ވިޒިޓް މޯލްޑިވްސް

ވިޒިޓް މޯލްޑިވްސް އިން ރަޝިއާގައި ރޯޑް ޝޯއެއް

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ގޮތުން ރަޝިއާގެ ހަތަރު ސިޓީއެއްގައި ވިޒިޓް މޯލްޑިވްސް އިން ރޯޑް ޝޯ އެއް ފަށައިފި އެވެ.

ރަޝިއާގެ އެކި ސިޓީތަކުގައި ޓެރެވަލް ޓްރޭޑަށް ހާއްސަކޮށްގެން ވިޒިޓް މޯލްޑިވްސް އިން މި ރޯޑް ޝޯ ފަށައިފައިވަނީ އިއްޔެ އެވެ. މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ މި ރޯޑް ޝޯ ކުރިއަށް ދާނީ ރަޝިއާގެ މޮސްކީ، ކާޒާން، އެކަޓެރިންބާގް އަދި ސެން ޕީޓަރަސްބާރް ގައެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ، މި ރޯޑް ޝޯ ކުރިއަށް ގެންދަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 20 ކުންފުންޏަކާއި އެކީ ކަމަށެވެ.

މި އިވެންޓަށް ޒިޔާރަތްކުރާ ޓްރޭޑްގެ ފަރާތްތައް އިތުރުކުރުމުގެ ގޮތުން ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ. އިވެންޓް ކުރިއަށްގެންދާ ހަތަރު ސިޓީއިން ވެސް ނަސީބުވެރިން ހޮވާނެ ކަމަށް ބުންޏެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާ އިންނެވެ. މިއަހަރުގެ މިހާތަނަށް ރަޝިއާ އިން 40،698 ފަތުރުވެރިން އައިސްފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ފާހަގަކުރި އެވެ.