ލައިފްސްޓައިލް

ޑޮލްޗީ އެންޑް ގަބާނާ ފެޝަން ޝޯއަށް ގަނޑުފެނުގެ ތޫފާނެއް

އިޓަލީގެ ވެނީސްގައި ކުރިޔަށް ދިޔަ ޑޮލްޗީ ގަބާނާ ފެޝަން ޝޯއަކަށް ގަނޑުފެނުގެ ތޫފާނެއް ކުރިމަތިވެ އެންމެންތައް ބިރުން ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް އިންޓަނެޓުގައި އާންމުވެއްޖެ އެވެ.

އެންމެ މަޖާ ކަމަކީ ޝޯ ބަލަން ތިބި ސެލެބްރިޓީންނާއި ޑިޒައިނަރުން އަދި ޝޯ ޕްރޮމޯޓްކުރާ މީހުން ބިރުން ފިލަން ދުވިއިރު ރޭމްޕްގައި ހިނގަމުންދިޔަ މޮޑެލުން ހަމަޖެހިލާފައި ރޭމްޕްގައި ހިނގަމުން ދިޔައިމަ އެވެ.

އިޓަލީގެ ފެޝަން ހައުސް ޑޮލްޗީ އެންޑް ގަބާނާ އިން ލައިވް އޯޑިއަންސަކާ އެކު މި ފެޝަން ޝޯ އިންތިޒާމް ކުރީ އެތަނުން ތައްޔާރުކުރި އެންމެ ފަހުގެ ޑިޒައިންތަކުގެ ކަލެކްޝަނެއް ތައާރަފް ކުރުމުގެ ގޮތުން މިދިޔަ ހޯމަ ދުވަހު އެވެ.

އިނގިރޭސި ވިލާތުގެ އިންޑިޕެންޑެންޓް ނޫހުން ބުނެފައިވާ ގޮތުގައި މި ފެޝަން ޝޯގައި ދުނިޔޭގެ ނަން މަޝްހޫރު ފަންނާނުންގެ ތެރޭގައި ހިމެނޭ ހެލަން މިރަން، ކޯޓްނީ ކާޑޭޝިއަން އަދި ޑޯޖާ ކެޓް ފަދަ މީހުން ބައިވެރިވި އެވެ.

ސެން މާކް ސްކުއާގައި އޮތް މި އިވެންޓު ކުރިއަށް ދަނިކޮށް ކުއްލިއަކަށް ގަނޑުފެނުގެ ވާރޭ ވެހެން ފެށުމުން ހަދާނެ ގޮތެއް ނޭނގި އެންމެންތައް ރައްކާތެރި ތަންތަނަށް ވަދެ ފިލަން މަޖްބޫރުވީ އެވެ. ބައެއް މީހުން އެ ވަގުތު ވެސް ކުޑަ ނަގައިގެން ގަނޑުފެން ބޯޅަތަކުން ސަލާމަތްވާން މަސައްކަތް ކުރިއިރު އަނެއް ބަޔަކު އެތާ ޖަހާފައި ހުރި ގޮނޑިތަކުގެ ކުޝަން ސީޓުތަކާއި ކޯޓުތައް ވެސް ސަލާމަތްވާން ބޮލަށް ދިއްކުރި އެވެ. މި ހާދިސާ ހިނގީ މިދިޔަ ހޯމަ ދުވަހު އެވެ.

ނަމަވެސް މި ފެޝަން ޝޯގައި ބައިވެރިވި މޮޑެލުން އެމީހުންގެ ޕްރޮފެޝަނަލްކަން ދައްކާފައިވާތީ ގިނަ ބަޔަކު ވަނީ އެމީހުންނަށް ތައުރީފުކޮށްފަ އެވެ. ގަނޑުފެނުގެ ވާރޭ ވެހެމުން ދިޔައިރުވެސް އެމީހުންނަށް އެކަން އެނގޭ ކަމަށް ވެސް ނަހަދާ ރޭމްޕްގައި ހިނގާފައި ވާތީ އެވެ.

ސޯޝަލް މީޑިއާގައި މި ވީޑީއޯ އާންމުވުމުން ގިނަ ބަޔަކު ވަނީ ހަޅޭއްލަވަމުން ފިލަން ދުވި ސެލެބްރިޓީންނަށް ވަރަށް މަލާމާތްކޮށް ރޭމްޕްގައި ހިނގި މޮޑެލުންނަށް ތައުރީފުކޮށްފަ އެވެ.