ވާހަކަ

ވީމޭ ކަލާޔާނުލާ

(30 އޯގަސްޓު 2021އާ ގުޅޭ)

ލިވިޔާގެ ހިތުގެ ހިނގުން އަވަސްވެ، މުޅި މީހާގެ މޫނުމައްޗަށް ހީވީ ބޮޑު ތޫފާނެއް އަރައިގެން ދިޔަހެންނެވެ. ދޫ ހަރަކާތްކޮށްލަން ވެސް ލިވިޔާއަށް ހަނދާންނެތިފައިވާ ފަދައެވެ. ދެލޯ ބޮޑުކޮށްގެން ޒަކްވާނަށް ބަލަން ހުރެވުނީ ކިހާ އިރަކު ކަމެއް ޚުދު ލިވިޔާއަކަށް ވެސް ނޭނގުނެވެ.

"އެއްޗެކޭ ބުނެބަލަ! މީ ކޯއްޗެއްހޭ؟" ޒަކްވާން އެހެން ބުނެލީ އަޑަށް ބާރެއް ލާފައެވެ. ޒަކްވާންގެ މޫނުމަތިން ފެންނަނީ ވެސް ދެރަ އާއި ހިތާމައެވެ.

"ކޯއްޗެއް ސިއްރުކުރަން ތި އުޅެނީ؟ ކާކަށް ކޯއްޗެއް ފޮރުވަން ތިއުޅެނީ؟ ބަލަ އަމިއްލަ ދިރިއުޅުން ހަލާކު ކޮށްލަނީއޭ ތި. ތީ ކޮން އިންސާފެއް ލިވިޔާ! ވާހަކަދައްކަބަލަ! ތިހެން އަބަދު ހިމޭނުން ނުހުރެވޭނެ. އަހަރެންނަށް ކިޔާދީ! ކިޔާދީ މިވާ ގޮތް!" ޒަކްވާންގެ އަޑު ދިޔައީ އިހުނަށް ވުރެ ބާރު ވަމުންނެވެ. ލިވިޔާއަށް ކުއްލިއަކަށް ހުރެފައި ތެޅެގަނެވުނެވެ. ލިވިޔާގެ ކަޅި އެހެން ދިމާލަކަށް ހިންގައިލުުމަށްފަހު، ހަމަޖެހިފައި ހުރިކަން މޫނުމަތިން އޭނާ ދައްކައިލިއެވެ. އަދި ކުއްލިއަކަށް ހުރެފައި ލިވިޔާގެ ތުންފަތުން ދުވެލީ ހިނިތުންވުމެކެވެ. އެހިނިތުންވުމުގައި އެއްވެސް އަސްލެއް ނެތްކަން ޒަކްވާނަށް ޔަޤީންވެއެވެ. ނަމަވެސް ލިވިޔާ އެހިނިތުންވުން ދީގެން ހުރެފައި ފެށީ ލާނެއް ފާޑަކަށް ހޭންށެވެ. ލިވިޔާގެ ހުނުމުގެ އަޑު ނުކުމެގެން ދިޔައީ ހިތްދަތިކަމުގެ ކޫރުމެއްގެ އަޑެއް އޭނާގެ ކަރުތެރެއިން ފަޅައިގެން ދިޔުމަށްފަހުގައެވެ.

"ހާދަ މަޖާ ވާހަކައެއް ދައްކަން ތިއުޅެނީ؟ ތީ އަހަރެން ދެނެ ހުރި ކަމެއް ނޫން. ތިގެއަށް އާދޭ އަހަރެންގެ ރައްޓެހިން ވެސް. ތި ވާނީ އަހަރެންގެ ރައްޓެއްސެއްގެ ކަމަކަށް.." ލިވިޔާ ވާހަކަދައްކަމުން ދިޔައީ ގަދަ ކަމުން ހިނިތުން ވެގެން ހުރެގެންނެވެ. ނަމަވެސް ލިވިޔާއަށް ޒަކްވާނަށް ހަތަރުކަޅި ހަމަކޮށްގެން ވާހަކަދައްކަން ހިތްވަރެއް ނުލިބުނެވެ. އެކަމަށް އޭނާ ނުކުޅެދެއެވެ. އަމިއްލައަށް ހިތްވަރު ނެރެގެން، ދައްކަން ބޭނުން ނުވާ އުފާވެރިކަން ފަޅައަރާފާނެތީއެވެ. ނަމަވެސް ލިވިޔާއަށް ނޭނގުނު ކަމަކީ އޭނާގެ ކޮންމެ ހަރަކާތެއް ޒަކްވާނަށް އެނގި ހާމަ ވަމުން ދާކަމެވެ. ޒަކްވާނަށް ލިވިޔާގެ ހުރިހާ ހަރަކާތްތަކުން، ލިވިޔާ ދައްކާ ވާހަކަތަކަަކީ އެއްވެސް ޙަޤީޤަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަން އިތުރަށް އޭނާއަށް ދިޔައީ ޔަޤީން ވަމުންނެވެ.

