ޑރ. މުހައްމަދު ޖަމީލް އަހުމަދު

ރިޔާސީ އިންތިހާބެއް ބޭއްވޭނީ ރައީސް ޔާމީން ހިމަނައިގެން: ޖަމީލް

ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވޭނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިމަނައިގެން ކަމަށާ އެ ނޫން އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ކުރީގެ ނާއިބު ރައީސް އަދި ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "އައްޑަނަ" ނަމުގައި މިރޭ ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުނުކޮށްފިނަމަ 2023 ގެ ރިޔާސީ އިންތިހާބުން އެމަނިކުފާނަށް ފުރުސަތެއް ނޯންނާނެ އެވެ. އަދި އެ ހުކުމް ބާތިލުކުރިނަމަވެސް މިހާރު ދަށު ކޯޓްތަކުގައި ހިނގާ ޝަރީއަތަށް ފަހު އިތުރު ހުކުމެއް ކޮށްފިނަމަވެސް އިންތިހާބުން ފުރުސަތު ގެއްލޭނެ އެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ 2023 ގެ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެ ކަމަށާ ރައްޔިތުން އެދޭ ބަދަލުތައް ރާއްޖެއަށް ގެނެސްދެއްވާނީ އެމަނިކުފާނު ކަމަށެވެ. ވަރަށް ޖޯޝްގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވޭނީ ރައީސް ޔާމީން ހިމަނައިގެން ކަމަށާ ޕީޕީއެމްގައި އެ ނޫން ނަމެއް ނޯންނާނެ ކަމަށެވެ.

"ރަނގަޅަށް ކަނުލާ އަޑުއައްސަވާ. ދިވެހިރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވޭނީ ރައީސް ޔާމީން ހިމަނައިގެން. އެ ނޫން އެއްވެސް ގޮތެއް ނޯންނާނެ. އެ ލިސްޓްގައި ޕީޕީއެމުން އެކަކަށްވެސް ދެއަކަށްވެސް ތިނަކަށްވެސް ސަތޭކައަށްވެސް އޮންނާނީ ރައީސް ޔާމީންގެ ނަންފުޅު،" 2013 ގައި ޔާމީންގެ ރަނިންމޭޓަކަށް އިހުތިޔާރު ކުރެއްވެވި ޖަމީލް ވިދާޅުވިއެވެ.

ރަނގަޅަށް ކަނުލާ އަޑުއައްސަވާ. ދިވެހިރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވޭނީ ރައީސް ޔާމީން ހިމަނައިގެން. އެ ނޫން އެއްވެސް ގޮތެއް ނޯންނާނެ. އެ ލިސްޓްގައި ޕީޕީއެމުން އެކަކަށްވެސް ދެއަކަށްވެސް ތިނަކަށްވެސް ސަތޭކައަށްވެސް އޮންނާނީ ރައީސް ޔާމީންގެ ނަންފުޅު
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ރައީސް ޔާމީންގެ އިސް ވަކީލް

ޖަމީލް ވަނީ ރައީސް ޔާމީންގެ ޝަރީއަތް ދަށު ކޯޓްގައި ހިނގާދިޔަ ގޮތާ ގުޅޭގޮތުންވެސް ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފައެވެ. އަދި ރައީސް ޔާމީންގެ މައްސަލަ ދަށު ކޯޓްގައި ހިންގެވި ފަނޑިޔާރުން ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯތައް އާންމުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ ދެކެވަޑައިނުގަންނަވާ ހުކުމަކަށް އަދި އިޖްތިހާދު ނުކުރައްވާ ހުކުމެއް ފަނޑިޔާރަކު ކޮށްގެން ނުވާނެ ކަމަށާ އެފަދަ ހުކުމެއް ވާނީ މުޅީން ބާތިލު ހުކުމަކަށް ކަމަށެވެ.

ޖަމީލް އިޝާރާތް އެ ކުރައްވަނީ ފަނޑިޔާރުންގެ ބެންޗުގައި އިންނެވި އަލީ އާދަމް ދެއްކެވި ކަމަށް ބުނާ ވާހަކަތަކަކަށެވެ. އާންމުވެފައިވާ އޯޑިއޯތަކުގައި އަލީ އާދަމް ވަނީ ރައީސް ޔާމީނަށް ކުރެއްވި ހުކުމް ފެނިވަޑައިނުގަންނަވާ ކަމަށާ ބެންޗުގައި އިނީ ސަރުކާރުން އެކަމަށް އެދިވަޑައިގަތުމުން ކަަމަށް ވިދާޅުވެފައެވެ. -ނަމަވެސް އެ ފަނޑިޔާރު ވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ޖޭއެސްސީން ބަލަމުންދާ މައްސަލައަށް ފަނޑިޔާރުން ގެންދަވަނީ އެއްބާރުލުން ދެއްވަމުންނެވެ. އެ ފަނޑިޔާރުންގެ އޯޑިއޯ އެނެލިސިސް ހެދުމަށް މިހާރު ވަނީ ސާމްޕަލްވެސް ނަގާފައެވެ-

