މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އާ ޑިޒައިނަކަށް ހަދަނީ

ގދ. މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އެ ކޯޒްވޭ އާ ޑިޒައިނަކަށް ހަދަން ނިންމައިފި އެވެ.

ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ކޯޒްވޭ އައު ޑިޒައިކަށް ހެދުމަކީ އެ މިނިސްޓްރީގެ ޕްލޭނެއް ކަމަށެވެ. އަދި ކޯޒްވޭގެ ސަބަބުން ހޯޑެއްދޫއަށް ރާޅު އެރުމުގެ މައްސަލަ ވެސް ހައްލުވެގެންދާނެ ކަމަށެވެ.

އާ ކޯޒްވޭއެއް އެޅުމުގެ މަސައްކަތް ކުރަން މިހާރު ކޮންސަލްޓެންޓަކު ލައްވާ ކޮންސެޕްޓް ޑިޒައިން ވަނީ ހަދާފައި ކަމަށާއި މަސައްކަތް އޮތީ ފިނޭންސް މިނިސްޓްރީގައި އެވޯޑް ސްޓޭޖުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އާ ކޯޒްވޭ ހެދުން އެމްޓީސީސީއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ހޯޑެއްދޫ ކައުންސިލުން ބުނީ އާ ކޯޒްވޭއެއް އެޅުމަށް ނިންމާފައިވާ ކަމާއި އެކަމާ ގުޅޭ އެއްބަސްވުމުގައި މި އަހަރުގެ މެއި މަހު ސޮއި ކުރާނެ ކަމަށް ސަރުކާރުން އެންގި ކަމަށެވެ. ނަމަވެސް އޭގެފަހުން އެކަމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް ވާހަކައެއް ނުދައްކާ ކަމަށްވެސް ބުންޏެވެ.

ގދ. ހޯޑެއްދޫ އާއި މަޑަވެލި ގުޅާލާފައިވާ ކޯޒްވޭއާ ގުޅިގެން ދެ ރަށުގެ ރަށްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް މިދިޔަ އަންގާރަ ދުވަހު ވަނީ ހޯޑެއްދޫ ސަރަަހައްދުން ކޯޒުވޭ ދެބުރި ކޮށްލާފަ އެވެ. މިއީ މި ކޯޒްވޭ ދެބުރިކޮށްލި ދެވަނަ ފަހަރެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

ހޯޑެއްދޫ ކައުންސިލުން ވަނީ ކޯޒްވޭ ނަގައި ދިނުމަށް ސަރުކާރުގައި ވެސް އެދިފަ އެވެ. ކައުންސިލުން ބުނީ ކޯޒްވޭ ހަދާފައިވަނީ އީއައިއޭ އާއި ޑިޒައިނާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ. އެކަމުގެ ސަބަބުން އެ ރަށުގެ 6.7 ހެކްޓަރުގެ ބިމުގައިވާ ގުދުރަތީ ދިރުންތައް މަރުވެ، ބިންގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

ހޯޑެއްދޫ އާއި މަޑަވެލި ގުޅާލަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި މަޝްރޫއުގެ ސަބަބުން މަޑަވެއްޔާއި ހޯޑެއްދޫ އަށް ތިމާވެށީގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އިހުމާލުވި ފަރާތްތަކުގެ އަތުން ބަދަލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ތެރޭގައި ފާސްކޮށްފައިވެ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އުސޫލުތަކާއި ހިލާފަށް އަމަލު ކޮށްފައިވާކަން މަޖިލީހުގައި މައްސަލަ ދިރާސާކުރި އެންވަޔަރަންމަންޓް ކޮމިޓީގެ ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އޭގެ ފަހުން އެކަމުގައި ފިޔަވަޅު އެޅުމަށް އަދި އެއްވެސް ކަމެއް ކުރިކަން އެނގިފައެއް ނުވެ އެވެ

ހޯޑެއްދޫ އާއި މަޑަވެލި ގުޅާލުމަށް ހަދާފައިވާ 440 މީޓަރުގެ ދިގު އަދި ހަތް މީޓަރު ފުޅާ ކޯޒްވޭގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ. ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހޯޑެއްދޫއާއި މަޑަވެލި ކޯޒްވޭ އަކުން ގުޅާލާފައިވަނީ އެ ދެ ރަށުގެ މެދުގައިވާ "ހާދޫ" ފަޅު ރަށަކާ ވެސް އެކު އެވެ.