ސްމާޓްފޯން ބޭނުންކުރާ މީހުން ކުރަންވީ ކަމަކީ ރީތިހާ ފޯނެއް ގަތުން ނޫން ކަމަށާއި ފޯނު އުފައްދާ ކުންފުނިތަކުން ކުޅޭ ކުޅިވަރާ މެދު ވެސް ސަމާލުވާން ޖެހޭ ކަމަށް، އެމެރިކާއަށް ފިލައިގެން ރަޝިއާގައި ދިރިއުޅޭ އެޑްވާޑް ސްނޯޑަން ބުނެފި އެވެ.
ސްނޯޑަން ބުނީ ސްމާޓްފޯން އުފައްދާ ކުންފުނިތަކުގެ ތެރެއިން ވެސް އެންމެ ބޮޑަށް ސަމާލުވާން ޖެހެނީ އައިފޯނު އުފައްދާ އެޕަލްއަށް ކަމަށެވެ. ފޯނުތައް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު އެންމެ ހާމަނުކުރާ ބަޔަކީ އެޕަލް ކަމަށް އާންމުންނަށް ހީވެފައި އޮތް ނަމަވެސް ބާރުގަދަ މީހުންނަ ޖެހުމުން އެޕަލްއަށް ވެސް އެކަން ނުކޮށް ވާން ނޯންނަ ކަމަށް ސްނޯޑަން ބުންޏެވެ.
އެޕަލްއިން އައިފޯނަށް އަޅަން މަސައްކަތްކުރާ އާ ސޮފްޓްވެއާއާ މެދު އައިފޯން ކޮމިއުނިޓީ އޮތީ އުދާސްވެފަ އެވެ. އާސޮފްޓްވެއާއާ ބެހޭ ގޮތުން ބުނެވެނީ އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވަނީ ފޯނު ބޭނުންކުރާ މީހުން ފޯނު ބޭނުންކުރާ ގޮތް ދެނެގަތުމަށް ކަމަށެވެ.
އައިފޯންގައި ހުންނަ ޒާތީ މައުލޫމާތު، ފޮޓޯ އާއި ވަދެއުޅޭ ވެބްސައިޓްތައް އަދި އެއްވެސް ޕްރޮޓޮކޯލެއް މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތައް ވެސް އެޕަލުން ދެނެގަންނަ ކަމަށް ސްނޯޑަން ބުންޏެވެ.
ސްނޯޑަން ބުނީ އައިފޯނެއްގައި ހުރި މައުލޫމާތު ނަގައިދިނުމަށް ޕެންޓަގަންއިން ނުވަތަ އެފްބީއައިއިން އެދި އެޕަލުން އެކަން ނުކޮށްދީފި ނަމަ އައިފޯން ބޭނުންނުުކުރަން އެއޭޖެންސީތަކުން ބާރުއަޅާނެ ކަމަށެވެ. އަދި އެފައިން ބަޔަކު ކުރާ ކަމަކުން އެޕަލްގެ ވިޔަފާރިއަށް ގެއްލުންވާ ނަމަ އެޕަލުން ހިތާމަކުރާނެ ކަމަށެވެ.
ސްނޯޑަން ބުނި ގޮތުން އައިފޯނަކީ ޕެންޓަގަނަށާއި އެފްބީއައިއަށް ވެސް ހުޅުވައިނުލެވޭ ވަރުގެ ރައްކާތެރި ފޯނަކަމަށް އެބުނާ ބުނުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. އޭނާ ބުނީ އެޕަލުން ވިޔަފާރިކުރަނީ އިންޓެލިޖެންސް ކުންފުނިތަކާ ގުޅިންގެން ކަމަށެވެ.