ރައްޖޭގައި ފުޓްބޯޅަ ކުރިއަރުވަން ސައުދީ އަރަބިއްޔާއިން އެހީވާން ނިންމައިފި އެވެ.
އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިހާރު ވަނީ ސޮއިވެސް ކޮށްފަ އެވެ.
ސައުދީ ފުޓްބޯޅަ ފެޑްރޭޝަންގެ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސައުދީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް ޔާސިރު ބިން ހަސަން އަލް މިޝާލް އެވެ. ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ބައްސާމް ޖަލީލް އެވެ.
އެ އެއްބަސްވުމުގެ ދަށުން ސައުދީން ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމް އަށް އެހީތެރިވެދޭނެ އެވެ.
އެ އެއްބަސްވުމަށް ފަހު ބައްސާމް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއީ އަނެއްކާވެސް ރާއްޖެއަށް ވަރަށް މުހިންމު ދުވަހެއް ކަމަށާއި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފުޓުބޯޅަ އިތުރަށް ތަރައްގީވެގެން ދާނެ ކަމަށެވެ.
ރާއްޖޭގެ ކްލަބުތަކަށާއި ގައުމީ ޓީމުތަކަށް ސައުދީގައި ޓްރެއިން ހެދޭގޮތަށް މިދިޔަ އަހަރުވެސް ސައުދީ އަރަބިއްޔާއާ އެކު އެއްބަސްވުމެއް ގާއިމު ކުރިއެވެ. އަދި އެ ފުރުސަތުގެ ބޭނުން ހިފައި ރާއްޖޭގެ ބައެއް ކުލަބްތަކުން ސައުދީގައި ޓްރެއިނިން ހަދާފައިވެ އެވެ.