ގޮތް ނޭނގޭ ބައްޔެއް ޖެހިގެން ޓެންޒޭނިޔާގެ ފަސް މީހުން މިހާތަނަށް މަރުވެއްޖެ އެވެ. އަދި ހަތް މީހަކު މިހާރު ވެސް މި ބައްޔަށް ފަރުވާ ހޯދަމުން އެބަދެ އެވެ. މިއީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ވާތީ އިރުމަތީ އެފްރިކާގެ މި ގައުމުގެ ސިއްހީ ތަޖުރިބާކާރުން ވަނީ ވަރަށް ކަންބޮޑުވެފަ އެވެ.
ޔޫގެންޑާ އާއި ބޯޑަރު ޝެއާ ކުރާ މި ގައުމުގައި ބަލި ފެތުރެމުން ދަނީ ކަގޭރާ ރީޖަން ގައެވެ. މިއީ ޔޫގެންޑާ އާ އެންމެ ގާތުގައި ބޯޑަރުގައި އޮންނަ ރީޖަނެވެ.
ޓެންޒޭނިޔާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު އެފްރިކާ ނިއުސް އަށް ދިން އިންޓަވިއު އެއްގައި ވިދާޅުވީ މި ބަލި ޖެހޭ މީހުންގެ ކިބައިން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ހޮޑުލުން އަދި އެތެރެ ހަށިން ލޭ އައުމާއި ކިޑްނީ ފެއިލް ވުން ހިމެނޭ ކަމަށެވެ.
"މި ބަލީގެ އަސްލު ދެނެގަތުމަށްޓަކައި ބަލި ޖެހުނު މީހުންގެ ގައިން ސާމްޕަލް ނަގައިގެން ޓެސްޓްކުރަން ފޮނުވައިފިން،" އޮފިޝަލް ވިދާޅުވި އެވެ.
ޓެންޒޭނިޔާގައި މި ބަލި ފެތުރެން ފެށީ ޔޫގެންޑާގައި މީގެ ހަތަރު މަސް ކުރިން އެބޯލާ ފެތުރި 55 މީހުން މަރުވެފައި ވަނިކޮށެވެ. މީގެ ކުރިން ވެސް ޓެންޒޭނިޔާގައި ގޮތް ނޭނގޭ ބައްޔެއް ފެތުރިފައި ވެއެވެ. އެ ފަހަރު ބަލި ޖެހިފައިވާ މީހުންގެ ސާމްޕަލް ނަގައިގެން ޓެސްޓް ކުރުމުން އެ ބައްޔަކީ މީދަލުން ޖެހޭ ބައްޔެއް ކަމަށްވާ ލެޕްޓޮސްޕައިރޯސިސް ކަން ވަނީ ޔަގީން ވެފައެވެ. މި ބަލި ޖެހިގެން ވެސް ތިން މީހުން މަރުވި އެވެ.
ޓެންޒޭނިޔާގެ ރައީސް ސާމިއާ ސުލޫހޫ ހަސަން ވިދާޅުވީ ގޮތްނޭނގޭ މި ބަލީގެ އަސްލަކީ ތިމާވެށި ހަލާކުވެފައިވާ މާހައުލެއްގައި އިންސާނުންނާއި ޖަނަވާރުންގެ މެދުގައި މާ ގާތް ގުޅުންތަކެއް ބާއްވާތީ ދިމާވާ ކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.