ހުއްދަނެތި އާމުން އަމިއްލަ ތަކެތީގައި އޮއިވާލި ކަނދުފަތި ފަރުމާކޮށް ހަރުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބައެއް މީހުން އަމިއްލަ ތަކެތީގައި އޮއިވާލި ކަނދުފަތި ފަރުމާކޮށް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިއީ މަސްވެރިކަމުގެ ގަވާއިދުގެ ދަށުން މަނާ ކަމެއް ކަމަށެވެ.
ގަވައިދުގައިވާ ގޮތުން މަސްވެރިކަން ކުރުމުގެ ބޭނުމަށް އެއްވެސް ބާވަތެއްގެ ކަނދުފައްޗެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރުކުރެވޭނީ ފިޝަރީޒް މިނިސްޓްރީގެ ހުއްދައާއި އެކުގައި ކަމަށްވެސް އިއުލާނުގައިވެ އެވެ.
ހުއްދަނެތި އާމުން އަމިއްލަ ތަކެތީގައި ކަނދުފަތި އަޅައިގެން މަސްވެރިކަން ކުރުމަކީ ދުނިޔޭގެ ބާޒާރުގައިވެސް ނުރަނގަޅު ތަސައްވުރެއް އޮތް ކަމެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ރާއްޖެ އަކީ ބޭރުގެ މަސް ބާޒާރުތަކަށް އިންތިހާ އަށް ބަރޯސާވާ ގައުމެއް ކަމަށާއި ކަދުފައްޗާ ގުޅޭ ގަވައިދު މުހިއްމުވާ ސަބަބަކީ އެއީ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ގަވައިދާ ހިލާފަށް އަމަލުކުރާނަމަ މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާއި ހިލާފުވާ ފަރާތްތަކާ މެދު އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމާ ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ގަވައިދާ ހިލާފަށް ކަނދުފަތިތައް ހުންނަ ސަރަހައްދުތަކުގައި މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ. އެގޮތުން އެއްވެސް ކަނދުފައްޗަކާއި ތިން މޭލު ކައިރީގައި ދިރޭ އެންޖަހައި، އަޑިއަށް ފެއްތުމާއި މިޔަރު ނެގުމާއި ލޭނު އެޅުމާއި އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމަކީ ގާނޫނު މަނާކުރާ ކަމެކެވެ.