާނޫނުގައި ބުނާ އިޖްރައާތުތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުންތައް އަވަސްކޮށްދިނުމަށް އެދި މަރު ކޮމިޝަނުން ފޮނުވާފައިވާ ސިޓީއަކާއި އެކު ކްރިމިނަލް ކޯޓަށް ސިޓީއެއް ހުށަހަޅާފައިވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައިވެ އެވެ. ނަމަވެސް މަރު ކޮމިޝަންގެ ސިޓީއަކާއެކު އެފަދަ އެއްވެސް ސިޓީއެއް ލިބިފައި ނުވާ ކަމަށް ކޯޓުގެ ބަޔާނުގައިވެ އެވެ. އަދި މައްސަލަ އަވަސްކޮށްދޭން ޕީޖީ އޮފީހުން ތަކުރާރުކޮށް ކޯޓަށް ސިޓީ ފޮނުވި ކަމަށް ޕީޖީ ވިދާޅުވި ކަމަށާއި ނަމަވެސް ޕީޖީ އޮފީހުން ކޯޓަށް ސިޓީ ހުށަހަޅާފައި ވަނީ ދެ ފަހަރު ކަމަށްވެސް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނީ މައްސަލަ ކުރިއަށް ގެންދިއުމަށް ހާއްސަ ތާވަލެއް ކޯޓުން އެކުލަވާލައިފައި ނުވާ ކަމަށް ޕީޖީ ވިދާޅުވި ނަމަވެސް އެ މައްސަލާގައި މި މަހުގެ 17 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ކުރިއަށްދާނެ ގޮތުގެ ތާވަލެއް އެކުލަވާލައިފައި ވާނެ ކަމަށެވެ.
މީގެ އިތުރުން ޔާމީންގެ މަރުގެ މައްސަލައިގެ ޝަރީއަތް ނުބޭއްވި ގިނަ ދުވަސްވެފައިވަނީ ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުން ބޭއްވި ދުވަހުވެސް ކޮވިޑްގެ ސަބަބުން ކޯޓަށް މީހުން ހާޒިރުކުރަން ދަތިތަކެއްް ހުރިކަން ފާހަގަކޮށްފައި ވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އެންމެފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި މިހާރު މި މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވަނީ މައްސަލަ ކުރިއަށް ގެންދާނެ ޝެޑިއުލެއް ކަނޑައަޅާފަ އެވެ. އެގޮތުން އަންނަ މަހުގެ 16 ވަނަ ދުވަހު ދިފާއީ ހެކިންނާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އަޑުއެހުމެއް ވަނީ ތާވަލްކޮށްފަ އެވެ. އަދި އޭގެ ފަހުގައި ގާޒީ ވިދާޅުވީ ޑިސެމްބަރު 18 ވަނަ ދުވަހުގެ ކުރިން ދައުވާ ލިބޭ މީހުންނަށް ހުކުމް ކުރާނެ ކަމަށެވެ.
އަންނަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ވާރިސުންގެ ބަސް ނެގުމަށް އަޑުއެހުމެއް ތާވަލްކޮށްފައިވާއިރު ނޮވެމްބަރު 18 ވަނަ ދުވަހު މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ވެސް ގާޒީ ވަނީ ނިންމަވާފަ އެވެ. ހުލާސާ ބަޔާނަށްފަހު ދެން އޮންނާނީ ހުކުމް އިއްވުމެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް، އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.