"ލިވިޔާ! ޕްލީޒް.. ހުއްޓާލާ! ދެން ހުއްޓާލާ! ފުދިއްޖޭ! ކީއްވެތަ؟ އަޅެ ކީއްވެތަ ތިވަރަށް ދޮގު ތިހަދަނީ؟ ކާކަށް ތި ދޮގު ހަދަނީ؟ ބަލަ އަހަންނަށް އެނގެއޭ ލިވިޔާ. އަހަރެންނަށް ލިވިޔާ އެނގެއޭ.." ޒަކްވާންގެ ލޮލުން ހޯސްލާފައި ކަރުނަތައް އެކީ އެކައްޗަކަށް ފައިބައިގެން ދިޔައެވެ.

"ބަލާބަލަ! އަހަންނާ ދިމާލަށް ބަލާބަލަ! ބުނެބަލަ! ތެދަށް ވާހަކަ..." ޒަކްވާންގެ ދެއަތުން ލިވިޔާގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. ލިވިޔާގެ ކެތްތެރިކަން ކޮޅުން ދިޔައެވެ. ލިވިޔާގެ ހިތާއި ޟަމީރު އޭނާއާ ދެކޮޅަށް ވަގުތުން ތެދުވިއެވެ. ލިވިޔާގެ ބަޑި ފަޅައިގެން ދިޔައީއެވެ. ހަމަ ކުއްލިއަކަށެވެ.

"ލި.. ލިވިޔާ.." ޒަކްވާނަށް ގޮސް ހިފައިލެވުނީ ލިވިޔާގެ ދެއަތުގައެވެ. ލިވިޔާ ދިޔައީ އަޑުން އަޑު ނަގައި ރޮމުންނެވެ. އެހެން އެޕާރޓުމެންޓު ތަކުން މީހުން ނުކުންނަށް ފެށުމާ އެކުގައި، ލިވިޔާއާ އެކުގައި ޒަކްވާން އެގެއަށް ވަދެ ދޮރު ޖެހިއެވެ.

***

ޔޫހާ މަޑުމަޑުން ހިނގާފައި އައިސް ވަނީ ޝަހުރުގެ ކޮޓަރިއަށެވެ. އެވަގުތު އެގޭގެ ސިޓިންގރޫމްގައި ހުސްނާ އާއި ޝީލާ ނިކަން އުފާވެފައި ތިއްބެވެ.

"ޔޫހާ.. އާދޭ! އިށީންދޭ!" ޔޫހާ ފެނުމާ އެކުގައި ޝަހުރު ބުނެލިއެވެ. ޔޫޫހާ އައި ގޮތަށް އައިސް އިށީންނީ ކޮޓަރީގައި ހުރި ގޮނޑިއެއްގައެވެ.

"އަހަރެން ބޭނުން ޔޫހާއާ ވާހަކަދައްކާލަން.." ޝަހުރު ބަލައިލީ ޔޫހާގެ މޫނަށެވެ. ޔޫހާ އަކީ ވެސް ރީތި ކުއްޖެކެވެ. އޭނާގެ މައިންބަފައިން "ޕްރިންސަސް"ގެ ގޮތުގައި ޔޫހާ ބަލައި ބޮޑުކުރީ ވަރަށް ލޯބިން ކަމުން ޔޫހާގެ ކިބައިން ފެންނަނީ ލަދުވެތި ކަމާއި މަޑުމައިތިރި ކަމެވެ. ޔޫހާގެ ޙަޔާތަށް ޝަހުރު ނޫން އިތުރު އެއްވެސް ބައިވެރިއެއް ނާދެއެވެ. ޔޫހާ އަބަދުވެސް ލޯބި ވަނީ ޝަހުރު ދެކެއެވެ. އެންމެ ފަހުން އެދެމީހުންގެ ކައިވެންޏަކީ ދެފަރާތުގެ ޢާއިލާ އިންތިހާއަށް ކުރަން ބޭނުންވާ ކަމެއްކަން އެނގުނު ދުވަހަށްފަހު، ޔޫހާއަށް ލިބުނީ އިތުރު ހިތްވަރެކެވެ. ޔޫހާގެ ލޯބި ހާސިލުކުރަން ޔޫހާއަށް އިތުރު ބާރެއް ލިބުނެވެ. ނަމަވެސް ޔޫހާ ހުރީ ގަދަކަމުން ޔޫހާގެ ލޯބި ފޭރިގަންނަން ނިންމައިގެން ނޫނެވެ. އެފަދަ އިޙްސާސެއް ވުމުން ޔޫހާ އެކަމާ ދެކޮޅު ވެސް ހެދިއެވެ. ނަމަވެސް ލިވިޔާ "ބޭވަފާތެރިވުން" ވެގެން ދިޔައީ ޔޫހާއަށް އަނެއްކާ ވެސް އޭނާގެ ލޯތްބާ ގާތަށް އަންނަން ލިބުނު އިތުރު ފުރުޞަތަކަށް ވެގެން ދިޔައެވެ.

