ރައްޔިތުންގެ މަޖިލިސް

ކޮމިޓީތަކަށް ބާރުބޮޑުވެ މަޖިލިސް ޖަލްސާ ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތަކަށް ބާރުބޮޑުވެ މާދަމާ ބާއްވަން އޮތް މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ޖަލްސާ ނިންމަވާލައްވަމުން ވިދާޅުވީ ކޮމިޓީތަކުގައި ދިރާސާކުރަން ހުރި ބިލްތައް ވަރަށް ގިނަ ކަމަށާއި އެހެންކަމުން މާދަމާ މަޖިލީހުގެ ތަޅުމުގައި ޖަލްސާ ނުބާއްވާނެ ކަމަށެވެ.

އެހެންވެ ހުރިހާ މެމްބަރުންނާއި ކޮމިޓީތަކުގެ މުގައްރިރުންވެސް މާދަމާ ކޮމިޓީތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވެ މަސައްކަތްތަކުގައި ޝާމިލުވުމަށް އަފީފް އެދިވަޑައިގެންނެވި އެވެ.

ކޮމިޓީތަކުގެ މަސައްކަތްތަކަށް ބާރުބޮޑުވި އިރު ސަރުކާރުން މަޖިލީހަށް ބިލުތައް ނުފޮނުވާތީ މަޖިލީހުގެ ތަޅުމުގައި ކުރާނެ މާބޮޑު މަސައްކަތެއް ނެތް ކަމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވިދާޅުވެފައިވެ އެވެ. އަދި ބިލުތައް އަވަހަށް މަޖިލީހަށް ފޮނުއްވުމަށް ސަރުކާރަށް އިލްތިމާސް ވެސް ކުރެއްވި އެވެ.

އޭގެ ފަހުން ދެ ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވެ އެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލަކާއި އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު ހިމެނެ އެވެ.

މަޖިލީހުގެ މި ދައުރަށް 32 ބިލެއް ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފަ އެވެ.