ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ހަރުކަަށި ފިޔަވަޅުތައް އަޅާފައިވާ އައްޑޫ ސިޓީން އިތުރު 28 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ މިއަދު ބަލި ޖެހުނު 28 މީހުންނާއެކު އެ ސިޓީން މިހާތަނަށް 980 މީހަކަށް ބަލި ޖެހިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 727 މީހަކު ވަނީ އެ ބަލީން ފަސޭހަވެފައެވެ.
ބަލީން ފަސޭހަނުވެ ތިބީ 250 މީހެކެވެ. މިއީ ނިސްބަތުން ވަރަށް މަތީ ނަންބަރެކެވެ. އޭގެ ތެރެއިން ހަތަރު މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖެއިން ކޮވިޑްގައި މަރުވި 226 މީހުންގެ ތެރެއިން ތިން މީހުންނަކީ އައްޑޫ ސިޓީން މަރުވި މީހުންނެވެ.
ބަލިން ފަސޭހަނުވެ ތިބި 250 މީހުންގެ ތެރެއިން 70 މީހުންނަކީ ހިތަދޫ މީހުންނެވެ. 125 މީހަކީ މަރަދޫއަށް ނިސްބަތާ މީހުންނެވެ. އަދި މަރަދޫ ފޭދޫގައި ނުވަ މީހަކު ފޭދޫގައި 20 މީހަކު އެބަތިއްބެވެ.
މީދޫއީން 22 މީހަކަށް ބަލި ޖެހިފައި ތިބިއިރު ހުޅުދޫގައި ތިން މީހަކު އަދި ގަމުގައިވެސް ބަލި ޖެހި ފަސޭހަނުވެ ހުރި މީހަކު އެބަހުއްޓެވެ.
މިދިޔަ ސައުވީސް ގަޑިއިރުގެތެރޭގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން 224 ސާމްޕަލް ނަގާފައިވެއެވެ. އެ ސިޓީން މިހާތަނަށް 18،163 މީހެއްގެ ސާމްޕަލް ނަގާފައިވެއެވެ.
ކޮވިޑްގެ ހާލަތު ގޯސްވެ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ދަނީ ކާފިއުވެސް ހިންގަމުންނެވެ.