"އަހަރެން އަދިވެސް، އަދިވެސް ލޯބި ވަނީ ލިވީ ދެކެ. އެކަމު،" ޝަހުރު ބަލަން އިނީ ސީދާ ޔޫހާގެ ދެލޮލަށެވެ. ޔޫހާ އިނީ ޝަހުރު ދައްކާ ވާހަކަ ކަނުލައި އަޑުއަހަން ތައްޔާރު ވެގެންނެވެ.

"އެކަމު، އަހަރެން ލިވީ ދެން ބޭނުމެއް ނޫން. އަހަރެންނަށް އެނގޭ ޔޫހާ އަހަރެން ދެކެ ވަރަށް ލޯބިވާ ކަން. ތެދެއްނު ދޯ؟" ޝަހުރު ދޯ ދިނީ ޔޫހާއަށެވެ. ވަގުތުން ޔޫހާ ވަރަށް އަވަސްކޮށް ބޯޖަހައިލިއެވެ.

"ވަރަށް ވަރަށް ލޯބިވޭ.." އެހެން ބުނުމާ އެކު ޔޫހާގެ މޫނުމަތި "ބްލަޝް"ވެގެން ދިޔައެވެ. ރަކިވެގެން އިސްޖަހައިލިއެވެ.

"ޔޫހާ.. ޔޫ ވިލް ހެލްޕް މީ ދޯ؟ މިކަމުން އަރައިގަންނަން.." ޝަހުރު ހިފައިލީ ޔޫހާގެ ދަތްދޮޅީގައެވެ. އަދި ޔޫހާގެ އިސްނެގިއެވެ.

"ޔެސް! ޔެސް!" ޔޫހާ އިނީ ވަރަށް ލަދުންނެވެ. ޝަހުރު ވަގުތުކޮޅަކު ޔޫހާއަށް ބަލައިލިއެވެ. ޔޫހާއަށް ޝަހުރަށް ހަތަރުކަޅި ހަމަކޮށްލެވުނީ ކުޑަ ހިނދުކޮޅަކަށެވެ. އަނެއްކާ ޔޫހާއަށް ލަދުން އިސްޖެހުނެވެ. ޔޫހާއަށް ލިބިފައިވަނީ ބަޔާން ކުރަން ދަތި އުފާވެރިކަމަކާއި ހިތްހަމަޖެހުމެކެވެ. އެތައް ދުވަހަކަށްފަހު، ލޯބިވި ލޯބިވެރިޔާ ލިބުނީތީ ޔޫހާ އިނީ އޭނާގެ ހިތުން އެކަމާ ވަރަށް ބޮޑަށް ޝުކުރުވެރި ވެލައިގެންނެވެ.

***

"ދެން ހުއްޓާލާ! ހެޔޮނުވާނެ. އާދޭސްކޮށްފަ މިބުނީ. ލިވިޔާ ތިވަރަށް ރޯތަން ބަލަން އަހަންނަށް ކެތެއް ނުވާނެ." ޒަކްވާންގެ ދެއަތުން ލިވިޔާ އޭނާގެ މޫނުގައި އަޅައިފައިވާ އަތް ނަގައިލިއެވެ.

