ޖެޓް ފިއުލް ނުވަތަ މަތިންދާ ބޯޓަށް އަޅާ ތެލުގެ ސްޓޮކެއް ގެނައުމުގައި ލައްސަތަކެއް ކުރިމަތިވި ނަމަވެސް، ރާއްޖޭން ފުރާ މަތިންދާ ބޯޓު ތަކަށް ބޭނުންވާ ވަަރަށް ތެޔޮ ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ތެލުގެ އެންމެ ފަހުގެ ޝިޕްމަންޓް ރާއްޖެ ގެނައުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށެވެ. އެހެންވެ މިހާރު ހުރި ސްޓޮކް ބަލައިގެން ދޫކުރަމުންދާ ކަމަށެވެ. ނަމަވެސް މި ފިޔަވަޅު އެޅި ނަމަވެސް ރާއްޖޭން ހިދުމަތް ދޭ ބޯޓުތަކަށް ބޭނުންވާ ވަރަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި ވީއައިއޭ އަށް ލިބެން އޮތް ތެޔޮ ސްޓޮކެއް ލަސްވެފައިވަނީ އެސްޓީއޯ އިން ރާއްޖެ ގެންނަން ހުރި ތެލުގެ ޝިޕްމަންޓެއް ލަސްވުމުންނެވެ. މި ލަސްވުމުގެ ސަބަބުން މިހާރު ތެލުގެ ޝިޕްމަންޓް ބަނދަރު ކުރާނެ ކަމަށް ބެލެވެނީ މިމަހުގެ ހަތްވަނަ ދުވަހު އެވެ. މި ބަދަލުގެ ސަބަބުން އެމްއޭސީއެލް އިން ވަނީ ޖެޓު ފިއުލް ވިއްކާ އަގު ބޮޑު ކުރަންވެސް ނިންމާފަ އެވެ.
ވީއައިއޭ އަކީ ތެލުގެ މާބޮޑު ސްޓޮކެއް ރައްކާ ކޮށްފައި ބަހައްޓާ ތަނެއް ނޫނެވެ. ނަމަވެސް ވީއައިއޭ ތަރައްގީކުރުމަަށް މިހާރު ފަށާފައިވާ މަޝްރޫއުގެ ދަށުން ހަދާފައިވާ ޓޭންކްތަކުގެ ސަބަބުން ތެޔޮ ރައްކާކުރުމުގެ ގާބިލްކަން އިތުރުވެގެންދާނެ އެވެ.