އަންނަ ޑިސެމްބަރު އިންޑިޔާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ނުވަތަ ސުކުޒީ ކަޕަށް ފަހު ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލަން ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ނިންމައިފި އެވެ.
ގައުމީ ޓީމަށް 44 ގޯލު ޖަހާދީފައިވާ ކުޅަދާނަ ފޯވަޑް ގައުމީ ޖާޒީ ބާލަން ނިންމި ވަކި ސަބަބެއް ނުބުނެ އެވެ.
"މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އަހަރެންގެ އެންމެ ފަހު ސާފް ޗެމްޕިއަންޝިޕް. ގައުމު ތަމްސީލުކުރުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް،" ދަގަނޑޭ އޭނާގެ ރަސްމީ ފޭސްބުކްގައި މިއަދު ބުނެފައިވެ އެވެ.
ވެލެންސިއާއިން 2001 ވަނަ އަހަރު ފުޓްބޯޅަ ކުޅެން ފެށި ދަގަނޑޭ ގައުމީ ޓީމަށް ކުޅެން ފެށީ 2003 ވަނަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް ހަތަރު ސާފް ޗެމްޕިއަންޝިޕުގައި ކުޅެފަ އެވެ. އެއީ ޕާކިސްތާނުގައި 2005 ވަނަ އަހަރު އޮތް މުބާރާތާއި ރާއްޖެ އާއި ލަންކާގައި 2008 ވަނަ އަހަރު ބޭއްވި މުބާރާތާއި ނޭޕާލުގައި 2009 ވަނަ އަހަރު ބޭއްވި މުބާރާތާއި 2011 ވަނަ އަހަރު އިންޑިޔާގައި ބޭއްވި މުބާރާތާއި 2013 ވަނަ އަހަރު ނޭޕާލްގައި ބޭއްވި މުބާރާތެވެ. މީގެ ތެރެއިން 2008 ވަނަ އަހަރުގެ މުބާރާތް ރާއްޖެ ކާމިޔާބުކުރިއިރު އެ މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ވެސް މިހާރު މެލޭޝިޔާގެ ޕީޑީއާރުއެމް އަށް ކުޅެމުން އަންނަ 30 އަހަރުގެ ފޯވަޑެވެ.
ކެރިއަރުގައި ނިއު އާއި ވީބީގެ އިތުރުން ބުރޫނާއިގެ ޑީޕީއެމްއެމް އަށް ވެސް ކުޅުނު ދަގަނޑޭ އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އަދި ފުޓްބޯޅައިން ދިރިއުޅުން ބިނާކުރި އެންމެ ފައްކާ ޝަހުސިއްޔަތަކީ ވެސް އޭނާ އެވެ.
ގައުމީ ޓީމުގެ ކެޕްޓަންކަން 2009 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ދަގަނޑޭ އަކީ ސާފް ޗެމްޕިއަންޝިޕުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އަނެއްކޮޅުން 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ރާއްޖޭގެ ގައުމީ ޓީމު ރިހިމެޑަލް ހޯދިއިރު އެ މުބާރާތަކީ ދަގަނޑޭ ޓީމާއެކު ގެންދެވުނުނަމަ ރާއްޖެ އަށް ކާމިޔާބުވާނެ މުބާރާތެއް ކަމަށް އެއިރުގެ ގައުމީ ކޯޗު ޖޯސެފް ޔަންކޭ ވެސް ފަހުން ބުންޏެވެ.