"ތިވަރަށް ރޮއިގެން އެއްވެސް ކަމެއް ހައްލެއް ނުވާނޭ. ވާހަކަދައްކައިގެން ކަންކަން ހައްލު ވާނީ. ޕްލީޒް ލިވިޔާ.." ޒަކްވާން މަޑުމަޑުން ހިފަހައްޓައިލައިގެން އިނީ ލިވިޔާގެ އަތުގައެވެ. އެދެމީހުން އެވަގުތުގައި ތިބީ ލިވިޔާ އުޅޭ ކޮޓަރީ ތެރޭގައެވެ.

"އަހަރެން ކީކޭ އިތުރަށް ބުނާނީ؟ އަހަރެން ވަރުބަލި ވެއްޖެ! އަހަރެން ހައްލެއް ބޭނުމެއް ނުވޭ. ޒަކްވާން ވެސް ދެން ދޭ! ހެޔޮނުވާނެ.." ލިވިޔާގެ އަޑުގައި ވަނީ ހިތްދަތި ކަމެވެ. ލިވިޔާ ރޮމުން ދިޔައިރު، ހިތާމައިގެ ވޭނުން އޭނާގެ ދަތްދޮޅި ތުރުތުރު އަޅަމުން ދިޔައެވެ.

"ނުދާނަން! ލިވިޔާ ތިހެން ދޫކޮށްލާފަ އަހަރެން ނުދާނަން. އަހަރެން ޤަބޫލެއް ނުކުރަމޭ! އެއިން އެއްވެސް ވާހަކައެއް." ޒަކްވާން ބުނެލިއެވެ. އަނެއްކާ ވެސް ވާހަކަދައްކަން ފެށީ ޒަކްވާނެވެ.

"އަޅެ ބުނެބަލަ! ތެދަށް ބުނެބަލަ! ލިވިޔާ ޕްރެގް ދޯ؟ ބުނެބަލަ! އަހަރެން އާދޭސްކޮށްފަ މިބުނަނީ. އަހަރެން އެއްވެސް މީހެއްގެ ގާތުގަ ނުބުނާނަން. ޕްރޮމިސް. ލިވިޔާ ބުނި ގޮތަކަށް އަހަރެން ކަންތައް ކުރާނަން. ދެން ބުނޭ ލިވިޔާ!" ޒަކްވާން ގެންދިޔައީ އާދޭސް ކުރަމުންނެވެ. ފުންކޮށް ނޭވާއެއް ލަމުން ލިވިޔާ ބަލައިލީ އޭނާގެ ކުރިމަތީގައި ހުރި ޒަކްވާނަށެވެ. ޒަކްވާންގެ މޫނުމަތިން ލިވިޔާއަށް ފެނުނީ އޭނާ އިންތިހާ ދަރަޖައަށް ވެފައިވާ ހާސް ކަމާއި، ކަންބޮޑުވުމެވެ. އެއާ އެއްވަރަށް ޒަކްވާން ދެރަވެފައިވާކަން ލިވިޔާއަށް ދިޔައީ އިޙްސާސް ވަމުންނެވެ.

"ދެން ބުނެބަލަ! ލިވިޔާ ބަނޑުބޮޑު ދޯ؟" ޒަކްވާން ތަކުރާރުކޮށް ކުރަމުން ދިޔަ ސުވާލަށް އެންމެ ފަހުން ލިވިޔާ ބަލައިލީ ޒަކްވާންގެ ދެ ލޮލަށެވެ. ވަގުތުކޮޅެއް ވަންދެން ލިވިޔާއަށް އެހެން ބަލަން އިނދެވުނެވެ. ޒަކްވާން މަޑުކުރަމުން ދިޔައީ ލިވިޔާގެ ފަރާތުން ޖަވާބަކަށެވެ.

"އާނ!" އެންމެ ފަހުން ލިިވިޔާ ޖަވާބު ދިނެވެ. ލިވިޔާގެ ޖަވާބާ އެކު، ޒަކްވާނަށް އުފަލުން ހިނިތުންވެ ވުނެވެ.

"އަލްޙަމްދުﷲ" ޒަކްވާނަށް އުފަލުން ބުނެވުނެވެ.

"އަހަރެން ވަރަށް އުފާވެއްޖެ! އަހަރެން ކުޑަބެ އަކަށް ވާތީ. ހަމަ އެއާ އެކު އަހަރެން ވަރަށް ދެރަވެސް ވެއްޖެއިން.." ޒަކްވާން ބަލަހައްޓައިގެން އިނީ ލިވިޔާއަށެވެ.

