ސިވިލްކޯޓްގެ ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން މ. އަތަމާޕްލާޒާ ގަންނާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައިވާތީ އެ ގެ ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ގެ ބެލުމުގެ ފުރުސަތު ދިނުމަށް އަންގާ ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.
ސިވިލްކޯޓްގެ ގާޒީ މަރިޔަމް ވަހީދާ ސޮއިކުރައްވާ މިއަދު ނެރުއްވި އަމުރުގައި ބުނެފައިވަނީ މ. އަތަމާޕްލާޒާ ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ގެ ބެލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ސެޕްޓެންބަރު ފަސްވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ 1:30 އިން 5:30 ގެ ނިޔަލަށް މ. އަތަމާޕްލާޒާ ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ގެ ބެލުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެ ގޭގެ ވެރިފަރާތް ކަމަށްވާ އިސްމާއީލް އަބްދުލްލަތީފުގެ މައްޗަށް އަންގާ އަމުރުކުރާ ކަމަށެވެ.
އަދި މ. އަތަމާޕްލާޒާ ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ގެ ބެލުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އިސްމާއީލް އަބްދުލްލަތީފަށް އެއްވެސް ދަތިކަމެއް ދިމާވެ ތަން ހުޅުވައި ދެއްކުމުގައި ދިވެހި ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ އެ ތަންތަން ހުޅުވައި ތަން ބެލުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
މ. އަތަމާޕްލާޒާ ވިއްކާލަން އިއުލާނުކޮށްފައިވަނީ އިސްމާއީލް އަބްދުލްލަތީފުގެ ދަރަނީގެ މައްސަލަތަކެއްގައެވެ. އެ ގެ ވިއްކާލަން އިއުލާނުކޮށްފައިވާއިރު މިއީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ބައްލަވައިގެންފައިވާ ގެއެކެވެ. ނަމަވެސް އެ ގޭގެ ރަޖިސްޓްރީގެ ކަންކަން އޮތީ ނުނިންމަވައެވެ. ޖާބިރު ދިރިއުޅުއްވަނީވެސް އެ ގޭގައެވެ.
އެނގިފައިވާ ގޮތުގައި ކޯޓް އަމުރާއެކު މ. އަތަމާޕްލާޒާ މިހާރު ވަނީ ހުސްކޮށްފައެވެ.