ރެހެންދި އެވޯޑްސް

ރެހެންދި އެވޯޑް މިމަހު 6 ގައި

Sep 2, 2021

މިއަހަރުގެ ރެހެންދި އެވޯޑް މިމަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

މިދިޔަ އަހަރާއި މިއަހަރުގެ ރެހެންދި އެވޯޑް އެއްކޮށް ބާއްވަން ނިންމާފައިވާއިރު އެވޯޑް ހަފްލާ އޮންނާނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭގަނޑު އެވެ.

ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާކުރަން އަންހެނުން އަދާކުރާ ދައުރާއި، މުޖުތަމައުގައި އަންހެނުންގެ ކުރިއެރުމަށް ފަރުދުންނާއި މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ގައުމީ ފެންވަރުގައި ވަޒަން ކުރަން ދެމުން އަންނަ އެވޯޑެކެވެ.

މި އެވޯޑު ހަފްލާގައި އެހެން އަހަރުތަކެކޭވެސް އެއްފަދައިން ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރެހެންދި އެވޯޑްގެ ދާއިރާތައް

  • ހަމައެކަނި އަންހެނުންނަށް ކުރިމަތިލެވޭ ދާއިރާ
  • ވަޒީފާ ދޭ ފަރާތްތައް/ މުއައްސަސާތައް
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް
  • ކުލަބު ޖަމިއްޔާ ޖަމާއަތްތައް
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންނުން

މިދިޔަ އަހަރު ރެހެންދި އެވޯޑް ވަނީ ހަތް ބޭފުޅަކަށް ދީފަ އެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ރަސްމިއްޔާތު ނުބޭއްވޭތީ މިދިޔަ އަހަރުގެ އެވޯޑް ވެސް ހަވާލުކުރާނީ މި ރަސްމިއްޔާތުގަ އެވެ.

ރާއްޖޭގައި ރެހެންދި އެވޯޑް ދޭން ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރި ކަމުގައި 2014 ވަނަ އަހަރުން ފެށިގެނެވެ.