ބޮލީވުޑް

"ރާޖްނީތީ 2" އުފެއްދުމުގެ މަސައްކަތް ޕްރަކާޝް ޖާ ކުރަނީ

Nov 26, 2015

ދެހާސް ދިހަ ވަނަ އަހަރު ނިކުތް ޑައިރެކްޓަރު ޕްރަކާޝް ޖާ ގެ ހިޓް ސިޔާސީ ޑްރާމާ ފިލްމު "ރާޖްނީތީ"ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

މިހާރު ދެވަނަ ބައިގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނަމުން ޕްރަކާޝް ވަނީ އެފިލްމު ބޮޑަށް ބިނާވެފައި އޮންނާނީ އިންޑިއާގައި މިހާރު ހިނގަމުން އަންނަ އިޖްތިމާއީ އަދި ސިޔާސީ ކަންކަމުގެ މައްޗަށް ކަމަށެވެ.

""ރާޖްނީތީ" ސީކުއަލްގެ މަސައްކަތް މިއަންނަނީ ކުރަމުން. ކޮންމެ ފިލްމެއްވެސް ރިލީޒްކުރަން ރަނގަޅު ވަގުތެއް އޮންނަން ޖެހޭނެ. ފުރަތަމަ ފިލްމު ރިލީޒްކުރިތާ އަދި މާގިނަ އަހަރެއް ނުވޭ. އަހަންނަށް ސިޔާސީ ކަންތައްތަކުން އަންނަ ވަރަށް ބޮޑު ބަދަލު ފެނޭ، ފިލްމު އުފެއްދޭ ވަރަށް ވާހަކަ ތައްޔާރުވުމުން މަސައްކަތް ފަށާނަން" ޕްރަކާޝް ބުނެފައިވެ އެވެ.

"ރާޖްނީތީ" ގެ ތަރިންނަކީ އަޖޭ ދޭވްގަން އާއި ނަސީރުއްދީން ޝާހް، އަރްޖުން ރާމްޕާލް އާއި ރަންބީރް ކަޕޫރު އަދި މަނޯޖް ބާޖްޕާއީ އާއި ކެޓްރީނާ ކައިފް އެވެ.

މިފިލްމަކީ 2010 ވަނަ އަހަރު ނިކުތް އެންމެ ކާމިޔާބު ފިލްމުވެސްމެ އެވެ.

މިހާރު ޕްރަކާޝް އަންނަނީ ދެހާސް ތިން ވަނަ އަހަރު ނިކުތް "ގަންގާޖަލް"ގެ ސީކުއަލް އަކަށް އުފައްދާފައވާ "ޖެއި ގަންގާޖަލް" ރިލީޒްކުރުމަށް ތައްޔާރުވަމުންނެެވެ. ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ފުލުހެއްގެ ރޯލުން ފެނިގެންދާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.