ޖަމީލް ވިދާޅުވީ ފަނޑިޔާރުންގެ އަމަލުތައް އެގޮތަށް ހުރިއިރު ދައުލަތުން ރައީސް ޔާމީންއާ ދެކޮޅަށް ހެކިންގެ ގޮތުގައި ގެނެސްފައިވަނީ އެމަނިކުފާނުގެ ނަފްސަށް އެންމެ ބޮޑަށް އަނިޔާވެރިވީ ބޭފުޅުން ކަމަށެވެ. އެއީ ގާނޫނީ އަދި ޝަރުއީ އެއްވެސް ހަމައަކުން ކުރެވޭނެ އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ މައްސަލަ ދިވެހިރާއްޖޭގެ ކޯޓްތަކަށް ވަދެގެން ދިޔައީމަ ސަރުކާރަށް ހީވީ ހަމަ ރަނގަޅަށްވެސް މުށި މަސް އައިނެއް ވަނީހެއް ފަޅުތެރެއަށް. ތެޅި ފޮޅިގަތީ. އެމީހަކު ބޭނުން ގޮތަކަށް ބޭނުން އެއްޗެއް ލިބޭނޭ. ކަލޭ ބޭނުމީ މަގާމުހޭ، މަތީގައި އެބަހުއްޓޭ ބޮޑު ގޮޅިއެއް ދިއްލާފައި. ކަލެއަށް އޭތި ލިބޭނޭ. ކަލެއަށް އެވެނި އެއްޗެއް ލިބޭނޭ. ބައްލަވާ. މިއަދު މި ދައްކަނީ އެ ވާހަކަ އިނގޭތޯ،" އާންމުވެފައިވާ އޯޑިއޯތަކުގައި ފަނޑިޔާރުންނަށް ލިބޭނެ މަގާމުތަކާއި ގުޅޭގޮތުން ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތަކަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވަނީ ޝަރުއީ ނިޒާމު މިހާރު އޮތް ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ވިދާޅުވީ ރައީސް ސޯލިހުގެ ރިޔާސީ އެންމެ މުހިންމު އެއް ވައުދަކީ ޝަރުއީ ނިޒާމު މިނިވަން ކުރުމާއި ޖުޑީޝަލް ސާވިސް ކޮމިޝަން ސިޔާސީ ނުފޫޒުން އެއްކިބާ ކުރުން ކަމަށެވެ. ނަމަވެސް ދައުރު ދެބައިގެންދިޔައިރު ދިވެހިރާއްޖޭގެ ގާނޫނީ، ޝަރުއީ ނިޒާމު އޮތީ ވަކި ލޯފާމަކަށް ހިބަކޮށްދީފައި ކަމަށެވެ.

އަދި ވިދާޅުވީ މުޅި ޝަރުއީ ނިޒާމު އޮތީ ގަދަ ނިދިން ނިދާފައި ކަމަށެވެ. އިންސާފު ހޯދައިދޭން ވައުދުވަމުން އައި އެމްޑީޕީއަށް މިއަދު އެ ލަފުޒު ބޭނުން ކުރުމުގެ އެއްވެސް ހައްގެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ. އަދި އަމުރެއް އިއްވަވާ ވިދާޅުވީ ދޯންޏެއްގެ މަތީގައިވެސް މަގެއްގެ މަތީގައިވެސް އަދި ސިއްރުންވެސް އިންސާފުގެ ވާހަކަ ދެއްކުން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް މިރެއިން ފެށިގެން މަނާވެއްޖެ ކަމަށެވެ.

