މި އަހަރުގެ ދެވަނަ ކްއާޓަރުގައި ރާއްޖޭގެ ޖުމްލަ ރިޒާވް 912.4 މިލިއަން ޑޮލަރު (14 ބިލިއަން ރުފިޔާ) އަށް އުފުލިއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ "ކުއާޓްލީ ބްލެޓިން" ގައިވާ ގޮތުން ދެވަނަ ކުއާޓަރުގައި ޖުމްލަ ރިޒާވް 912.4 މިލިއަން ޑޮލަރަށް އުފުލުނެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ކިޔާނަމަ 30 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިޒާވްގެ އިތުރުވުން އުޅެނީ އަށް ޕަސެންޓުގަ އެވެ.
ރާއްޖޭގެ ރިޒާވް ކުއްލި ގޮތަކަށް އިތުރުވެފައި މިވަނީ ސަރުކާރުން ވިއްކި ސުކޫކްގެ ފައިސާ އާއި އިންޑިއާގެ ރިޒާވް ބޭންކް އޮފް (އާރްބީއައި) ގެ ސަބަބުންނެވެ.
ރިޒާވް މި ވަގުތު ކުއްލި އިތުރުވުމެއް ފާހަގަވިނަމަވެސް އަންނަ ކުއާޓަރު ހިސާބު ޖުމްލަ ރިޒާވް ދަށްވާނެ ކަމަށް ބެލެވެ އެވެ. މީގެ ސަބަބަކީ އިންޑިއާ އިން ދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ދެއްކުމުންނެވެ. އިންޑިއާ އިން ރާއްޖެ އަށް ހަމަޖައްސައިދިން، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ 150 މިލިއަން ޑޮލަރު ދައްކާފައިވާއިރު ބާކީ އޮތް 250 މިލިއަން ޑޮލަރުވެސް ދެއްކުމަށް ދަނީ ތައްޔާރު ވަމުންނެވެ.
ރާއްޖޭގެ ޖުމްލަ ރިޒާވް އާއްމު ކުރިނަމަވެސް ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ނުވަތަ "ޔޫޒަބަލް ރިޒާވް" އާއްމު ކުރުން މަރުކަޒީ ބޭންކް އިން ވަނީ ހުއްޓާލާފަ އެވެ. މި ރިޒާވްގައި އާއްމުކޮށް ހުންނަނީ ދެ މަހުގެ އެކްސްޕޯޓަށްވާ ފައިސާ އެވެ. އެއީ ގާތްގަނޑަކަށް 150 މިލިއަން ޑޮލަރެވެ.