ލައިފްސްޓައިލް

ވައި ތެރޭގައި ޕައިލެޓަށް ހާޓް އެޓޭކެއް

ބީމަން ބަންގްލަދޭޝް އެއާލައިންސްގެ މަތިންދާބޯޓެއް ވައިގެ ތެރޭގައި ދަތުރުކުރަމުން ދަނިކޮށް ބޯޓުގެ ކެޕްޓަނަށް ހާޓް އެޓޭކެއް ޖެހިއްޖެ އެވެ. އެވަގުތު ކޯ-ޕައިލެޓް ބޯޓު އުދުއްސުމާ ހަވާލުވެ ރައްކާތެރިކަމާއެކު ބޯޓު ވަނީ އެއާޕޯޓަކަށް ތިރިކޮށްފަ އެވެ. އަދި ވަގުތުން ބޯޓުގެ ކެޕްޓަން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.

ބޯޓުގެ ކެޕްޓަން ނަވްޝާދު އަތާއުލް ގައްޔޫމް، 49، އަށް ހާޓް އެޓޭކް ޖެހުނުއިރު ބޯޓު ދަތުރުކުރަމުންދިޔައީ އޮމާންގެ މަސްކަޓް އިން ބަންގްލަދޭޝްގެ ޑާކާ އަށެވެ. އެ މަތިންދާބޯޓުގައި 126 ފަސިންޖަރުން ތިއްބެވެ.
ޕައިލެޓަށް ހާޓް އެޓޭކް ޖެހުމުން އިމަޖެންސީ ކޮށް ބޯޓު ޖައްސަން ޖެހުނެވެ. އެގޮތުން ބޯޓު ޖެއްސީ އިންޑިޔާގެ ނާގްޕޫރުގެ އެއާޕޯޓަކަށް ކަމަށް އިންޑިއަން އެކްސްޕްރެސް އިން ބުނެފައި ވެއެވެ.

ފާއިތުވީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ހިނގި މި ހާދިސާގައި ބޯޓު އިމަޖެންސީކޮށް ނާގްޕޫރަށް ޖައްސައި އެ ރަށުގެ ހޮސްޕިޓަލަށް ޕައިލެޓް ވަގުތުން ގެންދިޔަ ނަމަވެސް މާ ގިނައިރުތަކެއް ނުވެސް ވަނީ މަރުވެފަ އެވެ.
ޕައިލެޓް ގައްޔޫމް އަކީ ވަރަށް ކުޅަދާނަ ޕައިލެޓެއް ކަމަށް ދަ ޑެއިލީ ސްޓާ ނޫހުގެ ޚަބަރެއްގައި ބުނެފައި ވެއެވެ.

ގައްޔޫމްގެ ޕައިލެޓްކަމުގެ ދަށުގައި 2016 ވަނަ އަހަރު ޑާކާގެ އެއާޕޯޓަށް މަތިންދާބޯޓެއް ވަރަށް ކާމިޔާބުކަމާއެކު އިމަޖެންސީ ލޭންޑިން އެއް ހަދާފައި ވެއެވެ. އެއީ އެ ބޯޓުގެ ލޭންޑިން ގިއަރުންގެ ޓަޔަރެއް ފަޅައިގެން ގޮސްގެންނެވެ. އެ ވަގުތު ބޯޓުގައި 149 މީހުން ތިއްބެވެ.

ގައްޔޫމްގެ ދެ އަންހެންދަރިންނާއި ފިރިހެން ދަރިއަކު ހުރެ އެވެ. އޭނާއާއެކު ކޯ-ޕައިލެޓްކަން ކުރި މީހަކު ބުނި ގޮތުގައި ގައްޔޫމަކީ އެންމެގެ ގަދަރާއި އިހުތިރާމް ލިބިގެންވާ ރަނގަޅު މީހެކެވެ.

ޕައިލެޓް ބަލިވެގެން މަތިންދާބޯޓެއް އިމަޖެންސީކޮށް ޖައްސަން ޖެހެނީ ވަރަށް މަދު ފަހަރަކު އެވެ. މިފަދަ އިމަޖެންސީ ލޭންޑިން އެންމެ ގިނައިން ހަދަނީ ބޯޓުން ދަތުރުކުރާ ފަސިންޖަރަކު ބަލި ކޮންމެހެން އިމަޖެންސީކޮށް ސިއްހީ އެހީތެރިކަން ބޭނުންވާ ހާލަތުގަ އެވެ.

މިއަހަރުގެ މޭ މަހުގެ ތެރޭގައި މެކްސިކޯގެ ސެން ޖޯސް ޑެލް ކާބޯ އިން އެމެރިކާގެ ސިއެޓަލް އަށް ދަތުރުކުރި ޑެލްޓާ އެއާލައިންސްގެ ފްލައިޓެއް ކެލިފޯނިއާގެ އެއާޕޯޓަކަށް އިމަޖެންސީކޮށް ޖައްސާފައި ވެއެވެ. އެ ފަހަރު ބޯޓު އިމަޖެންސީ ލޭންޑިން އެއް ހަދަން ޖެހުނީ ބޯޓުގެ ފަސިންޖަރަކު ކުއްލިއަކަށް ހާލު ބޮޑުވެގެންނެވެ. އެ މީހާ ހާލު ބޮޑުވިތާ 20 ވަރަކަށް މިނިޓް ތެރޭ ބޯޓު އިމަޖެންސީ ލޭންޑިން ހެދި ނަމަވެސް އެމީހާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވި އެވެ.