"އަހަރެން ދެރަ ވަނީ ދޮންބެއަށް ލިވިޔާ ދަސްނުވުމުން.. އަހަރެންގެ ޅަސިކުނޑިން އަހަރެންނަށް ލިވިޔާ އެނގުނު ވަރަށް، އަދިވެސް އަހަރެންނަށް ލިވިޔާ އެބަ އެނގޭ. އަހަރެންނަށް އެނގޭ ލިވިޔާ އެވަރު ކަމެއް ނުކުރާނެކަން. އެއީ މަންމަމެންގެ ރޭވުންކަން.." ޒަކްވާން ދައްކަމުން ދިޔަ ވާހަކަތަކުން ލިވިޔާ އިތުރަށް ދެރަވިއެވެ. ލިވިޔާއަށް އިޙްސާސްވީ، އޭނާގެ އެކަނިވެރި ކަމެވެ. ހިތުގެ އަޑިން ލޯބިވި މީހާއަށް ލިވިޔާ ދަސްނުވިކަމެވެ. ކޮންމެ ގޮތެއް ވިޔަސް، ކުރިން ވެސް ލިވިޔާ ކެތްކުރީއެވެ. ދެން ވެސް ކެތްކުރަން ލިވިޔާ ހުރީ ނިންމައިގެންނެވެ.

"އަހަރެން އިތުރަށް ތިވާހަކަ ދައްކަން ބޭނުމެއް ނޫން. އަހަރެން ބަނޑުބޮޑުކަން ސިއްރުކޮށްދޭނެ ކަމަށް ހީކުރަން. ދެން ރަނގަޅީ ޒަކްވާން ވެސް ދިޔައިއްޔާ." ލިވިޔާ މޫނު އަނބުރައިލަމުން ބުނެލިއެވެ.

"އެއީ ކީއްވެ؟ އަހަރެން ބޭނުން ލިވިޔާއަށް އެހީވާން. އަހަރެން ބޭނުން ލިވިޔާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން." ޒަކްވާން އިތުރަށް އެއްޗެއް ނުބުނީ ލިވިޔާ ކުއްލިއަކަށް ޒަކްވާނަށް ބަލައިލުމުންނެވެ.

"އަމިއްލަ އެދުން ދޯ؟ އަހަރެން ނުވޭ ލޯތްބެއް ޒަކްވާން ދެކެ. އަހަރެން ނޫޅޭން ޒަކްވާނާ އެކު އުފާވެރި ޙަޔާތެއް ފަށާކަށް. އަހަރެން ބޭނުން ވަނީ ތި މުޅި ޢާއިލާއާ ދުރަށް ދާން. މުޅިން ވަކިވާން." ލިވިޔާގެ ބަސްތަކުން ޒަކްވާން ވަރަށް ދެރަ ވެއްޖެއެވެ. ހައިރާން ވެސް ވިއެވެ.

"އޯކޭ.. އަހަރެން މިދަނީ.. އެކަމު ލިވިޔާ ހަނދާން ކުރާތި! އަހަރެންގެ އަމިއްލަ އެދުމެއް ނެތް. އަހަރެން ނޫޅެން ލިވިޔާއާ މެރީ ކުރާކަށް. އެ ބޭނުމެއްގަ ނޫން މިއުޅެނީ. އެކަމު، އަހަރެން ލިވިޔާއަށް ދެރައެއް ލިބުނަކަ ނުދޭނަން. އަހަރެންގެ ޢާއިލާއަށް ވުރެ، އަހަރެންނަށް ލިވިޔާ މުހިންމު. އެއީ އަނިޔާލިބޭ މީހަކީ ތީ.. އަހަރެންގެ ޢާއިލާގެ އަނިޔާއިން އަހަރެން ލިވިޔާ ހިމާޔަތް ކުރާނަން! އަހަރެން ލިވިޔާ ދެކެ ވީ، ދޮންބެ ވިފަދަ ލޯތްބެއް ނޫން. އެޔަށްވުރެ މާ މަތިވެރި، މާ މާތް ލޯތްބެއް މީ.. އަހަރެން ދަނީ.." ޒަކްވާންގެ ލޮލުން ވެއްޓެން ތައްޔާރުވި ކަރުނަތިކި ފޮހެލުމަށްފަހު، އޭނާ ހިނގައިގަތެވެ.
"ޒަކްވާން!" ލިވިޔާގެ އަޑަށް ޒަކްވާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ޒަކްވާން ބަލައިލީ ފަހަތަށެވެ. (ނުނިމޭ)