އިނގިރޭސި ޗެމްޕިއަން ޗެލްސީގެ ކޯޗުކަމަކީ އުއްމީދީ ވަޒީފާއެއް ކަމަށް އެ ޓީމުގެ ކުރީގެ ފޯވަޑް ޑިޑިއޭ ޑްރޮގްބާ ބުނެފި އެވެ.
ކެނެޑާ ލީގުގައި ކުޅެމުން އަންނަ އުމުރުން 37 އަހަރުގެ ޑްރޮގްބާ އަކީ ޗެލްސީ އަށް ދެ ފަހަރެއްގެ މަތީން ކުޅެ 164 ގޯލު ޖަހާދީފައިވާ ފޯވަޑެކެވެ.
"އަހަރެން ބޭނުން ކުލަބަށް އެނބުރި އަންނަން. ޗެލްސީ އަކީ އަހަރެންގެ ކެރިއަރުގައި އަހަންނަށް ވަރަށް ބޮޑަށް އެހީތެރިކަން ދިން ކުލަބެއް. އަހަންނާއި ކުލަބާ ދެމެދު އެބައޮތް އެއްބަސްވެވިފައި ކުޅުންހުއްޓާލުމަށްފަހު އެނބުރި ޗެލްސީ އަށްދާން. ކޯޗުކަން ނުކުރެވެންވީ ކީއްވެ؟ ސްޕޯޓްސް ޑިރެކްޓަރުކަން ވެސް ކުރެވިދާނެ. އެކަޑަމީގެ ޓްރޭނަރުކަން ނުވަތަ ފޯވަޑުންނަށް ލަފާދޭ މީހެއްގެ ރޯލު ވެސް އަދާކުރެވިދާނެ އެއްނު،" ޑްރޮގްބާ ބުންޏެވެ.
އައިވަރީކޯސްޓްގެ ކުރީގެ ކެޕްޓަން ވަނީ ޗެލްސީގައި ޕްރެމިއާ ލީގު ހަތަރު ފަހަރު އެއްފަހަރު ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.
އޭނާ އެނބުރި ޗެލްސީ އަށް އައުމަށް މިހާރުގެ ކޯޗު ހޯސޭ މޮރީނިއޯ މިހާރު ވެސް ވަނީ ފެހިސިގްނަލްދީފަ އެވެ. މޮރީނިއޯ ބުނީ ޗެލްސީން ޑްރޮގްބާގެ ހިދުމަތްހޯދާނަމަ އެއީ ޔަގީނުން ވެސް ކުލަބުގެ ވެރިޔާ ރޯމަން އަބްރޮމޮވިޗް ޑްރޮގްބާއަކީ ރަނގަޅު މީހެއް ކަމަށް ގަބޫލުކުރާތީވެ ކުރާނެ ކަމެއް ކަމަށެވެ. އަދި ޑްރޮގްބާ ފަދަ ކުޅުންތެރިންނަކީ ފެންވަރު ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިންނަށްވުމުން ޗެލްސީ އަށް އެމީހުންގެ ބޭނުން ހިފޭނެ ވަރަށް ގިނަގޮތްތައް ހުންނާނެ ކަމަށެވެ.
މޮރީނިއޯ އަކީ 2004 ވަނަ އަހަރު ޑްރޮގްބާ ޗެލްސީ އަށް ގެނައި ކޯޗެވެ. އަދި އޭނާ އެކުލަބާ ވަކިވިފަހުން، ލޯނު އެއްބަސްވުމެއްގެ ދަށުން ދެ ވަނަ ފަހަރަށް ޑްރޮގްބާ ޗެލްސީ އަށް ގެނައީ ވެސް މޮރީނިއޯ އެވެ. މިއީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ.