ބޮލީވުޑް

އިންޑިއާ ދޫކޮށްފައި ނުދާނަން: އާމިރް ޚާން

Nov 26, 2015

އިންޑިއާގައި ނަސްލީ ތަފާތުކުރުންތަކާއި ވަކި ފަރާތަކަށް ޖެހުން ކެތްނުވާވަރަށް މައްޗަށް ގޮސްފައިވާ ކަމަށް ބުނެ ހޯމަ ދުވަހު އާމިރް ޚާން ދައްކާފައިވާ ވާހަކަތަކަށް އެގައުމުގެ ވެރިކަން ކުރާ ބީޖޭޕީ ޕާޓިން އިންތިހާއަށް ފަޑުކިޔައި ރައްދު ދީފައިވާއިރު އިދިކޮޅު ކޮންގްރެސް ޕާޓީން އަންނަނީ އާމިރަށް ތާއީދުކުރަމުންނެވެ.

މީގެއިތުރުން ވެސް އާންމު ފަރާތްތަކުންނާއި ބޮލީވުޑްގެ ވެސް ބައެއް ފަރާތްތަކުގެ ބަހުގެ ހޫނު ހަމަލާތައް އާމިރަށް އަމާޒުވެފައިވާއިރު، އެންމެފަހުން އާމިރް ވަނީ މިވާހަކަތަކާއި ގުޅިގެން ބަޔާނެއް ނެރެފަ އެވެ.

އެބަޔާނުގައި އާމިރް ވަނީ އޭނާ އަދިވެސް ހުރީ އޭނާ ދެއްކި ވާހަކަތަކުގެ މަތީގައި ކަމަށާއި ބައެއްގެ ބަހުގެ ހަމަލާތަކަށް ބިރުން އެވާހަކަތައް އޭނާ ބަދަލުނުކުރާނެ ކަމަށެވެ. އަދި މީހުން ކިތަންމެ ފާޑެއް ކިޔަސް އޭނާ އާއި އަންހެނުން ކިރަން ރާއޯ ގައުމު ދޫކޮށް ދިއުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށްވެސް ބުނެފަ އެވެ.

"އިންޑިއާ އަކީ އަހަރެންގެ ގައުމު. އިންޑިއާ ދެކެ އަހަރެން ލޯބިވޭ. އިންޑިއާއަށް އަހަރެން އުފަންވުމަކީ ލިބިފައިވާ ބޮޑު ނަސީބެއް. ކުރިއަށް އޮތް ތަނުގައި ވެސް އަހަރެން އުޅޭނީ މިތާ" އާމިރްގެ ބަޔާނުގައިވެ އެވެ.

އިތުަރަށް އެބަޔާނުގައި އާމިރް ވަނީ އޭނާ ފާޅުކުރި ޝުއޫރާ ބައެއް ފަރާތްތަކުން ދެކޮޅު ހަދަމުން އަންނާތީ އެކަމުން އެނގެނީ އޭނާ ދެއްކި ވާހަކަތައް އިތުރަށް ސާބިތުވުން ކަމެވެ.

ކެތް ނުކުރެވޭ ވަރަށް ގަައުމު ހާލަތު ގޯސްވެފައިވާ ކަމަށް ބުނެ އާމިރް ހޯމަ ދުވަހު ވާހަކަދައްކަމުން ވަނީ ގައުމު ދޫކޮށް އެހެންތަނަކަށް ދިއުމަށް އަންހެނުން ލަފާދީފައިވާ ކަމަށާއި މިއީ އޭނާގެ އަންހެނުން އެފަދަ ވާހަކައެއް ދެއްކި ފުރަތަމަ ފަހަރު ކަމުން، މިއީ ވަރަށް ބޮޑު އަދި އެހާމެ ގެއްލުން ހުރި ވާހަކައެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އިންޑިއާގައި ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ސަރުކާރުން "އިންކްރެޑިބަލް އިންޑިއާ"ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަން ބްރޭންޑް އެމްބެސެޑަރަކީ އާމިރް އެވެ.

އިންޑިއާގައި މުސްލިމުންނަށް ކުރިމަތިވެފައިވާ ނުރައްކަލާ ބެހޭގޮތުން އާމިރްގެ އިތުރުން މިމަހުގެ ކުރީކޮޅު ޝާހްރުކް ޚާން ވާހަކަދެއްކުމުން އާންމުންނާއި ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުމާއި ނުރުހުން ވަނީ ޝާހްރުކަށް އަމާޒުކޮށްފަ އެވެ.

ބުނެވޭގޮތުގައި އާމިރް އަކީ އިދިކޮޅު ޕާޓީ ކޮންގްރެސް އަށް ސަޕޯޓްކުރާ މީހެކެވެ. އަދި އާމިރްގެ ވާހަކަތަކަށް އެޕާޓީން ތާއިދުކޮށްފައިވާއިރު، ޕާޓީގެ ވައިސް ޕްރެޒިޑެންޓް ރާހުލް ގާންދީ ކުރި ޓްވީޓެއްގައި ވަނީ މޯދީގެ ސަރުކާރުން ރައްޔިތުންނާއި ބައްދަލުކޮށް އެމީހުން ހިތްހަމަނުޖެހޭ ކަންތައްތަކުގެ ސަބަބު ހޯދައި އޮޅުން ފިލުވަން ޖެހޭ ކަމަށް ބުނެފަ އެވެ.

އާމިރްގެ ވާހަތަކަކާއި މެދު ހިތްހަމަނުޖެހިގެން އާންމުން ސޯޝަލް މީޑިއާގައި ކެކިގަތްއިރު، ބައެއް ފަރާތްތަކުން ވަނީ އާމިރްގެ ގޭގެ ބޭރުގައި އަޑުވެސް އުފުލާފަ އެވެ. އަދި ކުރު ފިލްމު އުފައްދާ އުލްހާސް ޕީއާރް އާމިރާއި ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހަޅާފައިވާއިރު ޓްވިޓާގައި ބައެއް ފަރާތްތަކުން އަންނަނީ ގައުމާއި ދެކޮޅު ފަރާތެއް އެމްބެސެޑަރުކަން ކުރާ އޮންލައިން ވިޔަފާރި އެޕް "ސްނެޕް ޑީލް" އަންއިންސްޓޯލްކޮށް ވިޔަފާރިކުރުން ހުއްޓާލުމަށް ވެސް ގޮވާލަމުންނެވެ.