ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމުހޫރީ ޕާޓީ އަށް ކުރިމަތިވާނެ އެއްވެސް ޗެލެންޖެއް ނެތް ކަމަށް އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވެއްޖެ އެވެ.
އަވަސްގެ ފޭސް ޓު ފޭސް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަލީ ސޯލިހް ވިދާޅުވީ ޖޭޕީ އަށް މިހާތަނަށް ދިމާވި އެންމެ ބޮޑު ޗެލެންޖަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ދިމާކޮށް ވާދަކުރުމުގެ ފުރުސަތު ނުލިބި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލުގެ ތޭރިތަކުގައި ފަހަތުގައި ހުންނަވަން ޖެހިވަޑައިގަތުން ކަމަށެވެ. ނަމަވެސް މިހާރު އެފަދަ ޗެލެންޖެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
އަލީ ސޯލިހް ވިދާޅުވީ މިހާރު އޮތް ޗެލެންޖަކީ ކޮވިޑްގެ ހާލަތު އެކަނި ކަމަށެވެ. ސިޔާސީ ގޮތުން އެއްވެސް ފިއްތުންތަކެއް ޖޭޕީއަށް ކުރިމަތި ނުވާ ކަންވެސް ޔަގީންކޮށްދެއްވި އެވެ. މިއަދުގެ ސަރުކާރުން-- ރައީސް ސޯލިހުގެ ސަރުކާރުން--- ސިޔާސީ ޕާޓީތައް ހިންގުމުގައި އެއްވެސް ދަތިތަކެއް ކުރިމަތި ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ވެސް މިއަދުގެ ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި މީހެއް. އެކަމު އަޅުގަނޑުމެން ޕްރޮގްރާމްތަކަށް އަރައި ބޭނުން ވާހަކައެއް ދެއްކުމުގެ މިނިވަން އޮވޭ." އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވި އެވެ.
ޖޭޕީގެ މުސްތަގުބަލަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށާއި ވަކި ޕްލޭނެއްގެ ދަށުން ޕާޓީން އެ މަސައްކަތުގައި ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެ އަމާޒުތައް ހާސިލް ކުރުމުގައި ވެސް އެއްވެސް ޗެލެންޖަކާއި ކުރިމަތިވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އަލީ ސޯލިހް ވިދާޅުވީ މީހަކު ސިޔާސީ ޕާޓީއެއް ހަދައިގެން ނުވަތަ އަންނަން އޮތް ރިޔާސީ އިންތިހާބަށް ވާދަކޮށްފާނެތީ ޖޭޕީން ބިރު ނުގަންނަ ކަމަށެވެ. އަދި ޖޭޕީގެ ލީޑަރަކީ ދެ ފަހަރެއްގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ބޭފުޅެއް ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކޮށް އަދި ޓެސްޓް ކުރެވިފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ވޯޓުން ގާސިމް އިންތިހާބު ކޮށްދެއްވައިފިނަމަ ތަފާތު ދައްކަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހަށް ގިނަ ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވަމުން އަލީ ސޯލިހް އިތުރަށް ވިދާޅުވީ ޖޭޕީން މިހާރު ފްލޭންކޮށްފައިވާ ގޮތަށް ކަންކަން ކުރިއަށްދާނަމަ ޖޭޕީގެ އަމާޒަށް ވާސިލް ވާނެ ކަމަށެވެ.