ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ކެފޭ އުސޫލުން ޑްރަގް ވިއްކާ ގެއެއްގެ ވެރިފަރާތަށް ދައުވާ

ކެފޭ އުސޫލުން ޑްރަގް ވިއްކާ ގެއެއްގެ ވެރިފަރާތުގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މ. ބްރައިޓްފްލާވާ ގޭގައި އެގޭގެ ވެރިމީހާ ހުސައިން ޔޫސުފް، ކެފޭ އުސޫލުން ޑްރަގް ވިއްކައި ވިޔަފާރިކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

ގޭގައި ކެފޭ އުސޫލުން ޑްރަގް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި، އެ ގޭގައި މީހުން މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ޕެޑްލް ކުރާ ކަމަށް ގަބޫލުކުރެވޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެކަމަކީ ވެރިފަރާތަށް ވެސް އެނގިގެން ކުރާ ކަމެއް ކަމަށްވެސް ޕީޖީއަށް ގަބޫލުކުރެވެ އެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ މި މައްސަލައިގައި މ. ބްރައިޓްފްލާވާގައި އެކަން ހުއްޓުވުމަށް އެންގުމުންވެސް ވެރިފަރާތުން އެކަން ހުއްޓުވާފައި ނުވާ ކަމަށެވެ.

ދައުލަތުން ހުސައިން ޔޫސުފްގެ މައްޗަށް ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ގެއެއް ނުވަތަ އިމާރާތެއް ނުވަތަ ގެއަކުން ނުވަތަ އިމާރާތަކުން ބައެއް، ގާނޫނުގައިވާ މަސްތުވާއެއްޗެއް، ޓްރެފިކްކުރުމަށް ނުވަތަ ޕެޑެލްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ އެއިން ކަމެއް ކުރުމަށް ކަމަށް ގަބޫލުކުރެވޭ ހާލު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

މިއީ ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތި ވިއްކާ މައްސަލައިގައި މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ގެއެއްގެ ވެރިފަރާތުގެ މައްޗަށް ދައުވާކުރެވުނު ފުރަތަމަ ފަހަރު ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.