ތިޔައީ ވެދާނެ ގޮތެކެވެ. ސަބަބަކީ އަހަރެމެންގެ ސިކުނޑީގެ ނުވަތަ ހަނދާނުގެ އެންމެ ބޮޑު ފެއިލިއާ އަކީ އެއީ ކަމަށްވާތީ އެވެ.
އަލަށް ބައްދަލުވާ މީހެއްގެ ނަން ހަނދާނުން ކައްސާލައިގެން ދިއުމަކީ ވަރަށް ފުރުސަތު ބޮޑު ކަމެކެވެ. އެމީހަކާއެކު އެތައް އިރެއް ވަންދެން އަނގަތަޅައި ކޮފީ ބުއިމުގައި ވަގުތު ހޭދަކޮށްލެވުނަސް ވަކިވުމަށް ފަހު ކުއްލިއަކަށް އެ މީހާގެ ނަން ހަނދާން ނެތުމަކީ އެންމެން ވެސް އާންމު ދިރިއުޅުގައި ތަޖުރިބާކޮށްފައިވާ "ފެއިލިއާ" އެކެވެ.
މީގެ އިތުރުން ވަރަށް މުހިންމު މީހެއް ނުވަތަ ކޮންމެވެސް ގޮތަކުން އަމިއްލަ ދިރިއުޅުމަށް އަސަރުކޮށްފައިވާ މީހެއްގެ ނަން ވެސް ބައެއް ހާލަތްތަކުގައި ހަމަ ކުއްލިއަކަށް ހަނދާނުން ފޮހެވިގެން ހިނގައިދާނެ އެވެ. އެމީހެއްގެ ސިފަ އާއި ހަރަކާތްތައް ލޯ މައްޗަށް ކުލަވަމުން ދިޔަ ނަމަވެސް ނަމުގެ ޚަބަރެއް ސިކުނޑިއަށް ނުވާ ފަހަރުތައް ވަރަށް ގިނައިން ތަޖުރިބާކުރެވެއެއް ނޫންތޯ އެވެ؟
އެހެންވީމަ މިވަނީ ކިހިނެތް ހެއްޔެވެ؟
އިންސާނާގެ ހަނދާނުގެ ސިކުނޑިއަކީ އެހާ ފުރިހަމަ އަށް ތަރައްގީކުރެވިފައިވާ ނިޒާމެއް ނޫނެވެ. ބޮލަށް ވަންނަ ކޮންމެ ހަނދާނަކަށް ހާއްސަ ފޯލްޑާއެއް ސިކުނޑީގައި ނެތެވެ. އަދި "މީހުންނާއި ތަންތަނާއި ތަކެއްޗަށް" ކިޔާ ނަންތައް ރައްކާކުރުމަކަށް ވެސް ހާއްސަ ފޯލްޑާއެއް ގާއިމުކޮށްފައެއް ނެތެވެ.
އަހަރެމެންގެ ސިކުނޑީގައި އޮންނަނީ ހަނދާނުގެ ވިލާގަނޑެކެވެ. ހުރިހާ ހަނދާންތަކެއް އެކަތި އަނެކައްޗާ ގުޅިގެން ގޮސް އުފެދިފައިވާ އޮޅުންބޮޅުންގަނޑެކޭ ވެސް ބުނެވިދާނެ އެވެ. ޖީބަށް ލާ ހެޑްފޯނު ނަގާއިރު އޮންނާނީ ވެސް މިކަހަލަ ގޮތަކަށެވެ.
މިއީ "ޑޭއި ޑްރީމިން" ނުވަތަ ހިޔާލީފޮލާ ކެއްކުމެއްގެ ތެރެއަށް ވެސް އަހަރެމެން ދަމައިގެންދާ މައިގަނޑު ސަބަބެވެ.
ސިކުނޑިއަށް މައުލޫމާތު އެއްކޮށް ހަނދާނުގެ ގޮތުގައި ރައްކާކުރަމުން ދަނީ ވަކި ހާއްސަ ބުއްދިވެރިކަމެއް ބޭނުންކޮށްގެނެއް ނޫނެވެ. ވަގުތާއި ހާލަތާއި ބައްދަލުވާ އިއްތިފާގުންނެވެ. އެއްޗެއް ނުވަތަ ކަމެއް ދަސްވާ ތަރުތީބަކުންނެވެ.
މިފަދަ ގޮތަކަށް ސިކުނޑީގެ ހަނދާނުގެ ގުދަނަށް މައުލޫމާތު އެއްކޮށް ޖަމާކޮށްފައިވުމުން ސުވާލެއްގެ ސީދާ ޖަވާބު ނޭނގުނަސް އެ ސުވާލެއްގެ ރަނގަޅު ޖަވާބު ދިމާކުރަން ފަސޭހަވެ އެވެ.
މިސާލަކަށް ސުވާލަކީ، ފްރާންސްގެ އެންމެ މަޝްހޫރު ބިނާ އަކީ ކޮބައިކަން ކަމަށް ވެއްޖެ ނަމަ އޭގެ ޖަވާބަކީ އައިފިލް ޓަވަރު ނޫން ކަމަށް ވިޔަސް އެންމެ ފުރަތަމަ ވެސް ސިކުނޑިން ހޮވާ ޖަވާބަކަށް އައިފިލް ޓަވަރު ވެދާނެ އެވެ.
ސިކުނޑީގެ ހަނދާންތައް މިފަދަ ގޮތަކަށް ތަރައްގީކޮށްފައި ވަނީ މަގުސަދެއް ވެސް އޮވެގެންނެވެ. އެހެންވީމަ އަލަށް ބައްދަލުވާ މީހެއްގެ ނަން ކުއްލިއަކަށް ހަނދާނުން ފިލައިގެންދާ ގޮތަކީ ކޮބައި ހެއްޔެވެ؟
ސަބަބަކީ އަލަށް ބައްދަލުވާ މީހާގެ ނަން ހަނދާނަށް މުހިންމު ނުވާތީ އެވެ. ނުވަތަ ހަނދާނުގެ ޑޮޓްސްތަކާ ގޮސް ނުގުޅޭތީ އެވެ. އަނެއްކޮޅުން އެ މީހެއްގެ ނަމަކީ ތިމާގެ އަމިއްލަ ސިކުނޑީގައިވާ އެއްވެސް ހަނދާނަކާ ވެސް ގުޅޭ ނަމަކަށް ނުވުމަކީ ވެސް އެ ނަން ހަނދާނުން ފޮހެވިގެންދާ ފަސޭހަ ސަބަބެކެވެ.
އެކަމަކު ދެކެވުނު ވާހަކަ ހަނދާން ހުރެއެއް ނޫން ހެއްޔެވެ؟ ސަބަބަކީ ދެކެވޭ ވާހަކަތަކުގެ ތެރެއިން އުފެދިގެން އަންނަ ބަސްތަކާއި ޖުމްލަތައް މީގެ ކުރިން ވެސް ހަނދާނުގެ ތެރެއަށް ރިކޯޑްކުރެވިފައިވާތީ އެވެ.
އެހެންވީމަ އަލަށް ބައްދަލުވާ މީހެއްގެ ނަން ފަހުން ހަނދާން ސިކުނޑީގައި ފަސޭހައިން ސޭވްކުރާނެ ގޮތަކީ ކޮބައި ހެއްޔެވެ؟ އެމީހެއްގެ ނަން އަމިއްލަށް ރިޕީޓްކޮށްލާށެވެ. މިސާލަކަށް ވާހަކަ ދައްކަމުންދާއިރު ވެސް އެމީހެއްގެ ނަން ދޭތެރެ ދޭތެރެއިން ބޭނުންކުރުމަކީ ދެކެވޭ ވާހަކަގެ ތެރެއަށް ނަން ވަދެ ވާހަކައާ އެކު ނަން ސިކުނޑީގެ ތެރެއަށް ވަންނާނެ ކަމެކެވެ.