ރައްޔިތުންގެ މަޖިލިސް

ކޯރަމް ހަމަނުވެގެން ޖަލްސާ ކުރިއަކަށް ނުދިޔަ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޯރަމް ހަމަނުވުމުން ޖަލްސާ ނުފެށި ފަސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ މަޖިލީހަށް ވަޑައިގެން ތިއްބެވީ 10 މެންބަރުން ކަމަށެވެ.

ހަސަން އަފީފު ވިދާޅުވީ ކޯރަމް ހަމަވޭތޯ ބެލުމަށްފަހު 9:30ގައި ޖަލްސާ ކުރިއަށް ގެންދާނެ ކަމަށެވެ. 9:30 ގައި ކޯރަމް ހަމަނުވާނަމަ މިއަދު ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ހަސަން އަފީފު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގެންފައިވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އެވެ.

މަޖިލީހުގައި މިއަދަށް ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރާ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ އާއި ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.

ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ނުފެށިވާއިރު ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކޯރަމް ހަަމަނުވުމުން ކުރިއަށް ނުގެންދެވުނެވެ.