އެމްޓީސީސީ

ފެހެންދޫ އާއި މަޑުއްވަރީ ބަނދަރުގެ އަޕްޑޭޓެއް ދީފި

Sep 3, 2021

ބ. ފެހެންދޫ އާއި ރ. މަޑުއްވަރީގައި އެމްޓީސީސީ އިން ތަރައްގީކުރަމުން އަންނަ ބަނދަރު މަޝްރޫއުތަކުގެ އަޕްޑޭޓެއް ދީފި އެވެ.

އެގޮތުން ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 90 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ. އަދި ބްރިޖް އެޅުމުގެ މަސައްކަތުގެ 91 ޕަސެންޓް ވަނީ ނިމިފަ އެވެެ.

މި މަޝްރޫއުގެ ދަށުން 18,500 ކިއުބިކް މީޓަރުގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 25,000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ފުންކުރުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުން ހިމެނެ އެވެ. އަދި 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.

މި މަޝްރޫއުގެ ދަށުން މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 83 ޕަސެންޓް ނިމިފައިވާ ކަމަށާއި އެރަށު ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް އެކުންފުނިން މިއަދު ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ ދަށުން 7,280 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 65,520 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި، 411 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެ އެވެ.

އަދި 566 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2825 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އަދި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މަޑުއްވަރީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަގަކީ 72.66 މިލިއަން ރުފިޔާ އެވެ، ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަގަކީ 45.1 މިލިއަން ރުފިޔާ އެވެ.