އެޓާނީ ޖެނެރަލް

އަށް މަހުން 74 ކުޑަކުއްޖަކަށް ގާނޫނީ ވަކީލުންގެ އެހީ

Sep 3, 2021

މި އަަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި އެންމެ ގިނައިން ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލުން ހަމަޖައްސައިދީފައި ވަނީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ތަފާސް ހިސާބުތައް ދައްކައިފި އެވެ.

އޭޖީ އޮފީހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ އަށް މަހު ޖިނާއީ ބޮޑެތި މައްސަލަތަކުގައި 140 މީހަކަށް ގާނޫނީ ވަކީލުން ވަނީ ހަމަޖައްސައިދީފަ އެވެ. އޭގެ ތެރޭގައި 74 ކުޑަކުއްޖަކަށް އަދި 66 މީހަކަށް ވަނީ ދައުލަތުގެ ފަރާތުން ވަކީލުން ހަމަޖައްސައިދީފަ އެވެ.

އެންމެ ގިނަ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކީލުން އައްޔަނުކޮށްދީފައި ވަނީ މަސްތުވާތަކެތީގެ ކުށް ކޮށްގެން ދައުވާކޮށްފައިވާ މީހުންނަށެވެ. އެގޮތުން 40 ކުޑަކުދިންނާއި 38 މީހުން ހިމެނެ އެވެ.

އަށާރަ އަހަރުން ދަށުގެ ކުދިންގެ ތެރެއިން ދެން އެންމެ ގިނައިން ވަކީލުން ހަމަޖައްސައިދީފައި ވަނީ މާރާމާރީ ހިންގައިގެން މިހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކުދިންނެވެ. އެއީ 18 ކުދިންނެވެ. އަށް ކުއްޖަކަށް ވަށްކަން ކުރި ކުށުގައި، އަދި ތިން ކުއްޖަކަށް މީހުން މެރުމުގެ ކުށުގެ ދައުވާ އުފުލައިގެން ދައުލަތުގެ ފަރާތުން ވަނީ ވަކީލުން ހަމަޖައްސައިދީފަ އެވެ.

އަށާރަ އަހަރުން މަތީގެ މީހުންގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކުށުގައި 17 މީހަކަށް ވަނީ ގާނޫނީ ވަކީލުން އައްޔަނުކޮށްދީފަ އެވެ. ހަތަރު މީހަކު މީހުން މެރުމުގެ ކުށުގަ އެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހާއަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭނެ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހެއްނަމަ އެމީހަކަށް ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސައިދިނުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވެއެވެ.