ހދ. ކުޅުދުއްފުށީ ބަނދަރުގެ މަސައްކަތް ނިންމާލައި އިތުރު ދެ ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރިޔަށް ދާ ގޮތުގެ އަޕްޑޭޓް އެމްޓީސީސީން ދީފި އެވެ.
ކުޅުދުއްފުށި ސިޓީގެ ބަނދަރުގެ މަސައްކަތް ފެށީ ޑިސެމްބަރު 26، 2018 ގަ އެވެ. އެ ބަނދަރު ތަރައްގީ ކުރަން 137.6 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީން ބުނީ ކުޅުދުއްފުށީގެ ބަނދަރު ނިންމާލި އިރު ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 50 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ. އަދި ފުޅަދޫ އެއްގަމުތޮށި ލުމަށް ބޭނުންވާ ސާމާނު ގެންދިއުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.
އެ މަޝްރުއުގައި 51،861.5 ކިއުބިކު މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 108 މީޓަރުގެ ބޭރުތޮށި ލުމާއި، 223 މީޓަރުގެ އެއްގަމުތޮށި ލުމާއި، 283 މީޓަރުގެ ރިވެޓުމަންޓު ޖެހުމާއި، 558 އަކަ މީޓަރުގެ ޕޭމަންޓު ހެދުމުގެ އިތުރުން ނެރު ބައްތި އަދި މަގުމަތި ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.
މީގެ އިތުރުން ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުން 31 ޕަސެންޓް ވަނީ ނިންމާފަ އެވެ. އެމްޓިސީސީން ބުނީ އެ ރަށުގެ އެއްގަމުތޮށި ލާން ބޭނުންވާ ސާމާނު ގެންދަން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ރަށުގެ ބަނދަރުގައި 7،280 ކިއުބިކު މީޓަރުގެ ނެރު ފުންކުރުމާއި، 65،520 މީޓަރުގެ ފަޅު ފުންކުރުމާއި، 441 މީޓަރުގެ ބޭރުތޮށި ލުމާއި، 566 މީޓަރުގެ އެއްގަމުތޮށި ލުމާއި، 135 މީޓަރު ވެޓުމަންޓު ޖެހުމާއި، 2825 އަކަ މީޓަރަށް ޕޭމަންޓު ހެދުމުގެ އިތުރުން ނެރު ބައްތި ޖަހައި މަގުމަތި ބައްތި ހަރު ކުރާނެ އެވެ.