އަބްދުﷲ ޖާބިރު

އަތަމާޕްލާޒާ ވިއްކުމުގައި ވަނީ މަކަރު ހަދާފައި: ޖާބިރު

މ. އަތަމާޕްލާޒާ ވިއްކުމުގައި އެގޭގެ ވެރި މީހާ އިސްމާއީލް އަބްދުލްލަތީފް މަކަރާއި ހީލަތް ހަދާފައިވާ މައްސަލަ ބަލައި ދިނުމަށް އެދި އެގެ ބައްލަވައިގެން ވިޔަފާރިވެރިޔާ އަދި މަޖިލީސް މެންބަރު އަބްދުﷲ ޖާބިރު ފުލުހަށް މައްސަލަ ހުށައަޅައިފި އެވެ.

ސިވިލްކޯޓްގެ ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން މ. އަތަމާޕްލާޒާ ގަންނާނެ ފަރާތެއް ހޯދަން އިއުލާނު އެ ގެ ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ގެ ބެލުމުގެ ފުރުސަތު ދިނުމަށް އަންގާ ސިވިލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ. އެ އަމުރު ނެރެފައިވަނީ އެ ގެ ޖާބިރު ބައްލަވައިގެންފައިވަނިކޮށެވެ. ނަމަވެސް ރަޖިސްޓްރޭޝަންގެ ކަންކަން އޮތީ ނުނިމިއެވެ.

އެކަން ހިނގާފައިވާ ގޮތް ސާފުކޮށް ދިނުމުގެ ގޮތުން ޖާބިރު ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ވިދާޅުވެފައިވަނީ އަތަމާޕްލާގެ ވެރި ފަރާތް ކަމަށްވާ އިސްމާއީލް އަބްދުލްލަތީފް އެ ގޯއްޗާއި އެ ބިމުގައި 10 ބުރިއަށް ހަދާފައިވާ އިމާރާތް އެސްބީއައިގައި ރަހުނުކޮށް ނަގާފައިވާ ލޯނު އޭނާއަށް އަދާނުކުރެވިގެން އެ ރަހުނު ބެންކުން ވިއްކާލާ ހިސާބަށް ގޮސްފައިވާތީ އަދި އިސްމާއީލް ހިންގަމުން އައި ހައްޖު ގުރޫޕުން ހައްޖުވެރިންނަށް ޓިކެޓް ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އެ ގެއާއި އިމާރާތުގެ މައްޗަށް އޮތް ރަހުނު އަދާކޮށް އެ ބިމާއި އެ ބިމުގައިވާ އިމާރާތް ގަތުމަށް އެދުމުން އޮކްޓޫބަރު 28، 2010 ގައި އެ ގެ 14 މިލިއަން ރުފިޔާއަށް ބައްލަވައިގެންފައިވާ ކަމަށެވެ.

އަދި އެ ދުވަހުން ފެށިގެން މިދިޔަ 11 އަހަރު ދުވަހު އެ ގޭގައި ދިރިއުޅެމުން އައީ ޖާބިރުގެ އާއިލާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ޖާބިރު ވިދާޅުވީ މ. އަތަމާޕްލާޒާ ގަނެ، ބެންކަށް ދައްކަން ޖެހޭ 4،873،105 ރުފިޔާ ބެންކަށް އަދާކޮށް ދިނުމާއި އިސްމާއީލް އަބްދުލްލަތީފަށް ދޭން ޖެހުނު 9،626،895 ރުފިޔާގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރި ވަގުތު 2،500،000 ރުފިޔާ އޭނާއަށް ދީ އަދި ބާކީން ދޭން ޖެހޭ 6،626،895 ރުފިޔާވެސް އަދާކޮށްފައިވާ ކަމަށެވެ.

އެ ފައިސާ އަދާކުރުމުން މ. އަތަމާޕްލާޒާގެ ރަޖިސްޓްރީ އޭނާއަށް ބެންކުން ދީފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

އަދި ޝަރީއަތް މެދުވެރިކޮށް މ. އަތަމާޕްލާޒާގެ މިލްކުވެރިކަން ބަދަލުކުރަން އިސްމާއީލް އަބްދުލްލަތީފް އިސްވެ ހުށައެޅުމުން އޭނާގެ މައްޗަށް އެވަގުތު ސާބިތުވެފައިވާ ދަރަނިތަކެއް ހުރުމުން އެ ދަރަނިތައް ހަލާސްކޮށް ނުނިމެނީސް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމުން ޝަރީއަތަށް ހުށައެޅި ބިން ވިއްކުމުގެ މައްސަލަ އަނބުރާ ނަގަން ބޭނުންވާ ކަމަށް ބުނެ އިސްމާއީލް އަބްދުލްލަތީފް ސިވިލް ކޯޓަށް ސިޓީ ފޮނުވުމުން މައްސަލައިގެ ދައުވާ ފޯމް ބާތިލުކޮށްފައިވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ އެކަން އެގޮތަށް ކުރުމަކީ އިސްމާއީލް އަބްދުލްލަތީފް ހިންގާފައިވާ ހީލަތުގެ އަމަލެއްކަން މިހާރު އެނގި ސާބިތުވެފައިވާ ކަމަށެވެ. އެހެން ކަމުން އެކަން ތަހުގީގުކޮށް އޭނާގެ މައްޗަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައިދިނުމަށް އެދޭ ކަމަށެވެ.