އަންނަ އާދިއްތަ ދުވަހުގެރޭ ދައްކަން ހަމަޖެހިފައިވާ "ދަ ކަޕިލް ޝަރުމާ ޝޯ"ގައި ޚާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވެފައިވަނީ ކުރީގެ މަޝްހޫރު ބަތަލާ ނީތޫ ސިންގް އާއި އޭނާގެ އަންހެންދަރިފުޅު ރިދިމާ ކަޕޫރު ސަހާނޭ އެވެ.
މި ޝޯގައި ބައިވެރިވެ ރިދިމާ ވަނީ އޭނާގެ ކޮއްކޮ އަދި މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރުގެ ވަރަށް ގިނަ ސިއްރުތައް ފަޅާ އަރުވާލާފަ އެވެ.
ރިދިމާ ބުނި ގޮތުގައި އޭނާ ލަންޑަނަށް ކިޔަވަން ގޮސް ހުރިއިރު ކޮއްކޮ ރަންބީރު ވަނީ އޭނާގެ ކައިރީ އަހާވެސް ނުލާ އޭނާގެ ހެދުންތައް ލޯބިވެރިންނަށް ހަދިޔާ ކޮށްފަ އެވެ.
"ލަންޑަންގައި ކިޔަވަން ހުރެފައި އަހަރެން ޗުއްޓީގައި އަންނަ ފަހަރު ފަހަރު އަހަރެންގެ ބައެއް އެކުވެރިން ގެއަށް އަންނާނެ. އެގޮތަށް އެއް ފަހަރަކު އެކުވެރިޔަކު އައިއިރު ލައިގެން ހުރީ އަހަރެންގެ ހެދުމެއްހެން ހީވެގެން އަހަރެން އޭނާ އާ ސުވާލުކުރުމުން ބުނި ރަންބީރު ހަދިޔާއަކަށް ދިން ހެދުމެކޭ އެއީ. ދެން އަހަންނަށް އެނގުނީ އޭނާގެ އަތުން ފައިސާ ޚަރަދުނުކޮށް މަގޭ ހެދުންތައް ކޮއްކޮ ބަހަނީކަން،" ރިދިމާ ބުންޏެވެ.
ރިދިމާ ބުނި ގޮތުގައި އޭނާ ރަށުގައި ނެތް ދުވަސްތަކުގައި ރަންބީރު ވަނީ އޭނާ ގެންގުޅޭ ވަރަށް ގިނަ ތަކެތި ލޯބިވެރިންނަށް ބަހާފަ އެވެ.
ރަންބީރުގެ ދިފާއުގައި އޭނާގެ މަންމަ ނީތޫ ވަނީ ވާހަކަ ދައްކާފަ އެވެ. ނީތޫ ބުނީ އޭނާގެ ދަރިންނަށް މާގިނައިން ފައިސާ ނުދޭ ކަމަށާއި ދެނީ އެކުދިންގެ ޕޮކެޓް މަނީ އަށް ކުޑަ ފައިސާކޮޅެއް ކަމަށެވެ. ދައްތަގެ ހެދުންތަކާ އެއްޗެތި ރަންބީރު ލޯބިވެރިންނަށް ހަދިޔާ ކުރަނީ އެ ކުދިންނަށް ހަދިޔާ ގަންނާނެ ފައިސާ އޭނާގެ އަތުގައި ނެތީމަ ކަމަށް ރަންބީރުގެ ދިފާއުގައި ނީތޫ ބުނެފައިވެ އެވެ.
ރަންބީރު އާއި އޭނާގެ މިހާރުގެ ލޯބިވެރިޔާ އާލިއާ ބަޓް ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ކަމުގެ ޚަބަރުތަކެއް ދާދިފަހުން ފެތުރިފައިވެ އެވެ. މިކަން ފަޅާ އެރީ ބަތަލާ ލާރާ ދައްތާ އަށް އޮޅިގެން ދެއްކުނު ވާހަކަ އަކުންނެވެ. ލާރާ ބުނެފައިވަނީ މި އަހަރު ނުނިމެނީސް ރަންބީރު އާއި އާލިއާ ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށެވެ.