އެމްއެމްޕީއާރްސީ

ރާއްޖެ އިޝްތިހާރު ކުރަން ރަޝިއާގައި ހާއްސަ ކެމްޕޭނެއް

Sep 1, 2021

ރާއްޖެ އިޝްތިހާރު ކުރުމަށް ރަޝިއާގެ ޓުއަ އޮޕަރޭޓަރ، ޓެޒް ޓުއާސްއާ އެކު ކެމްޕޭނެއް ފަށައިފި އެވެ.

ޓެޒް ޓުއާސް އަކީ ރަޝިއާގެ ޓުއާ އޮޕަރޭޓަރުންގެ ތެރެއިން އެންމެ ފާހަގަކުރެވޭ އޮޕަރޭޓަރުންގެ ތެރޭގައި ހިމެނެ ބައެކެވެ.

އެމްއެމްޕީއާރްސީއާއި ޓެޒް ޓުއާސް ގުޅިގެން ފަށާފައިވާ ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިމަހުގެ ނިޔަލަށެވެ.

ޓީވީ، ރޭޑިއޯ، ސޯޝަލް މީޑިއާ، ބްލޮގް އަދި ވެބިނާތައް މެދުވެރިކޮށް މި ކެމްޕޭން ކުރިއަށް ގެންދަނީ ރަޝިއާގެ ފަތުރުވެރިންނާއި އެ ދާއިރާގައި ހަރަކާތްތަރިވާ ފަރާތްތަކަށް އަމާޒުކޮށްގެންނެވެ.

އެމްއެމްޕީއާރްސީން ބުނީ މި ކެމްޕޭން ނިމޭއިރު ރަޝިޔާގެ 15 މިލިއަން މީހުންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ މައުލޫމާތުތައް ލިބިގެންދާނެ ކަމަށެވެ.

މި ކެމްޕޭންގައި ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ މައުލޫމާތު ހިއްސާކުރުމާއި، ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތް ބުނެދިނުމާއި ސަގާފަތާއި އާސާރީ ތަރިކަ ތަކުގެ މައުލޫމާތު ވެސް ހިއްސާކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.

އެމްއެމްޕީއާރްސީން ބުނީ ކެމްޕޭނާ ގުޅިގެން ކުރިއަށް އޮތް ޕީކް ސީޒަންގައި ރަޝިއާއިން ރާއްޖެއަށް ޒިޔާރާތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށެވެ.

ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ ގައުމުގެ ގޮތުގައި ވެސް މިވަގުތު އޮތީ ރަޝިއާ އެވެ. މިދިޔަ އޯގަސްޓް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާ އިން ވަނީ 154،380 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރާތްކޮށްފަ އެވެ.