"މިއަދު މުޅި ދިވެހިރާއްޖޭގައިވާ ކޯޓްތައް ބަލަހައްޓާ ކޮމިޝަން އޮތީ އެންމެ ލޯފާމެއްގެ ތެރޭގައި ތާށިވެފައި. މުޅި ކޮމިޝަން އޮތީ ތާށިވެފައި. ދިވެހިރާއްޖޭގެ ޖޭއެސްސީގައި ތިއްބެވި އެޓާނީ ޖެނެރަލް އެ ލޯފާމް. ހިސާން ހުސައިން އެ ލޯފާން. ދައުވާކުރާ މީހާ، އެ ޝަމީމް އެ ލޯފާމްއާ ގުޅުން އޮވޭ. ދިވެހި ފުލުހުންގެ ބޯޑްގައި އިންނަވާ އަންހެން ބޭކަނބަލާ [ޝަފާ] އެ ލޯފާމް. އެހެންވީމަ އެމްޑީޕީން މިފަހަރު އައިސްފައި އެންމެ މޮޅަށް ކުރިކަމަކީ މުޅި ދިވެހިރާއްޖޭގެ ގާނޫނީ، ޝަރުއީ ނިޒާމު ހަމަ ރަނގަޅަށް ޕްރައިވެޓައިޒް ކޮށްލުން. ހިސާން އެންޑް ކޯއަށް ދިވެހިރާއްޖޭގެ ގާނޫނީ، ޝަރުއީ ނިޒާމު ޕްރައިވަޓައިޒްވެ ނިމިއްޖެ،" ކުރީން ޖަސްޓިން މިނިސްޓަރު ކަމާއި އިސްގާޒީކަންވެސް ކުރެއްވި ޖަމީލް ވިދާޅުވެއްޖެ އެވެ.

މިއަދު މުޅި ދިވެހިރާއްޖޭގައިވާ ކޯޓްތައް ބަލަހައްޓާ ކޮމިޝަން އޮތީ އެންމެ ލޯފާމެއްގެ ތެރޭގައި ތާށިވެފައި. މުޅި ކޮމިޝަން އޮތީ ތާށިވެފައި. ދިވެހިރާއްޖޭގެ ޖޭއެސްސީގައި ތިއްބެވި އެޓާނީ ޖެނެރަލް އެ ލޯފާމް. ހިސާން ހުސައިން އެ ލޯފާން. ދައުވާކުރާ މީހާ، އެ ޝަމީމް އެ ލޯފާމްއާ ގުޅުން އޮވޭ. ދިވެހި ފުލުހުންގެ ބޯޑްގައި އިންނަވާ އަންހެން ބޭކަނބަލާ [ޝަފާ] އެ ލޯފާމް. އެހެންވީމަ އެމްޑީޕީން މިފަހަރު އައިސްފައި އެންމެ މޮޅަށް ކުރިކަމަކީ މުޅި ދިވެހިރާއްޖޭގެ ގާނޫނީ، ޝަރުއީ ނިޒާމު ހަމަ ރަނގަޅަށް ޕްރައިވެޓައިޒް ކޮށްލުން. ހިސާން އެންޑް ކޯއަށް ދިވެހިރާއްޖޭގެ ގާނޫނީ، ޝަރުއީ ނިޒާމު ޕްރައިވަޓައިޒްވެ ނިމިއްޖެ
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ރައީސް ޔާމީންގެ އިސް ވަކީލް

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވީ އެމްޑީޕީން ރާއްޖެއަށް ގެނައި ތަރައްގީއެއް ނެތް ކަމަށެވެ. އެޅި ބްރިޖެއް، އެޅި ފްލެޓެއް ރާއްޖޭގައި ނުހުންނާނެ ކަމަށެވެ. އޭގެ ބަދަލުގައި އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ދައުލަތުގެ ބައިތުލްމާލުން ވައްކަން ކޮށް ދައުލަތް "ލޫޓުވާ" ކަމަށް ވިދާޅުވިއެވެ.

އަދި މިހާރު އޮތް ސަރުކާރު ސިފަވަނީ ރާއްޖެ "ހުސްކުރާ ސޭލް" ގައި ވިއްކަން އައި ސަރުކާރެއްގެ ގޮތުގައި ކަަމަށް ވިދާޅުވިއެވެ.

"އެމްޑީޕީއަކީ ދިވެހި ގައުމުގައި ހުސްކުރާ ސޭލް އަޅުވަން އައި ޕާޓީ. ހުސްކުރާ ސޭލް އަޅުވާ ޕާޓީ. ފަޅުރަށްތައް ވިއްކާލި، ގިރިތައް ވިއްކާލި. ދައްޕަރު ވިއްކާލި. އައްޑޫ ވިއްކާލި. ހަނިމާދޫ ވިއްކާލި. މާލެ ވިއްކައިފި. ހުޅުމާލެ ވިއްކައިފި. ސުކޫލުތައް ވިއްކައިފި. ވެލާނާގެ ބިލްޑިން ވިއްކައިފި. މިސްކިތް ވިއްކައިފި. ގުއްބު ވިއްކައިފި. ދެން ވިއްކަން އޮތީ ދިވެހިރާއްޖޭގެ ގައުމީ ލަވަ. އެމްޑީޕީއަކީ ޝައްކެއް ނެތް ގޮތުގައި ހުސްކުރާ ސޭލް އަޅުވާ ޕާޓީ،" މި ސަރުކާރު ގެނައުމަށްވެސް މަސައްކަތްތަކެއް ކުރެއްވި ޑރ. ޖަމީލް ވިދާޅުވިއެވެ.