ގދ. ހޯޑެއްދޫ އާއި މަޑަވެލި ގުޅާލާފައިވާ ކޯޒްވޭގެ، ހޯޑެއްދޫ ސަރަަހައްދުން ބުރިކޮށްލި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު އަވަސް އަށް ވިދާޅުވީ މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ބުރިކޮށްލި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. މައްސަލަ ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނާއި ހޯޑެއްދޫ އަދި މަޑަވެލި ކައުންސިލުންނެވެ.
ފުލުހުން ބުނީ ކޯޒްވޭ ކަނޑާލާފައިވާތީ އެ މައްސަލައިގައި ފުލުހުންގެ އިދާރާ އިން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ބުނެފައެއް ނުވެ އެވެ.
ކޯޒްވޭ މައްސަލައާ ގުޅޭގޮތުން އީޕީއޭގެ ޑިރެކްޓަރު ރިފްއަތު ނައީމް ވިދާޅުވީ އެ މައްސަލަ ބަލަމުންދަނީ ފުލުހުން ކަމަށާއި އީޕީއޭ އިން ފުލުހުންނަށް ދޭންޖެހޭ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
ކޯޒްވޭއަށް ދެވަނަ ފަހަރަށް ގެއްލުން ދިން އިރު އެ ކޯޒްވޭ ނަގައިދިނުމަށް ހޯޑެއްދޫ ކައުންސިލުން އޮތީ ސަރުކާރުގައި އެދިފަ އެވެ. އެހެންވެ މަޑަވެލީ ކައުންސިލުން ތުހުމަތުކުރާ ގޮތުގައި ކޯޒްވޭ ކަނޑާލި ބަޔަކު އެކަން ކުރީ ކައުންސިލުގެ ނިންމުމާ ގުޅިގެން ހިތްވަރު ލިބިގެންނެވެ. ކޯޒްވޭ ކަނޑާލުމާ ދެކޮޅަށް މަޑަވެލީ ކައުންސިލުން އެންމެ ކުރިއްސުރެ ވެސް ދިޔައީ ދެކޮޅު ހަދަމުންނެވެ. އަދި ހޯޑެއްދޫ ކައުންސިލުގެ ނިންމުން ކުށްވެރިކޮށް މަޑަވެލީ ކައުންސިލުގެ ފަސް މެމްބަރުން ވަނީ ގަރާރެއް ވެސް ނެރެފަ އެވެ.
މަޑަވެލީ ކައުންސިލުން ބުނީ ކޯޒްވޭއަކީ ދެ ރަށުގެ މަސްލަހަތު ވެސް ހިމެނޭ ތަނަކަށް ވުމާއި ދެ ރަށުގެ ދިރިއުޅުމާއި ވަޒީފާ ނިސްބަތްވާ ފަރާތްތައް ބޭނުންކުރާ ތަނަކަށް ވެފައި، ކޯޒްވޭ ދެ ރަށުގެ އިގްތިސާދަށް ވެސް ވަރަށް މުހިންމު ކަމަށެވެ.
ކޯޒްވޭ ނަގަން އެދުނު ހޯޑެއްދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި ކޯޒްވޭގެ ސަބަބުން އެ ރަށަށް ރާޅު އަރައި އޭގެ ސަބަބުން އެ ރަށުގެ 6.7 ހެކްޓަރުގެ ބިމުގައިވާ ގުދުރަތީ ދިރުންތައް މަރުވެ، ބިންގަނޑަށް ބޮޑެތި ގެއްލުން ލިބިފައި ވެއެވެ. އަދި ކޯޒްވޭ ނުނެގި ދޮޅު އަހަރު ފާއިތުވެ ވެއްޖެނަމަ އެރަށުގެ ބިމުގެ 30 ޕަސަންޓަށް ވަރަށް ބޮޑު ބަޔަކަށް ގެއްލުން ލިބި ބިންގަނޑު އޮންނާނެ ކަމާ ދޭތެރޭވެސް ސުވާލު އުފެދޭ ކަމަށެވެ.
މިކަމާ ގުޅިގެން ރިފްއަތު ވިދާޅުވީ ކޯޒްވޭގެ ސަބަބުން ރަށްތަކަށް ލިބެމުންދާ ގެއްލުމުގެ ދިރާސާއެއް އަދި ހަދާފައި ނުވާ ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން އީޕީގެ މަސައްކަތައް ހުރަސްތަކެއް ކުރިމަތިވިކަން ފާހަގަކުރައްވަމުން ވިދާޅުވީ ބަޖެޠް ހަމަޖެހި ލުއިތައް ލިބުމުން ދިރާސާގެ މަސައްކަތް ފަށާނެ ކަމަށެވެ.